އަރަބިއްޔާ ސަކޫލާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އަރަބި އިސްލާމް ރާއްޖެ އިން ފޮހެލުމަށް ސަރުކާރުން ކުރާ މަސައްކަތެއްކަމަށް އެ ސްކޫލްގެ ބެލެނިވެރިންނާއި ބޯޑުން ބުނެފި އެވެ.


އަރަބިއްޔާ ކުރިން ހިންގަމުންއައި އިމާރާތް ހަލާކު ވުމާގުޅިގެން އެ ސްކޫލްގައި ކިޔަވަމުން ދިޔަ ކުދިންނަށް ދިމާވެފައިވާ އިމާރާތުގެ ދަތިކަން ހައްލު ކުރުމަށް ބެލެނިވެރިންނާއި ސްކޫލް ބޯޑުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދިނުމަށް އެމްއެންބީސީގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެ ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިއެއް ކަމަށްވާ، އަބުދުއްސަލާމް ދާއޫދު ވިދާޅުވީ، 2010 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން އަރަބިއްޔާގެ ނަންބޯޑެއް، ދިދައެއް މި ގައުމުގައި ބޭނުންކޮށްފައި ނުވާ ކަމަށެވެ. އަދި ކުރިން އެމްއީއެސް ހިންގި އިމާރާތުގައި ހިންގަމުން ގެންދާ މަންދު ކޮލެޖްގެ ބައެއްގައި ވަރަށް ދަތި ހާލުގައި، އަރަބިއްޔާގެ ދަރިވަރުންނަށް މިހާރު ކިޔަވަމުން އަންނަ މައްސަލައަށް ދާއިމީ ހަލެއް ހޯދުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު އެތައް ބައްދަލުވުންތަކެއް ބާއްވައިގެން ކުރިއަށްގެންދިޔަ މަޝްވަރާތަކުން އަލިމަގެއް ފެނިފައިނުވާ ކަމަށާއި އެކަމުގައި ސަރުކާރުން ކޮށްދޭނެ ކަމަށް ބުނި ކަންތައް ވެސް ކޮށްދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"މާޗް މަހުގެ ތެރޭގައި ދިމާވި އުމްރާނީ މައްސަލައިގައި ދަރިވަރުން ސްކޫލުން ނިކުންނަން ޖެހުނު ދުވަހު، މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު، [އޭރުގެ ޑިޕިއުޓީ މިނިސްޓަރު] ޝިފާ މުހައްމަދު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ ކުދިން އެހެން ސްކޫލްތަކަށް ބަހާލާނީއޭ، އެ ދުވަހުން ފެށިގެން އަޅުގަނޑުމެން އެކަމާ ވަރަށް ބޮޑަށް ކަނބޮޑުވެފައި މިވަނީ. އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ ވިދާޅުވެފައި އެބައޮތް އަރަބިއްޔާގެ މައްސަލައިގައި ސީރިއަސް ނުވަނީއޭ ސަމާލުކަން ނުދެވެނީއޭ،" ދާއޫދު ވިދާޅުވި އެވެ.


ސަލާމް އަދި ވިދާޅުވީ، މި އަހަރުގެ ކިޔެވުން ފެށެން ކައިރިވަމުންދާއިރު، އަރަބިއްޔާއަށް ވަންނަން ބޭނުންވެފައިތިބި ކުދިންނަށް ފުރުސަތު ނުލިބުމާއި އަރަބިއްޔާގެ މައްސަލަ ހައްލު ވެފައި ނުވާތީ، އެކަމާބެހޭ ގޮތުން ރައީސް ނަޝީދާ ބައްދަލު ކުރުމަށް ސްކޫލްގެ ބެލެނިވެރިން ރައީސުލްޖުމްހުރިއްޔާގެ އޮފީސްދޮށަށް ދިއުމުން އެކަމަކީ ސިޔާސީ ކަމަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދާ ބައްދަލުކުރުމަށް ނަން ނޯޓު ކުރި މީހުންގެ ރެކޯޑް ބެލިޔަސް އެމީހުންނަކީ ބެލެނިވެރިންކަން އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ދުވަހު ރައީސް އޮފީސް ދޮށަށް އެއްވި މީހުން ހައްޔަރުކޮށް ބިޑިއަޅައި ޕެޕަ ސްޕްރޭ ބޭނުންކޮށްފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ މުޒާހަރާކުރި މީހުންނާ މެދު އެފަދަ އެއްވެސް އަމަލެއް ފުލުހުން ހިންގާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ރައީސް އޮފީސް ކައިރިއެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީސް ކުރާ ގެ ކައިރިއަކީ ވެސް މުޒާހަރާ ކުރަން މަނާތަނެކެވެ.


އަރަބިއްޔާސްކޫލް ބޯޑުގެ މެންބަރު އަހްމަދު އަބުދުﷲ ސައީދު ވިދާޅުވީ، އަރަބިއްޔާ މައްސަލައަށް ހައްލެއް ހޯދުމަށް އެކި ފަހަރުމަތިން، ސްކޫލް ބޯޑުން ސަރުކާރާ އެކު މަޝްވަރާތައް ބޭއްވި ނަމަވެސް އެކަމަށް ހައްލު ލިބިފައިނުވާ ކަމަށެވެ. ތަސްފީލް ދެއްވަމުން ސައީދު ވިދާޅުވީ، އަރަބިއްޔާ ސްކޫލް އެޅުމަށްޓަކައި، އެ ސަކޫލް ކުރިން ހިންގަމުންއައި ވަރުގެ ބިމެއް ދެއްވާނެ ކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި ވަގުތީ ހައްލެއްގެ ގޮތުން ބެލެނިވެރިންގެ ހަރަދުގައި ކްލާސްބަރިތަކެއް އިމާރާތް ކުރުމަށް މަންދު ކޮލެޖް ހިންގަމުން އަންނަ އިމާރާތް ކުރިމަތިން އޮންނަ ހުސްބިމުން ތަންކޮޅެއް ދިނުމަށް ސަރުކާރުގައި އެދުމުން އެކަން ވެސް ކޮށްދީފައިނުވާ ކަމަށާއި އެކަމަށް އަމީރު އަހްމަދު ސަކޫލުން ބައެއް ދިނުމަށް ހަމަޖެހިފައި ވަނިކޮށް ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ އެފުރުސަތު ވެސް ގެއްލުވާލާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.


ސައީދު ވިދާޅުވީ، މަތީ ގްރޭޑްތަކުގެ ބައެއް ކްލާސްތައް އެއްކޮށްލައިގެން މި ވަގުތައް ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައި ނަމަވެސް އެކަމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އިތުރު މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. އެގޮތުން މެންދުރު ފަހުގެ ދަންފަޅީގައި ހިމެނޭ ބައެއް ކްލާސްތައް ހެނދުނު ދަންފަޅިއަށް ބަދަލު ކުރުމުގެ ސަބަބުން މެންދުރު ފަހުގެ ދަންފަޅީގައި ހިމެނޭ ކްލާސްތަކަށް ޓީޗަރުންގެ މައްސަލަ ވަރަށްބޮޑަށް ކުރިމަތިވާނެ ކަމަށެވެ. އަދި އެކަންކަމަށް ހައްލު ހޯދުމަށް 2010 ވަނަ އަހަރު ނިމިގެން އަރަބިއްޔާ ދޫކޮށްލި ޓީޗަރުން ހޯދައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށާއި އެކަން ކުރިއަށް ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަރަބިއްޔާ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކޮމިޓީއެއް އުފައްދާފައިވާ ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވި ނަމަ ވެސް އެކަން ސްކޫލް ބޯޑަށް އެނގިފައިނުވާ ކަމަށާއި އެ ކޮމިޓީން ބޯޑާ މަޝްވަރާކޮށްފައިނުވާ ކަމަށް ވެސް އަހްމަދު އަބުދުﷲ ސައީދު ވިދާޅުވި އެވެ.