31 May 2014, 10:59
ސަރުކާރުގެ 100 އަށްވުރެ ގިނަ ވެބްސައިޓް ހެކްކޮށްފި އެވެ.
އޭގެ ތެރެއިން މެޓް އޮފީހުގެ ވެބްސައިޓް ހެކް ކުރުމަށް ފަހު، ހެކަރުން އެ ސައިޓަށް އަރުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ އެ ވެބްސައިޓް ހެކް ކޮށްފައި ވަނީ "ސީރިއަން ރިވަލިއުޝަން ސޮލިޑާސް" އިން ކަމަށެވެ.
އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ އެ ވެބްސައިޓް ހެކްކުރުމަށް ފަހު، އަރުވާފައިވާ ލިޔުމުގައި ބުނެފައި ވަނީ ސީރިއާގެ ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ހާލުގައި ކަމަށާއި ދުނިޔެ އޮތީ ހަމަހިމޭނުން ކަމަށެވެ. އަދި ހަނގުރާމާއިގެ ތަފާތު ވާހަކަތައް ލިޔެފައިވެ އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ އޮފީހުގެ ވެބްސައިޓް ހެކްކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެކަންތައް އެ އޮފީހުގެ ޓެކްނީޝަނުން ބަލަމުން އަންނަ ކަމަށެވެ.
ގިނަ އަދަދެއްގެ ވެބްސައިޓްތަކެއް ހެކްކޮށްފައިވާ ކަމަށް "ސީރިއަން ރިވަލިއުޝަން ސޯޑިއާސް" އިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ މުހިންމު އޮފީސްތަކެއްގެ ވެބްސައިޓްތައް ހިމެނެއެވެ. އެވެބްސައިޓްތަކަށް ލޮގިން ވެވޭތޯ "ސަން" އިން މަސައްކަތް ކުރިއިރު މުހިންމު ގިނަ ސައިޓު ތަކަކަށް ނުވަދެވޭކަން ފާހަގަވިއެވެ. ނަމަވެސް އެއިގެން އެއްވެސް ވެބްސައިޓެއްގައި މެޓް އޮފީހުގެ ވެބްސައިޓުގައި ފެންނާން ހުރި އިންޒާރުގެ މެސެޖް މިހާރު ފެންނާކަށް ނެތެވެ.
ސަން އިން ވަދެވޭތޯ މަސައްކަތް ކުރި ސައިޓު ތަކުގެ ތެރެއިން ނުވަދެވޭ ކަމަށް ފާހަގަވި، މުހިންމު ވެބްސައިޓު ތަކުގެ ތެރޭގައި، ޓޫރިޒަމް މިނިސްޓްރީ އާއި އޭޖީ އޮފީހާއި އޮޑިޓާ ޖެނެރަލް އޮފީހާއި ޖޭއެސްސީ އާއި ސީއެމްޑީއޭ އާއި ސިވިލް ކޯޓާއި ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ވެބްސައިޓާއި އައިޖީއެމްއެޗާއި އެންވަޔަރަންމެންޓް މިނިސްޓްރީ އާއި އިކޮނިމިކް މިނިސްޓްރީ އާއި މަރުކަޒީ ބޭންކް އެމްއެމްއޭ ހިމެނެ އެވެ.
ނުވަދެވޭ ކަމަށް ކުރީން ލިސްޓް ކޮށްފައިވާ ވެބްސައިޓްތަކުގެ ތެރެއިން މިހާރު ވަދެވޭ ބައެއް ވެބް ސައިޓް ތަކުގެ ތެރޭގައި ޕޮލިސް ސާވިސްގެ ވެބް ސައިޓާއި އެމްއެންޑީއެފް ވެބްސައިޓާއި ކަސްޓަމްސްގެ ވެބްސައިޓްގެ އިތުރުން އޭސީސީގެ ވެބްސައިޓް ހިމެނެ އެވެ.
އެ މައްސަލާގައި ދިރާގުން ބުނީ އެ ކުންފުނީގެ ސާވާއަކަށް ވައިރަސް މެދުވެރިކޮށް އެޓޭކް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް ވެބް ސައިޓްތަކަށް ވަނުމަށް ދަތިވެފައިވާ ކަމަށާއި އެފަދަ ބައެއް މައްސަލަތައް ހައްލު ކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ.
މިދުވަސްވަރު ދަނީ ތަފާތު ވެބްސައިޓްތައް ހެކް ކުރަމުންނެވެ. އެގޮތުން އެނޮނިމަސް މޯލްޑިވްސް އިން ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ ދިވެހި ރާއްޖޭގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ރަސްމީ ވެބްސައިޓް ވެސް ހެކްކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ވެބްސައިޓް ވެސް ވަނީ ނޭނގޭ ބަޔަކު ހެކްކޮށްފަ އެވެ.