31 May 2014, 10:56
އިންޑިއާގެ އުތުރުގައިވާ އުއްތަރު ޕްރަދޭޝްގެ އަވަށެއްގައި ކުޑަ ދެ އަންހެން ކުދިން ގެއްލިގެން ރިޕޯޓްކުރުމުން އެކަމާ އަޅައި ނުލި ދެ ފުލުހަކު ވަޒީފާ އިން ވަކިކޮށްފި އެވެ.
އުއްތަރު ޕްރަދޭޝްގެ ވެރިރަށް ލަކަނޫއާ ގާތްގަނޑަކަށް 180 ކިލޯ މީޓަރު ދުރުގައިވާ ކަޓްރާ ނަމަކަށް ކިޔާ އަވަށުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ގެއްލުނު ދެ އަންހެން ކުއްޖަކު އަނެއް ދުވަހު ހެނދުނު ފެނިފައި ވަނީ ރޭޕްކުރުމަށް ފަހު މަރައި، ގަހެއްގައި އެލުވާފައި ވަނިކޮށެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ އުމުރުން 14 އަހަރާއި 15 އަހަރުގެ އެ ދެ ކުދިން ގެއްލުނުރޭ އޭގެ ތެރެއިން އެއްކުއްޖެއްގެ ބައްޕަ އެ ރޭ ފުލުހުންނަށް އެންގި ކަމަށެވެ. ނަމަވެސް އެކަން އެނގުނު ދެ ފުލުހުން އެކަމުގައި އެހީތެރިވާން ދެކޮޅު ހެދި ކަމަށެވެ.

ދެބެންގެ ދެދަރި އެ ދެ ކުދިން އެރޭ ގެއިން ނުކުތީ ގޭގައި ފާޚާނާ ނުހުންނާތީ ގަސްތަކުގެ ތެރެއަށް ފާޚާނާ ކުރުމަށެވެ.
ދެ ފުލުހުން އިއްޔެ ވަޒީފާ އިން ވަކިކުރި ނަމަވެސް އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު އަޚިލޭޝް ޔާދޭވް ވަނީ އެ ހާދިސާއާ ގުޅިގެން ސުވާލު ކުރުމުން ނޫސްވެރިއަކަށް މަލާމާތްކޮށްފަ އެވެ.
"ކަލޭ ތިހިރީ ސަލާމަތުން ނޫންތަ؟ ކަލެއަށް އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވޭ، ވޭތަ؟ ދެން ކީއްވެ ކަލޭ ކަންބޮޑުވަނީ އެކަމާ؟ ކަލެ އަށް ކޮން ކަމެއް؟" ދެ ކުދިން ރޭޕްކޮށް މަރައިލި ހާދިސާއާ ގުޅިގެން ސުވާލުކުރުމުން ޔާދޭވް ބުނި ކަމަށް އޭޕީ ބުންޏެވެ.

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓްކަމަށްވާ އުއްތަރު ޕްރަދޭޝްގައި ބުދަ ވިލޭރޭ ހިންގި އެއަނިޔާވެރި އަމަލުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެފަދަ އަނިޔާވެރި އެހެން ދެ ހާދިސާއެއް ވެސް ވަނީ ހިނގައިފަ އެވެ. އޭގެ ތެރެއިން އެއް ހާދިސާއެއްގައި ހަތަރު ފިރިހެނުން ވެގެން އުމުރުން 17 އަހަރުގެ ކުއްޖަކު ރޭޕްކޮށްފައިވެ އެވެ. އަދި އަނެއް ހާދިސާއެއްގައި ރޭޕްކުރުމުގެ އަނިޔާ ލިބުނު ކުއްޖެއްގެ މަންމަ އަށް އަނިޔާވެރި ހަމަލާއެއް ދީފައިވެ އެވެ.
އިންޑިއާ ސަރުކާރުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެ ގައުމުގައި ރޭޕް ކުރުމުގެ 25،000 ހާދިސާ ކޮންމެ އަހަރަކު ހިނގަ އެވެ.