31 May 2014, 09:45
އަބޫޖާ (މޭ 31) : ނައިޖީރިޔާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޫކޯ ހަރާމް ޖަމާއަތާ ދެކޮޅަށް އެގައުމުގެ ސިފައިން ޢަސްކަރީ އޮޕަރޭޝަނެއް ފަށައިފިކަން އެގައުމުގެ ރައީސް ހާމަކުރައްވައިފި އެވެ.
ނައިޖީރިޔާގެ ރައީސް ގުޑްލަން ޖޮނަތަން ވިދާޅުވީ ބޫކޯ ހަރާމް ޖަމާއަތަކީ ނައިޖީރިޔާގެ ގައުމީ ސަލާމަތަށްއޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި ނައިޖީރިޔާގެ ދައުލަތަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން އެޖަމާއަތާ ދެކޮޅަށް ހަނގުރާމަކޮށް އެޖަމާއަތް ބަލިކުރާނެ ކަމުގަ އެވެ. ބޫކޯ ހަރާމް ޖަމާއަތާ ދެކޮޅަށް ނައިޖީރިޔާގެ ސަރުކާރުން ހަނގުރާމަ އިއުލާންކޮށްފައި ވީނަމަވެސް އެޖަމާއަތާ ކުރިމަތިލުމަށް ފަސްޖެހޭކަމުގެ ތުހުމަތު ރައީސް ގުޑްލަކްގެ ސަރުކާރުގެ މައްޗަށް ވަނީ ކުރެވިފަ އެވެ.
ބޫކޯ ހަރާމް އެޖަމާއަތުން މިދިޔަ ހަފްތާގައި ހިންގި ގަތްލުއާންމެއްގައި 35 މީހުން ވަނީ މަރާލާފަ އެވެ. މި ގަތްލުއާންމު ހިންގާފައި ވަނީ އެގައުމުގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ބްރޫނޯގެ ތިން ވިލެޖަކަށް ބޫކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ދިން ހަމަލާތަކެއްގަ އެވެ. އަދި އެޖަމާއަތުގެ ހަނގުރާމަވެރިން މިދިޔަ ބުރާސްފަތި ދުވަހުވަނީ ނައިޖީރިޔާގެ އުތުރުގެ ދެސަރަހައްދުގެ މުސްލިމް ދެ މަސްއޫލުވެރިއަކު ވަގަށްނަގާފަ އެވެ. މީގެ ތެރެއިން އެއްބޭފުޅަކީ ގޫޒާ ސަރަހައްދުގެ ވެރިއެއް ކަމަށްވާ އަލްހާޖު އިދްރީސް ތަމްތާ އެވެ. އަނެއް ބޭފުޅަކީ އޫބާ ސަރަހައްދުގެ ވެރިއެއް ކަމަށްވާ އަލްޙާޖް އިސްމާޢީލް މަމްޒާ އެވެ. މިދެ މަސްއޫލުވެރިން ވެސް ވަގަށްނަގާފައި ވަނީ މުސްލިމެއްގެ ޖަނާޒާގައި މިދެބޭފުޅުން ބައިވެރިވެވަޑައިގަންނަވަނިކޮށެވެ.
މީގެ އިތުރުން ބޫކޯ ހަރާމް ޖަމާއަތުން މިދިޔަ މަހު ނައިޖީރިޔާގެ އަންހެން ކުދިންގެ ސްކޫލަކަށް ހަމަލާދީ އެސްކޫލްގެ 200 އަށްވުރެ ގިނަ އަންހެންކުދިން ވެސް ވަގަށްނަގާފައިވެ އެވެ. އަންހެންކުދިން ވަގަށް ނެގި މައްސަލާގައި ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ލީޑަރުން ވަނީ އެޖަމާއަތާ ދެކޮޅަށް ޕެރިހުގައި ހަނގުރާމަ އިއްލާން ކުރައްވާފަ އެވެ.
ނައިޖީރިޔާގައި އިސްލާމީ ޝަރީޢަތް ގާއިމް ކުރުމުގެ ނަމުގައި ޕްރޮޕަގެންޑާތައް ފަތުރަމުންދާ ބޫކޯ ހަރާމް ޖަމާއަތުން މަގުފޭރުމާއި މީހުން ވަގަށް ނެގުމާއި ގަސްދުގައި މީހުން މެރުން ފަދަ އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ އަނިޔާވެރި ބޮޑެތި ޖަރީމާތައްއިންސާނުންނާ ދެކޮޅަށް ފާޅުގައި ހިންގަމުން ގެންދާއިރު އިސްލާމް ދީނާއި މުސްލިމުންގެ ނަން ހުތުރުކުރުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު އެޖަމާއަތުގެ މައްޗަށް ވަނީ ކުރެވިފައެވެ. (ނޫސްއެޖެންސީތައް)