އުމުރުން 21 އަހަރުގެ ޔުމްނާ ލަތީފް (ޔުމް) ސިނގިރެޓު ބޯން ފެށީ މީގެ ތިން އަހަރު ކުރިންނެވެ. އޭރު އޭނާ އުޅުނީ ސްކޫލުގައި ކިޔަވާށެވެ. ޔުމް ސިނގިރެޓު ބޯން ފަށާފައި ވަނީ އޭނާގެ ލޯބިވެރިޔާއާ އެކު އެވެ.

"އޭނަޔާއި ރައްޓެހި ވެގެން އުޅުނުއިރު ވަރަށް މައްސަލަ ޖެހޭނެ. މަށަށް ވަރަށް ޝަކުވާ ކުރެވޭ އެކިއެކި ކަންކަމުގައި. ބިޓު ބުނީ ތިކަން އޯކޭވާނޭ. ކޫލް ވާނެ ޔޯ ފެގު ބުއީމަ. އެހެން ބުނީމަ އަސްލު އަހަންނަށް ސްޓާޓް ކުރެވުނީ،" ޔުމް ބުންޏެވެ.

ކަމާ ބެހޭ ދިރާސާތައް ދައްކާ ގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުން ކަންކަމާ ކަންބޮޑުވާ މިންވަރު އިތުރުވެ އެވެ. އަދި ކޮންމެ ކަމެއް ދިމާވާއިރަކު ސިނގިރޭޓެއް ބޯންޖެހުމާއި އޭނާގެ މަސައްކަތުގެ ތެރެއިން ސިނގިރޭޓެއް ބޯން ވަގުތު ހޭދަ ކުރަންޖެހުމުން މަސައްކަތު ރޭޓް ދަށްވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

ޔުމް ބުނި ގޮތުން ފުރަތަމަ ސިނގިރޭޓް ބުއި ދުވަހު އެކަމާ ވަރަށް ބިރުގަތް ކަމަށެވެ. ނަމަވެސް އެކަން މިހާރު ވެފައި ވަނީ އޭނާ އަށް އެކަމާއި ނުލާ ނޫޅެވޭވަރުގެ ކަމަކަށެވެ. މުޅި ފިކުރާއި ވިސްނުން ވަނީ ދުންފަތުގެ އަޅަކަށް ވެފަ އެވެ. އޭނާގެ ގިނަ އަންހެން އެކުވެރިންނަކީ ވެސް ދުންފަތުގެ އިސްތިއުމާލް ކުރާ ކުދިންނެވެ. އެ އެންމެން ވެސް އެކަން ކުރަނީ ވަރަށް ސިއްރުންނެވެ. އެކަން ސިއްރުކުރަން އެމީހުންނަށް ވަރަށް ފަސޭހަ ކަމަށް އޭނާ ބުންޏެވެ.

"އެކަން ވަރަށް އީޒީ ދޯ. ފެގު ނިންމާލާފައި ލިޕްސްޓިކް ޖައްސާލީމަ ނޭނގޭނެ ތުންފަތަކުން. ދުފީމާ އަނގައި ވަހެއް ނުދުވާނެ. މަގޭ ބޭގްގައި އަބަދުވެސް އޮންނާނެ ސެންޓް ފުޅިއެއް. އޭގެން ސެންޓު ޖެހީމަ އަތުން ވެސް ގައިގަ ވެސް ވަހެއް ނުހުންނާނެ،" ޔުމް ބުންޏެވެ.

އެއީ އެންމެ ޔުމްއެއްގެ ވާހަކަ އެވެ. ނަމަވެސް ހަގީގަތަކީ އެފަދަ ކިތަންމެ ޖިންސުއްލަތީފުންނެއް އުޅޭ ކަމެވެ. ދުންފަތުގެ އަޅުންނަށް ވެފައި ވަނީ އެހެރަ ޅަ ޒުވާން ރީތި ޖިންސުއްލަތީފުންނެވެ. އަންހެންކުދިން ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ މިންވަރު އިތުރު ވަމުންދާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ފާހަގަ ކުރެ އެވެ. ކެފޭތަކަށް ވަދެ ބަލާލުމުން އެކަން ވަރަށް ރަނގަޅަށް ހާމަވާނެ އެވެ.

