31 May 2014, 10:12
ބޭނުން ތާކު، ބޭނުން އިރަކު ދުންފަތުގެ އިސްތިއުމާލް ކުރުމުގެ އުސޫލަކީ ތަހުޒީބީ އުސޫލެއް ނޫނެވެ. އަދި އެއީ ތަހުޒީބީ ގައުމުތަކުގައި އަމަލު ކުރެވޭނެ އުސޫލެއް ވެސް ނޫނެވެ. ގިނަ ގައުމުތަކުގައި ވަނީ ދުންފަތުގެ އިސްތިއުމާލް ކުރުމަށް ބޮޑެތި އުސޫލުތަކެއް ކަނޑައަޅައިފަވެ އެވެ. އޭގެ ތެރެއިން އެއް ގައުމަކީ މިކުޑަކުޑަ ދިވެހި ރާއްޖެ އެވެ. ނަމަވެސް މި ރާއްޖޭގައި އެކުލަވާލާފައިވާ އެ ގަވައިދަކީ ހަމައެކަނި ލިޔުމަކުން އޮތް ގަވައިދަކަށް މިވަނީ ވެފަ އެވެ.
މިއަދަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަހެވެ. މިއަދު ދައްކާލާނެ ރަނގަޅު ވާހަކައެއް އެބަ އޮތެވެ. އެއީ ދުންފަތް މަނާކުރުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ "ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަން ކަނޑައެޅުމު"ގެ ގަވާއިދުގެ ވާހަކަ އެވެ. އެ ގަވާއިދަށް މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލުކުރަން ވަނީ ފަށައިފަ އެވެ. އެ ގަވާއިދުގައި ބުނާ ގޮތުގެ މަތިން ބޭނުން ތާކު ދުންފަތުގެ އިސްތިއުމާލް ކުރުމަކީ އަދަބު ލިބޭ ކުށެކެވެ. ނަމަވެސް ކަން ވަނީ އެގޮތަށް ބާވަ އެވެ؟
އެ ގަވާއިދަށް އަމަލުކުރަން މީގެ އެއް އަހަރާއި އެތައް މަހެއް ކުރިން ފެށިއިރު ގިނަ ބަޔަކު ބޯލެނބި އެވެ. ސިނގިރޭޓް ބޮވޭ ތަންތަން ފިޔަވާ އެހެން ތަންތަނުގައި ސިނގިރޭޓް ބުއިން ހުއްޓި އެވެ. ނަމަވެސް އެގަވާއިދަށް އަމަލުކުރަން ފެށިތާ އެއް އަހަރާއި ފަސް މަސް ވޭތުވެ ގޮސްފައިވާއިރު ހަގީގަތުގައި އެގަވާއިދު މިހާރު ވަނީ އުވިފަ އެވެ. އެއީ މިހާރު ހަމައެކަނި ލިޔެފައިވާ ލިޔުމެކެވެ. އަމަލުކުރާނެ ފަރާތެއް ނެތެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި މަނާތަންތަން ކަނޑައަޅާފައިވީ ނަމަވެސް އެކަން ކަމަށް ސަމާލުކަން ނުދީ ސިނގިރޭޓް ބޯ މީހުން އިތުރުވެގެންދަނީ އެ މީހުންނަށް އަދަބު ނުދެވޭތީ އެވެ.
"އަދަބު ދިނުމަކީ ފުލުހުންގެ ޒިންމާއެއް. ފެށިގެން އައިއިރު ފުލުހުންގެ މާ ބޮޑު އެއްބާރުލުމެއް ނުލިބޭ. ނަމަވެސް މިހާރު ދަނީ ކުރިއާ އަޅާބަލާއިރު އެއްބާރުލުން ލިބެމުން. ނަމަވެސް އަދިވެސް ފިޔަވަޅު އެޅޭލެއް މަދު،" ހަސަން މުހައްމަދު ވިދާޅުވި އެވެ.
އެ ގަވާއިދުގެ ދަށުން މީހުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު ފުލުހުންނަށް ލިބިފައިވާއިރު އެޗްޕީއޭއަށް ލިބިފައިވާ ބާރަކީ އެގަވާއިދާ ހިލާފުވާ ކެފޭ ރެސްޓޯރެންޓަކާމެދު ފިޔަވަޅު އެޅުމެވެ. ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ޒިންމާއަކީ ދުންފަތުގެ އިސްތިއުމާލް ކުރެވޭ ސަރަހައްދުތަކާއި ނުކުރެވޭ ސަރަހައްދުތަން އެނގޭނެ ފަދައޮން ފާހަގަ ކޮށްދިނުމެވެ.
އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ މިއަހަރު މިހާތަނަށް އެ ގަވައިދާ ހިލާފުވި 163 ތަނެއް އެޗްޕީއޭ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެ ތަންތަން ޖޫރިމަނާކޮށްފައި ވަނީ އެކި އަދަދުތަކުން ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި "ދުންފަތުގެ އިސްތިއުމާލުކުރުން މަނާތަންތަން ކަޑައެޅުމު"ގެ ގަވާއިދަށް އަމަލު ނުކޮށްގެން ފުލުހުންނަށް ހުށައެޅެނީ ވަރަށް މަދު ޝަކުވާއެއް ކަމަށެވެ. އަދި މަދުން ހުށައަޅާ އެފަދަ މައްސަލަތައް ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.
