ކުވައިތުގެ ގާނޫނު ހަދާ މަޖިލީސް (އުއްމާ ކައުންސިލް) އަށް ހުށަހަޅާފައިވާ އާއްމު ތަންތަނުގައި އޮރިޔާމުން އުޅުން މަނާކުރާ ގާނޫނު ފާސްކޮށްފިއްޔާ އިސްތިއުފާދޭނެ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ބުނެފި އެވެ.

ނަބީލް އަލްފާދީ ނަމަކަށް ކިޔާ އެމެމްބަރު ބުނި ކަމަށް ކުވައިތުގެ އަލް ޝާހިދު ނިއުސް އެޖެންސީއާ ހަވާލާދީ އަލް އަރަބިއްޔާ އިން ބުނީ ސްވިމިންގް ޕޫލްތަކާއި އާއްމު ތަންތަނުގައި އޮރިޔާމުން އުޅުން މަނާކުރާ ގާނޫނު ފާސްވެއްޖެ ނަމަ އޭނާ މަގާމުން އިސްތިއުފާދޭނެ ކަމަށެވެ.

ނަބީލު ބުނެފައި ވަނީ އޮރިޔާމުން އުޅުމަކީ ކޮބައިކަން ރަނގަޅަށް ބަޔާންކޮށްފައި ނުވާ އެގާނޫނަކީ ފަރުދީ މިނިވަންކަމަށް ދޭ ހަމަލާއެއް ކަމަށެވެ.

"ފާސްވެއްޖެއްޔާ އަހަރެން އަހަރެންގެ އިސްތިއުފާ ހުށަހަޅާނަން. އަހަރެންގެ ހިޔާލުތަކަށް ތާއީދުކޮށް، އަހަރެން ހޮވަން ވޯޓްދިން މީހުންގެ އިހުތިރާމް ގެއްލޭ އަދި ފަހަތަށް އެޅޭ މިފިޔަވަޅު އަހަރެން ގަބޫލެއް ނުކުރަން،" ނަބީލު ބުނި ކަމަށް ނޫހުގައިވެ އެވެ.

ކުވައިތު ނެޝަނަލް އެސެމްބްލީ ކޮމިޓީގެ ވެރިޔާ ހަމްދާން އަލް އަޒްމީ ވިދާޅުވެފައި ވަނީ ހޮޓާތަކުގައި ތިބޭ އަންހެނުންގެ މައްޗަށް ވެސް އެގާނޫނު ހިނގާނެ ކަމަށެވެ.

އާއްމުތަންތަނުގައި ބިކިނީގައި އުޅުން މަނާކުރުމަށް 2011 ވަނަ އަހަރު ހުށަހެޅި ބިލެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބަލައި ނުގެންފަ އެވެ. އެ ފަހަރު އެބިލު ބަލައި ނުގަތީ ގާނޫނު އަސާސީއާ ޚިލާފު ކަމަށް ބުނެ އެވެ.