މި ރިޕޯޓުގެ ބޭނުމަށް ސިނގިރެޓު ބޯ އަންހެން ކުދިންތަކެއް ވަނީ ނޫހާ ވާހަކަ ދައްކައިފަ އެވެ. އެމީހުންނަށް ސިނގިރެޓު ބޯން ފެށުނު ގޮތް އެ ކުދިން ވަނީ ކިޔައިދީފަ އެވެ. އޭގެ ތެރެއިން ގިނަ ކުދިންނަށް ސިނގިރެޓު ބޯން ފެށިފައި ވަނީ ރައްޓެހިވެގެން އުޅޭ ކުއްޖާގެ ފުށުންނެވެ. އޭގެ ތެރެއިން ބައެއް ކުދިންނަށް ފިރިހެން ކުއްޖާ ވަނީ ނުފޫޒުން ސިނގިރޭޓް ބޯން ދީފަ އެވެ. ބައެއް ކުދިން ސިނގިރެޓު ބޯން ފެށިފައި ވަނީ ލޯބިވެރިޔާއާ އެކު ވަގުތު ހޭދަކުރާ އިރު ގިނަ ވަގުތުތަކުގައި އޭނާ ސިނގިރެޓު ބޯތީ އެކަން ފެނި، ޓެސްޓް ކުރުމުގެ ގޮތުންނެވެ. އަނެއް ބައި ކުދިން ސިނގިރެޓު ބުއިމަށް މެދުވެރި ވަނީ ރައްޓެހިންގެ ފަރާތުންނެވެ. އެގޮތުން ކޮފީތަކުގައި ކުރާނެ މަޖާ ކަމެއްގެ ގޮތުގައި އެކަން ކުރަން ބައެއް އަންހެން ކުދިން ފަށަ އެވެ.

"އަސްލު ފެށުނު އިރު ކުޑަކޮށް ޖެހިލުންވި. އެކަމު މިހާރު އަނެއްހެން މި ނުބޮއެ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭ. އެނގޭ ދޯ ކަޑަކަމެއްކަން ވެސް. އެކަމު އަދި ނު ހުއްޓެނީ،" ވާހަކަ ދެއްކި ކުއްޖަކު ބުންޏެވެ.

ހިތާމައަކީ އެހެރަ ރީތި ޒުވާން އަންހެނުން ދުންފަތުގެ އަޅުއްނަށް ވުމެވެ. ނޭނގި ހުއްޓާ އެމީހުންގެ މުސްތަގުބަލް އެ ވައްޓާލެވެނީ ބޮޑު އަނދިރު ވަޅުގަނޑަކަށެވެ. އެކުރާ އަމަލުގެ ސަބަބުން މުސްތަގުބަލުގައި ދިމާވާން ހުރި ކަންކަން ކިތަންމެހާވެސް ބިރުވެރި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރާ އަންހެނުންނަށް އެކަން ކުރާ ފިރިހެނުންނަށް ވުރެ މާ ބޮޑު ގެއްލުންތަކެއް ކުރިމަތިވާ ކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލް ކުރާ އަންހެނުންނަށް އެކި ބާވަތްތަކުގެ ކެންސަރާއި ދަރިމައިވުމުގެ މައްސަލަތައް ޖެހުން "ވަރަށް، ވަރަށް، ވަރަށް ގާތް" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންހެނުންގެ ދިފާއީ ބާރު ވަރަށް ދަށްކޮލާ ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން. ހާއްސަ ގޮތެއްގައި ދުންފަތުގެ އިސްތިއުމާލް ކުރާ ނަމަ ނުވަތަ ދުންފަތުގެ ދުމުގެ އަސަރު އެއްވެސް ވަރަކަށް ކޮށްފައިވާ ނަމަ އެ އަންހެނަކު ބައިގެން ދިއުމަކީ ވަރަށް ގާތްކަމެއް. އަދި އެ އަންހެނަކު ބަލިވެއިނުމަށް ވެސް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ. އަދި އެފަދަ މީހުންގެ ރިޕްރަޑެކްޓިވް ސިސްޓަމް ކުޑަވާނެ. ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން ދަރިން ނުލިބުން ވެސް އެކަށީގެންވޭ،" ޑރ. އަރޫނާ ވިދާޅުވި އެވެ.

ޑރ. އަރޫނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންނަށް ހުރިހާ އުމުރެއްގައި ވެސް އޭގެ ގެއްލުންތައް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން އެ އަންހެނެއްގެ ހަންގަނޑު އަނދައި ހަމުގެ އޮމާންކަން ގެއްލުމާއި ރަހިމުގެ ކެންސަރު ފަދަ ބަލިތައް ޖެހުން ވަރަށް ގާތް ކަމަށް އަރޫނާ ވިދާޅުވި އެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ އެތައް އަންހެނަކު އެފަދަ ބަލިތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

ދުންފަތުގެ އިސްތިއުމާލް ކުރާ އަންހެނުންކުދިންގެ ގުދުރަތީ ރީތިކަން ގެއްލޭނެ ކަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ. އަދި ދުންފަތުގައި ހުންނަ ކެމިކަލްއެއްގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ލިބޭ ދަރިން ވެސް ދުންފަތުގެ އިސްތިއުމާލް ކުރުނަ ވަރަށް ގާތް ކަމަށް ޑރ. އަރޫނާ ވިދާޅުވި އެވެ.