މުހިންމު އެގަވާއިދުގައި ބުނާގޮތުން މީހުން ވަދެ ނުކުމެވާ ދޮރުތަކާއި ދޮރާށިތަކާއި ގޭޓްތައް ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގަވާއިދުގެ ދަށުން މަނާކަމެކެވެ. ސަރުކާރުގެ ހުރިހާ އިދާރާތަކާއި މުސްކުޅިން ބަލަހައްޓާ ތަންތަނާއި އެތާގައި އޮންނަ ހާމަ ބިންތަކާއި ރިހަބިލިޓޭޝަން ސެންޓަރު ތަކާއި އެތަންތަނުގައި އޮންނަ ހާމަ ބިންތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އަދި ކުޑަކުދިންގެ ޕާކްތަކާއި އެކުދިން އާންމުކޮށް މުނިފޫހި ފިލުވުމަށް ގޮސް އުޅޭ ތަންތަނާއި ފެރީތަކާއި ފެރީ ޓާމިނަލްތަކުގައި ވެސް ސިނގިރޭޓް ބުއިން މަނަލެވެ.
ހަމައެހެންމެ އެ ގަވާއިދު ބުނާގޮތުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން އެއާކޯން ކޮށްފައިވާ ތަންތަނާއި ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރެންޓްގެ އިތުރުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ފުރުސަތު ދޭން ނަމަ އެތަންތަން ވަކިކުރަން ޖެހެ އެވެ. އަދި އެތަންތަނަކީ ދުންފަތުގެ އިސްތިއުމާލް ކުރެވޭ ތަންތަން ކަން އެނގޭނެހެން ލިޔުން ބަހައްޓަން ޖެހެ އެވެ.
އެ ގަވާއިދުގެ ދަށުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ލިޔުން ނުބަހައްޓާ ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ފުރުސަތު ދޭނަމަ ފުރަތަމަ ފަހަރަށް އެ ތަނެއް 500ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. ތަކުރާރުކުރާ ކޮންމެ ފަހަރަކަށް 5،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާންމު ތަންތަން ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެތަނެއްގެ ވެރިފަރާތް 1،000ރ. އިން ޖޫރިމަނާކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއްގައި އެ އަމަލު ކޮށްފި ނަމަ 500ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.
އެޗްޕީއޭ ޑެޕިއުޓީ ޑައިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި ގޮތުގައި އެގަވާއިދު ތަންފީޒް ކުރެވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންދެ އެވެ. އެގޮތުން ސަރުކާރާއި ބައެއް އަމިއްލެ ޖަމިއްޔާތަކާއި ވާހަކަ ދައްކައިގެން އެ ގަވާއިދު ތަންފީޒް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ދުންފަތުގެ އެގަވާއިދަކީ މުހިންމު ގަވައިދެކެވެ. ސަބަބަކީ އިންތިހާއަށް ދުންފަތުގެ އިސްތިއުމާލް ކުރުން އިތުރުވެފައިވާ މި ރާއްޖޭގައި އެ އަމަލު ނުހިންގާ މީހުންގެ ހައްގުތައް ގެއްލޭތީ އެވެ. އެގޮތުން ބޭނުން ހާތާކު ސިނގިރޭޓް ބުއިމުގެ ސަބަބުން އަރާ ދުމުގެ ގެއްލުން އެ އަމަލު ނުހިންގާ އެތައް ބަޔަކަށާއި ކުޑަކުދިންނަށް ފޯރަ އެވެ.
އެ މައްސަލައާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ނުކުރާ ފަރާތްތައް ނަމަވެސް ދުންފަތުގެ ދުމުން ބޮޑެތި ގެއްލުން ތަކެއް ވާ ކަމަށެވެ. އެގޮތުން މާބަނޑު އަންހެނުން ބައިގެން ދިއުމާއި ކެންސަރު ޖެހުމަށް އެކަމުގެ ސަބަބުން މަގު ފަހިވާ ކަމަށް ވިދާޅުވި އެވެ.
މިއަދަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަސް ކަމުން ދުންފަތުގެ ވަބާއިން މިގައުމު ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ބޭނުންހާތާކު ދުންފަތުގެ އިސްތިއުމާލް ނުކުރެވޭ ގަވައިދެވެ. ގާނޫނާއި ގަވާއިދުތަކަކީ ހުރިހާ މީހުންގެ ވެސް ރައްކާތެރިކަމާ ލާބަޔަށްޓަކައި ހެދެވިފައިވާ އެއްޗަކަށްވާއިރު އެގާނޫނުތަކާއި ގަވާއިދުތަކުގެ ފޮނި މީރުކަން ފެނިގެންދާނީ އެ ގާނޫނެއް ނުވަތަ ގަވާއިދެއް ތަންފީޒް ކުރެވިގެންނެވެ. ނަމަވެސް ފެނިގެންދަނީ އެމަންޒަރެއް ނޫނެވެ.