ބޮޑީ ބިލްޑިންގް ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެމްއެފް)ގެ އިންތިހާބު މިއަދު ބާއްވައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހެނދުނު 10:30 ގައި ބޭއްވި ބީބީއެމްއެފްގެ އިންތިޚާބުގައި ރައީސްކަމުގެ މަގާމަށް ހޮވުނީ މުހައްމަދު ހަލީމް (ކެސްޓޯ) އެވެ. ނައިބު ރައީސްކަމަށް އައިޝަތު އަފްރާ މުހައްމަދު (އަނާ) ހޮވުނު އިރު، ޓްރެޝަރާގެ މަގާމަށް ހޮވުނީ އަބްދުﷲ ރަޝީދެވެ.

މިއަދު އޮތް ބީބީއެމްއެފްގެ އިންތިޚާބުގައި އެގްޒެކެޓިވް ކޮމިޓީއަށް ވެސް މެންބަރުން ހޮވާފައި ވެއެވެ. އެގޮތުން އެކްސްކޯގެ ހަތް މެންބަރުންނަށް ހޮވުނީ އަބްދުﷲ ނިޒާމް (ޖޭމް) އާއި މުހައްމަދު އަފްރާ ހަލީލާއި، އަހްމަދު ލިޒާމާއި ހަސަން ނިޝާމާއި މުހައްމަދު ޝަރީފާއި މުހައްމަދު ވިޝާމް އަދި އަބްދުލް ރަހްމާނެވެ. އެކްސްކޯއަށް 11 މީހުން ވާދަކޮށްފައިވެއެވެ.

ބޮޑީ ބިލްޑިންގް ފެޑަރޭޝަނަށް ކުރިން އިންތިހާބުވި ބައެއް ފަރާތްތަކުގެ އިހުމާލުން މިދިޔަ މާޗް މަހު ޕާކިސްތާނުގައި ކުރިއަށްދިޔަ ބޮޑީ ބިލްޑިންގް ޗެމްޕިއަންޝިޕުގައި ބައިވެރިވެވިފައެއް ނުވެ އެވެ. އެ މައްސަލައިގެ ސަބަބުން ބޮޑީ ބިލްޑިންގް ފެޑެރޭޝަނަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވެއެވެ.