ރޯމް (މޭ 31) : ދިގު މުއްދަތަކަށް ހައިހޫނުކަން ތަހައްމަލްކުރަމުން ގެންދާ 840 މިލިޔަން މީހުން ދުނިޔޭގެ ކަންކޮޅުތަކުގައި އެބަތިބި ކަމަށް ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ އދ.ގެ ޖަމްއިޢްޔާ (އެފްއޭއޯ) އިން ބުނެފި އެވެ.

އެފްއޭއޯގެ ޑައިރެކްޓަރު ޖެނެރަލް ޖޮޒޭ ގްރަޒިޔާނޯ ޑިސިލްވާ ވިދާޅުވީ ހައިހޫނުކަމުގައި މަރުވާ ހާލަތަށް ނުގޮސް ހައިހޫނުކަން ދިގު މުއްދަތަކަށް ތަހައްމަލް ކުރަމުންގެންދާ 840 މިލިޔަން މީހުން ދުނިޔޭގެ ކަންކޮޅުތަކުގައި އުޅެމުންދާ ކަމަށާއި މީގެ ތެރޭގައި ހެދިބޮޑުވާން ޖެހޭ މިންވަރަށް ބޮޑުނުވުމުގެ މައްސަލަ ކުރިމަތިވެފައިވާ 160 މިލިޔަން ކުޑަކުދިން ހިމެނޭކަމުގަ އެވެ. ދިގު މުއްދަތަކަށް ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާ 840 މިލިޔަން މީހުންގެ ތެރެއިން 97 އިންސައްތަ މީހުންނަކީ އެފްރިކާ، އޭޝިޔާ އަދި ލެޓިން އެމެރިކާގެ ގައުމުތަކުގެ ރައްޔިތުން ކަމުގަ އެވެ. މީގެ ތެރެއިން ވެސް 70 އިންސައްތަ މީހުން ނިސްބަތްވަނީ އެފްރިކާގެ އެންމެ ފަގީރު ގައުމުތައް ހިމެނޭ ސަބްސަހަރަން އެފްރިކާގެ ގައުމުތަކަށް ކަމަށްވެސް ޑިސިލްވާ ވިދާޅުވި އެވެ.

އަދި ފުރިހަމަ ސިއްހަތުގައި އުޅެވޭމިންވަރަށް ކާބޯތަކެތި ނުލިބޭ ދެ ބިލިޔަން މީހުން ދުނިޔޭގެ އެކިގައުމުތަކުގައި އުޅެމުންދާއިރު މި ދެ ބިލިޔަން މީހުންގެ ތެރޭގައި ވެސް ގިނައީ އެފްރިކާ، އޭޝިޔާ އަދި ލެޓިން އެމެރިކާގެ ގައުމުތަކުގެ ރައްޔިތުން ކަމަށް ޑިސިލްވާ ވިދާޅުވި އެވެ. ދުނިޔޭގެ އާބާދީގެ މިހާބޮޑު ޕަސެންޓެއް ހައިހޫނުކަމުގައި އުޅެންޖެހިފައި ވަނީ ދުނިޔޭގެ ގައުމުތަކުގައި ކާބޯތަކެތި މަދުވެގެން ނުވަތަ ދަނޑުތަކުންނާއި ކާރުޚާނާތަކުން ކާބޯތަކެއް އުފެއްދާ މިންވަރު މަދުވެގެން ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

މި ހައިހޫނުކަމާއި ތަދުމަޑުކަމުގެ ފަހަތުގައި ވަނީ ހައިހޫނުކަން ދުނިޔެއިން ނައްތާލުމުގެ ސިޔާސަތުތަކެއް ނެތުމާއި ހުރިހާ އިންސާނުންނަށް ވެސް "ފުޑްސެކިއުރިޓީ" ލިބިދޭ ސިޔާސަތުތަކެއް ނެތުމުގެ އިތުރުން ހަނގުރާމަތަކާއި ގުދްރަތީ ކާރިސާތައް ކަމަށް ޑިސިލްވާ ވިދާޅުވި އެވެ. (ރޮއިޓާސް)