ދެ ޖިންސުގެ ކުޑަކުދިންނާއި ބޮޑަތި މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން އަލް އަސްރު ޖަމިއްޔާ އިން އިސްނަގައިގެން "ލޯތަކުގެ ފިނިކަން" މިނަމުގައި ނަމާދު ވޯކްޝޮޕެއް ހިންގަން ނިންމައިފި އެވެ.

އަލް އަސްރު ޖަމިއްޔާގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ވޯކްޝޮޕް ހިންގުމުގެ މައިގަނޑު މަގްސަދަކީ އާންމުން ނަމާދަށް ހޭލުންތެރި ކުރުވުން ކަމަށެވެ.

އެގޮތުން ވޯކްޝޮޕް ތެރޭގައި ނަމާދަކީ ކިހާ މުހިންމު އަޅުކަމެއް ކަމާއި ނަމާދު އެޅުމުގައި ހުރި ނުބައިކަން ފަދަ މުހިންމު ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި ތަހާރަތު ގެ މައުލޫމާތާއި ހިނައިގަތުމުގައި އަންހެނުންނާއި ފިރިހެނުންގެ ހުރި ތަފާތުތަކުގެ އިތުރުން ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ތަކުބީރުން ފެށިގެން ސަލާމް ދިނުމާ ހަމައަށް ނަމާދުގެ ހުރިހާ ހަރަކާތްތަކެއް ގެންދާނެގޮތްތަށް ކިޔާދެއްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ އެ ވޯކްޝޮޕްގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިހް އާދަމް ޝަމީމް ކިޔަވައި ދެއްވާއިރު ވޯކްޝޮޕް ކުރިޔަށްދާނި ފިރިހެން ބޭފުޅުންނަށް، ޖޫން މަހުގެ 13 އިން 14 އަށް އަދި އަންހެން ކަނބަލުންނަށް ޖޫން މަހުގެ 20 އިން 21 އަށް، ސޯސަންމަގުގައި ހުންނަ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގްގެ އޮޑިޓޯރިއަމްގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމް ޖޫންމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

އެ ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފޯމް އަމީނީ މަގު ބިލަބޯންގ ސްކޫލް ކައިރީ ހުންނަ "ޕީޓޭސް" ރެސްޓޯރަންޓްގެ އިތުރުން މާފަންނު ބިސްބުރު ކައިރީ ހުންނަ "މެސެޖް އޮފް އިސްލާމް" ފިހާރައިން ލިބޭނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެއިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ވެސް އެ ވޯކްޝޮޕް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.