31 May 2014, 14:14
ޖީއެމްއާރް މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ބަދަލު ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ.
ޖީއެމްއާރަށް 878 މިލިއަން ރުފިޔާ އާއި ރާއްޖޭގެ އުތުރުން 37 ރަށަކާ އެކު ހަނިމާދޫ އެއާޕޯޓް ޖީއެމްއާރަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ މެސެޖެއް ދަނީ އެތައް ބައެއްގެ ފޯނަށް ފޮނުވަމުންނެވެ. އަދި އެ މެސެޖު ސޯޝަލް ނެޓްވޯކްގައި ދަނީ ދައުރުވަމުންނެވެ. އެ މެސެޖަށް ރައްދު ދެމުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ސަން އަށް ވިދާޅުވީ ޖީއެމްއާރް މައްސަލާގައި ސަރުކާރުގެ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި އާބިޓްރޭޝަނުން ގޮތެއް ނުނިންމަނީސް އެއްވެސް އެއްޗެއް އަދި ފައިސާއެއް ޖީއެމްއާރަށް ދިނުމަށް ސަރުކާރުން ނުނިންމާ ކަމަށެވެ.
"ޖީއެމްއާރް މައްސަލާގައި ސަރުކާރުގެ ވިސްނުމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވޭ، އެފެތުރޭ މެސެޖަކީ ދޮގެއް،" މުއާޒް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އިންޑިއާގެ އާ ސަރުކާރާއި ދިވެހި ސަރުކާރާ މެދު ޖީމްއާރް މައްސަލާގައި އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ އިރު ދިވެހި ސަރުކާރަށް އެއްވެސް ޕުރެޝަރެއް ނެތް ކަމަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރްގެ އަތުން ނެގި މައްސަލާގައި ދިވެހި ދައުލަތުން ޖީއެމްއާރަށް ބަދަލުދޭން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.
ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ޖީއެމްއާރަށް ބަދަލު ދޭން ޖެހޭނެ ކަމަކީ ޔަގީންވާ ކަމެއް ކަމަށާއި ސަރުކާރުގެ ހުރިހާ ވެސް ވިސްނުމަކާއި މަސައްކަތެއް ކުރަނީ ދޭން ޖެހޭ ބަދަލު ބޮޑުވިޔަ ނުދިނުމަށް ކަމަށެވެ.