31 May 2014, 19:40
ދިވެހިންނަށް ލިބިފައިވާ މިނިވަންކަމުގެ ހަގީގީ ސިއްރަކީ އިސްލާމް ދީން ކަމަށާއި މިއަދާ ހަމައަށް މިނިވަން ކަމާއެކު ދިވެހިން ތިބުމުގައި އެނޫން ސަބަބެއް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު އޮލިޕަސް ހޯލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ރާއްޖެ މިނިވަންކަމާއެކު އޮތީ އެހެން ބައެއް ގައުމުތަކާއި ޚިލާފަށް އަޝްކަރީ ބާރުތަކެއް ބޭނުން ކޮށްގެން ނޫން ކަމަށެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް އޮލިމްޕަހުގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން ---- ސަން ފޮޓޯ: ފަޔާޒު މޫސާ
"ދިވެހިނަށް މިނިވަންކަމާއެކު ދެމިތިބެވުމުގެ ހަގީގީ ސިއްރަކީ އިސްލާމް ދީން. އެނޫން އެއްވެސް ސަބަބެއް ނޫން. ދުނިޔޭގެ ތާރީޚަށް ބާލާއިރު ދުނިޔޭގައި މިނިވަން ކަމާއެކު ތިބެވުން ބައެއް ގައުމުތަކަކީ ދުނިޔެއާއި ނުބައްދަލު އަސްކަރީ ބޮޑެތި ބާރުތައް. މިނިވަންކަން މަތީ ދެމިތިބުމަށްޓަކައި އެމީހުން ކެނޑިނޭޅި އެ ބޭރުތައް ބޭނުންކުރޭ. އެމީހުނަށްވުރެ ބާރުގަދަ ބަޔަކު ގާތުގައިވެސް ދުރުގައިވެސް އުފެދުނަ ނުދިނުމަށްޓަކައި ބައެއް ފަހަރު ފަހަރު ބައެއް ގައުމުތައް ސުންނާފަތިވެސްކުރޭ. ދިވެހިންގެ ކިބައިގަ އެފަދަ ވަސީލަތެއް، އެފަދަ ސުލޫކެއް، އެފަދަ ވިސްނުމެއްވެސް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.
ހަމައެހެންމެ ބައެއް ގައުމުތަކާއި ޚިލާފަށް ރާއްޖެ މިނިވަން ކަންމަތީ އޮތީ މާބޮޑު އިގުތިސާދެއް ވެސް އަދި ތައުލީމީ ބަޔަކުވެސް ތިބެގެން ނޫންކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ސަލާމަތްވި ގޮތަށްބަލާއިރުވެސް މާތްﷲގެ ކުޅަދުންވަންތަކަން އިހްސާސް ކުރެވޭ ކަމަށެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް އޮލިމްޕަހުގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން ---- ސަން ފޮޓޯ: ފަޔާޒު މޫސާ
"ޝަހީދުންގެ ދުވަސް އަޅުގަނޑުމެނަށް ދޭ ނަސޭހަތަކީ މާތްވެގެންވާ އިސްލާމްދީން ނޫން ހިޔާވަހިކަމެއް، އިލާހީ އިމާޔަތްތެރިކަންނޫން އިމާޔަތްތެރިކަމެއް ނެތޭ އަޅުގަނޑުމެނަކަށް ނެތޭ،" އުމަރު ވިދާޅުވިއެވެ.
ކުރިއާ ތާފާތު ގޮތަކަށް މިހާރުވެސް އިދިކޮޅު ފަރާތްތަކުގެ ހަމަލާތައް ދެމުންދާ ކަމަށާއި މިއަދު ހަމަލާ ދެމުންދަނީ ގައުމާއި މެދު ދެކޭ ގޮތް ބަދަލުކުރުމަށް، މީހުންގެ ވިސްނުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު ހަމަލާ ދެވެމުންދަނީ ވިސްނުމަށް. މީހުންގެ އަގީދާއަށް. ގައުމާއިމެދު މީހުން ދެކޭ ގޮތަށް. އަޅުގަނޑުމެން ދީނާއި އަޅުގަނޑުމެންގެ ތާރީހަށް ކުރެވޭ އިހްތިރާމަށް. މިކަން ހަލާކުކޮށްލުމަށް މިއަދު ބޮޑެތި ކަންތައް ރަކެއް ކުރެވުމުންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމީ އަގީދާ ހަލާކުކޮށްލުމަށް އަންނަ މީހުނާއިމެދު ވިސްނައިގެން ތިބުމަށް މިނިސްޓަރު އުމަރު ވަނީ މިއަދު ގޮވާލައްވާފަ އެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް އޮލިމްޕަހުގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން ---- ސަން ފޮޓޯ: ފަޔާޒު މޫސާ