31 May 2014, 11:43
ކިންޑާ ޕްރީ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ހުނަރުތައް އާންމުންނަށް ދައްކާލުމުގެ ބޭނުމުގައި "ކިންޑާ އެޑިއުކޭޝަން ފެއާ 2014"ގެ ނަމުގައި ފެއާއެއް ފަށައިފި އެވެ.
އިސްކަންދަރު ސްކޫލްގައި މިއަދު ހެނދުނު އެ ފެއާ ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ދަރިވަރުންގެ ހުނަރުތަކުގެ ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުންތައް އާންމުންނަށް ދައްކާލުމަށް މިފަދަ ފެއާއެއް ހުޅުވުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމެއް ކަމަށެވެ. އަދި އެއީ އެ ކުދިންނަށް އިތުރަށް ކުރިޔަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ތަރުބިއްޔަތު ފޯރުކޮށްނުދީ ހަމައެކަނި ތައުލީމު ފޯރުކޮށްދިނުމަކުން ނުނިމޭ ކަމަށެވެ.
"މިއީ ވަރަށް ރަނގަޅު ކަމެއް. މިފަދަ ފެއާތަކުގެ ސަބަބުން އެ ކުދިންނަށް އެ ކުދިންގެ ހުނަރުތައް އާންމުންނަށް ފެނުމުން ހުނަރުތަކުގެ ބޭނުންކޮށްގެން އިތުރަށް ކުރިޔަށް ދިއުމަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް." މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކިންޑާ ޕްރީ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ހައްވާ ފަސީލް ވިދާޅުވީ އެ ފެއާގެ ބޭނުމަކީ ޕްރީސްކޫލްގެ ދަރިވަރުންގެ ހުނަރުތައް އިތުރަށް ރަނގަޅުކުރުން ކަމަށާއި އާންމުންނަށް އެ ކުދިންގެ ހުނަރުތައް ދައްކާލުން ކަމަށެވެ. އަދި ކްލާހުގައި ކިޔަވާ މާއްދާތައް ދިރިއުޅުމާ ވެސް ގުޅުވާލުން މުހިންމު ކަމަށާއި ހަމައެކަނި ކިޔަވައި ދިނުމުން ދަރިވަރުންނަށް އޭގެ ފުރިހަމަ ފައިދާ ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލްގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދާ އެ ފެއާ މިއަދު ހެނދުނު 10:00 އިން ފެށިގެން 12:00 އަށް ކުރިޔަށްދާ އިރު މިއަދު ހަވީރު 04:00 އިން ފެށިގެން 06:00 އަށް ކުރިޔަށްދާނެ ކަމަށް ޑެޕިއުޓީ ޕްރިންސިޕަލް ވިދާޅުވި އެވެ.