އަލަށް އިންތިހާބު ކުރި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާ އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށާއި އެހެން ނަމަވެސް އަދި ޖަލްސާގެ އެޖެންޑާ ކަނޑައަޅާފައިނުވާ ކަމަށެވެ.

"އަލަށް އިންތިހާބު ކުރެވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައި،" މަޖިލީހުގެ އިދާރާ އިން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ ކަނޑައަޅާނީ މާދަމާ ކަމަށެވެ.

އަލަށް އިންތިހާބު ކުރި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. އެ ޖަލްސާގައި ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކޮށްފަ އެވެ.

އަލަށް އިންތިހާބު ކުރި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި އިންތީހާބުކޮށްފައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުހައްމަދު އެވެ. އަދި ނައިބު ރައީސްގެ ގޮތުގައި އިންތިހާބުކޮށްފައި ވަނީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކެވެ.