31 May 2014, 15:58
އޭއެފްސީ ޗެލެންޖް ކަޕުގެ ބްރޮންޒް މެޑެލް ރާއްޖެއިން ހޯދުމަކީ ތާރީހީ ކަމެއް ކަމުގައި އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)ގެ ޖެނެރަލް ސެކްރެޓަރީ އެލެކްސް ސޫސޭ ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދަނޑުގައި ރޭ ފަލަސްތީނާއި ފިލިޕީންސް ބައްދަލުކުރި ޗެލެންޖް ކަޕުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސޫސޭ ވިދާޅުވީ، ރާއްޖެއިން ބްރޮންޒް މެޑެލް ހޯދީ ބުރަ މަސައްކަތެއް ކޮށްގެން ކަމަށެވެ. އަދި މަތީ ފެންވަރުގެ ފުޓްބޯޅަ މުބާރާތްތަކުގައި ވާދަކުރުމަށް ރާއްޖޭ ޓީމުގެ ފެންވަރު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ފެށުމުގެ މަސައްކަތް ފެށުމަށް އެފްއޭއެމް އަށް ސޫސޭ ގޮވައިލި އެވެ.
"އޭއެފްސީ ޗެލެންޖް ކަޕަކީ ވަރަށް ބޮޑު ތާރީހެއް އޮތް މުބާރާތެއް. އިއްޔެ ރާއްޖެއިން މުބާރާތުގެ ބްރޮންޒް މެޑެލް ހޯދުމަކީ ތާރީހީ ކަމެއް. އެ ޓީމުން ބްރޮންޒް މެޑެލް ހޯދީ ވަރަށް ބުރަ މަސައްކަތެއް ކޮށްގެން. އޭޝިއަން ކަޕުގައި ރާއްޖެ ވާދަކުރުމަށްޓަކައި ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ފެށުމަށް އެފްއޭއެމް އަށް ގޮވާލަން. އޭގެ އިތުރުން އޭއެފްސީގެ ޔޫތު މުބާރާތްތަކާއި، އޮލިމްޕިކް ކޮލިފައިން އަދި އޭއެފްސީ ޗެމްޕިއަންސް ލީގުގައި ވާދަކުރުމަށް ޓީމުތައް ބިނާކުރަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ސޫސޭ ވިދާޅުވީ، ރާއްޖޭގައި މުބާރާތް ބޭއްވުމަށްޓަކައި އެފްއޭއެމް އިން ބުރަ މަސައްކަތެއް ކުރި ކަމަށާއި ކުރިން ރާއްޖެއަށް މުބާރާތް ބޭއްވުމަށް ފުރުސަތު ލިބުނު އިރު، ދައްކާލާނެ އެއްވެސް އެއްޗެއް ނެތްކަމަށެވެ. އަދި މިހާރު ސްޓޭޑިއަމްއާއި ފެސިލިޓީތަކުގެ ފެންވަރާއި މެދު ހިތްހަމަޖެހޭ ކަމަށް ސޫސޭ ވިދާޅުވި އެވެ.
"އޭއެފްސީގެ ސްޓޭކް ހޯލްޑަރުން އެފްއޭއެމްއަށް ދިން ސަޕޯޓް ފާހަގަކުރަން. ހާއްސަކޮށް ލޯކަލް އޯގަނައިޒިންގް ކޮމިޓީ. މި ފެންވަރުގައި މުބާރާތް ބޭއްވުމަށްޓަކައި އެފްއޭއެމް އިން ވަރަށް މަސައްކަތްކުރި. މީގެ ދެ އަހަރު ކުރިން ރާއްޖޭގައި މި މުބާރާތް ބޭއްވުމަށް ފުރުސަތު ދިން އިރު، ރާއްޖެއިން ދައްކައިލާނެ އެއްވެސް އެއްޗެއް ނެތް. ނަމަވެސް މިއަދު، ސްޓޭޑިއަމްއާއި ފެސިލިޓީތައް އެބަ ފެނޭ. އެކަމުގެ ސަބަބުން ސަޕޯޓަރުންނާއި ދަނޑު ތެރެއިން އެކަމުގެ ފުޓްބޯޅައަށް ހުންނަ ފޯރި އެބަ ފެނޭ،" އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.
ސޫސޭ އިތުރަށް ވިދާޅުވީ، މިހާރު އޭޝިއާގެ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ފުޓްބޯޅައިގެ ފެންވަރު ވަރަށް ރަނގަޅު ކަމަށާއި ޗެލެންޖް ކަޕުގެ ފައިނަލަށް ބަލައިލާއިރު، އެކަން ފެންނަ ކަމަށެވެ.
"މިހާރު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅައިގެ ފެންވަރު ވަރަށް ރަނގަޅު. ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ފެންވަރު. މި މުބާރާތުގެ މެޗަށް ބަލައިލިއަސް އެކަން އެބަ ފެނޭ. ފައިނަލުގައި ފަލަސްތީނާ ފިލިޕީންސް ކުޅުމަކީ ހައިރާންކުރަނިވި ކަމެއް. މީގެ އަހަރުތަކެއް ކުރިން ފިލިޕީންސް އޮތީ ކޮން ފެންވަރެއްގަ؟،" އޭނާ ވިދާޅުވި އެވެ. "މިއަދު ފައިނަލުގައި ވާދަކުރަން ޖެހޭނީ އިންޑިއާ. ނަމަވެސް އާބާދީ ބޮޑު އިންޑިއާއަށް އެކަމެއް ނުވި. އޭޝިއާގެ ތަރައްގީވަމުން އަންނަ ގައުމުތަކުން މަސައްކަތްކޮށް، އެދަނީ ފެންވަރު ރަނގަޅު ކުރަމުން. އަފްޣާނިސްތާނަށް ބަލައިލިއަސް، އެމީހުން ވަނީ ސާފް ޗެމްޕިއަންކަން ހޯދައި މި މުބާރާތުގައި ވަރަށް ވާދަވެރި ކުޅުމެއް ދައްކާފައި،"
ޗެލެންޖް ކަޕުގެ ފައިނަލުގައި އޭފްސީގެ ރައީސް ޝެއިހް ސަލްމާނު ބައިވެރިވާގޮތަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، އޭނާ އަށް ބައިވެރިނުވެވުނީ ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕުގައި ގިނަ މަސައްކަތްތަކާއި ބޮޑު ޒިންމާއެއް އަދާ ކުރަން ޖެހިފައި އޮތުމުން ކަމަށް ސޫސޭ ވިދާޅުވި އެވެ.
އޭއެފްސީ ޗެލެންޖް ކަޕް އިއްޔެ ނިމިގެންދިޔަ އިރު، އެއްވެސް މެޗަކުން ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފަލަސްތީނެވެ. ފައިނަލުގައި ފިލިޕީންސް އަތުން 1-0 ލަނޑުން މޮޅުވެ، ޗެމްޕިއަންކަން ހޯދި ފަލަސްތީނަށް 2015 ވަނަ އަހަރު އޮސްޓްރޭލިޔާގައި ބާއްވާ އޭއެފްސީ އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ.