31 May 2014, 17:39
އަންނަ މަހު ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕުގައި ވާދަކުރާ އެންމެ ފަހުގެ ދުނިޔޭގެ އަދި ޔޫރަޕް ޗެމްޕިއަނުން ކަމަށްވާ ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފި އެވެ.
އަންނަ މަހު 13 ވަނަ ދުވަހު ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ސްޕެއިންގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭގެ ސްކޮޑުން ޑިއެގޯ ކޮސްޓާއަށް ފުރުސަތުދީފައިވާ އިރު، ފެނާންޑޯ ލޮރެންޓޭ އާއި ޖީސަސް ނަވާސް އަދި އަލްވާރޯ ނެގްރެޑޯ ވަނީ ބާކީކޮށްފަ އެވެ.
އެތުލެޓިކޯ މެޑްރިޑުގައި ކާމިޔާބީ ސީޒަނެއް ހޭދަކުރި ބްރެޒިލް ބައިނަލްއަގުވާމީ ކުޅުންތެރިއެއްގެ ގޮތުގައި ހުރި ކޮސްޓާ، ސްޕެއިން ގައުމީ ޓީމަށް ކުޅެން ނިންމީ ނިމިގެންދިޔަ ސީޒަނުގެ ތެރޭގަ އެވެ. މިދިޔަ ސީޒަނު ނިމެން ކައިރިވެފައި ވަނިކޮށް، އުމުރުން 25 އަހަރުގެ ފޯވަޑަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އަނިޔާގެ މައްސަލަތަކެވެ. އޭނާ އަށް ކުރިމަތިވި އަނިޔާގެ ސަބަބުން ސްޕެނިޝް ލީގުގައި އެތުލެޓިކޯ ކުޅުނު އެންމެ ފަހު މެޗާއި ޗެމްޕިއަންސް ލީގު ފައިނަލުގައި ބައިވެރިވެވިފައެއް ނުވެއެވެ.

ސައުތު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ޗެމްޕިއަނުން، މި އަހަރުގެ ވޯލްޑް ކަޕުގައި ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ރަނަރަޕް ނެދަލޭންޑް އާއި، ޗިލީ އަދި އޮސްޓްރޭލިއާ އާ ދެކޮޅަށެވެ.
ސްޕެއިންގެ 23 ކުޅުންތެރިންގެ ސްކޮޑު:
ގޯލްކީޕަރުން: އިކާ ކަސިޔަސް، ޕެޕޭ ރޭނާ، ޑޭވިޑް ޑެ ހެއާ
ޑިފެންޑަރުން: ސާޖިއޯ ރާމޯސް، ގެރާޑް ޕީކޭ، ރައުލް އަލްބިއޯލް، ހަވީ މާޓީނޭޒް، ޖޯޑީ އަލްބާ، ސެސާ އަޒްޕްލިކުއެންޓާ، ހުއަންފްރާން ޓޮރޭސް
މިޑްފީލްޑަރުން: ކޮކޭ، ޒަވީ، ޒަބީ އަލޮންސޯ، އަންދްރޭސް އިނިއެސްޓާ، ސާޖިއޯ ބުސްކެޓްސް، ސެސް ފެބްރިގާސް، ސެންޓި ކަޒޯލާ، ޕެޑްރޯ ރޮޑްރިގޭޒް، ހުއާން މަޓާ، ޑޭވިޑް ސިލްވާ
ފޯވަޑުން: ފެނާންޑޯ ޓޮރޭސް، ޑޭވިޑް ވިޔާ، ޑިއެގޯ ކޮސްޓާ