އަންހެން ކަނބަލުންނަކީ ޖީލެއް ބިނާ ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ ފަރާތްތަކެވެ. އެހެން ކަމަށް ވުމާ އެކު އަންހެނުންގެ ކިބައިން އެފަދަ ނޭދެވޭ އަމަލެއް ފެނުމަކީ އޭގެ އަސަރު ޖީލްތަކަކަށް ދެމިގެންދާނެ ކަމެކެވެ. އަދި އެއީ އަންހެނުންނަށް އެހެން މީހުން ކުރާ އިހުތިރާމް ގެއްލިދާނެ ކަމެކެވެ.

އެޗްޕީއޭ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ "ސިނގިރޭޓް ފޮއްޓަކަށް ބަލާ ނަމަ ވެސް އަންހެނުން ޝައުގުވެރިވާ ގޮތްގޮތަށް ކުލަކުލާގަ އުފެއްދުމާއި، އިސްތިހާރުތައް ވެސް އަންހެންނުނަށް ހާއްސަކޮށްގެން އެފަދަ އެތައް ކަމެއް ކޮށްގެން އަންހެނުން އެކަމުގައި ޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވޭ" ކަމަށާއި އަންހެނުން އެ ވަބާގައި ޖެއްސުމުގެ މަގުސަދަކީ އެ މީހުންގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނައުން ކަމަށެވެ.

ހަސަން ވިދާޅުވީ ދުންފަތް ވިއްކާ މީހުން އަންހެނުންނަށް އަމާޒު ހިފުމަކީ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށެވެ. ސަބަބަކީ ދަރިން ތަރުބިއްޔަތު ކުރުމާއި ހަރުދަނާ އާއިލާއެއް ބިނާކުރުމުގައި އިސްރޯލެއް އަދާކުރާ ބަޔަކު ދުންފަތުގައި ޖެހުމަކީ އެ ވަބާ ފެތުރުމަށް މެދުވެރިވާ މުހިއްމު ސަބަބެއް ކަމަށެވެ. އަދި އަންހެނުންނަށް އެކަން ޓާގެޓް ކުރުމުގެ އަސްލަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަފާސް ހިސާބު ބުނާ ގޮތުން ރާއްޖޭގެ އާބާދީގެ 42 ޕަސެންޓު މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. އޭގެ ތެރެއިން އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރުން ބާރު ސްޕީޑުގައި އިތުރުވަމުން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަހަރެއްގެ ތެރޭގައި 26.5 މިލިޔަން މަލްބަރޯ ސިގިރޭޓު އަދި 205 މިލިޔަން ކެމަލް ސިނގިރޭޓް ރާއްޖެ އެތެރެ ކުރާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިސާބުތަކުން ދައްކަ އެވެ. އަދި އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އެތެރެ ކުރާ ސިނގިރޭޓްގެ ރީޓެއިލް ވެލިއު 463 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ސިނގިރޭޓް ބުއި މަކީ ކިތަންމެހާވެސް ގެއްލުން ހުރި ކަމެކެވެ. ހާއްސަ ގޮތެއްގައި އަންހެނުންނަށް ކުރާ ނޭދެވޭ އަސަރު ބޮޑެވެ. އެހެންކަމަށް ވުމާއެކު އެކަމުން ދުރަށް ދިއުމަށް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އެގޮތުން ހުސްވަގުތުގައި ރަނގަޅު ކަމެއް އިހްތިޔާރުކުރުން އެއީ މުހިންމު ކަމެކެވެ.

އާންމުވެފައި ވަނީ ބިރުވެރި ކަމެކެވެ. ނަމަވެސް އެތައް ހާސް އަންހެނުންނެއް ވަނީ ދުންފަތުގެ އަޅުންނަށް ވެފަ އެވެ. އެކުދިންނާއި މިގައުމުގެ މުސްތަގުބަލަށްޓަކައި އެފަދަ ކުދިން އެވަބާ އިން ސަލާމަތް ކުރުން ވަރަށް މުހިންމެވެ.