ބެންކޮކް (މޭ 31) : ތައިލެންޑްގެ ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެދުގައި ސުލްޙަ ގާއިމްކޮށް ގައުމަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމަށްފަހު އަލުން އިންތިޚާބެއް ބާއްވާނެ ކަމަށާ މިކަމަށް އަހަރަކަށްވުރެ ގިނަދުވަސް ނަގާނެ ކަމަށް އެގައުމުގައި ވެރިކަންކުރާ ޢަސްކަރީ މަޖިލީހުން ބުނެފި އެވެ.

މި މަޖިލީހުގެ ވެރިޔާ އަދި ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ބްރަޔޫތް ޗާން އޮޗާ ރޭ ވިދާޅުވީ ތައިލެންޑަށް އަލުން އަނބުރައި ޑިމޮކްރަސީ ގެނަސް އިންތިޚާބީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމަށް އެއްއަހަރާ ދޮޅުއަހަރާ ދެމެދުގެ މުއްދަތެއް ބޭނުންވާ ކަމަށާ މިމުއްދަތަށް ފަހު ތައިލެންޑްގެ ވެރިކަމުން ސިފައިން ފައިބާނެ ކަމުގަ އެވެ. އެހެންކަމުން 13 މަސްފަހުން ތައިލެންޑްގައި އާންމު އިންތިޚާބެއް ބޭއްވުމަށް އަސްކަރީ މަޖިލީހުން ޕްލޭން ކޮށްފައިވާ ކަމަށް ޖެނެރަލް ބްރަޔޫތް ޗާން އޮޗާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ކޯޅުންތަކާއި ސިޔާސީ ލީޑަރުންގެ ނޭއްގާނި ކަމާއި އަމިއްލަ އެދުން ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ތައިލެންޑްގައި އުފެދިގެންދިޔަ ގަނޑުބަޑުތަކުގެ ސަބަބުން ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް ހުރަސްއެޅި ތައި ރައްޔިތުންގެ އެތަށް ވަގުތުތަކެއް ބޭކާރުވެގެން ގޮސްފައިވާ ކަމުގަ އެވެ.

ތައިލެންޑަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ދެވަނަ އިގްތިސާދެވެ. މިސަރަހައްދުގެ އެއްވަނަ އިގްތިސާދަކީ އިންޑޮނީޝިޔާ އެވެ. މިމަހުގެ 21 ވަނަދުވަހު ތައިލެންޑަށް އަސްކަރީ އިންގިލާބެއް ގެނަސް ތައިލެންޑްގެ ވެރިކަމާސިފައިން ހަވާލުވީ އެގައުމުގައި ހިނގަމުންދާ ދިގުލީ ސިޔާސީ ކޯޅުންތަކުގެ ސަބަބުން ގައުމުގެ އަމަން އަމާންކަމާއި ނިޒާމު ގެއްލި އިގްތިސާދު ހީނަރުވަމުން ދާތީ ގައުމު ހަމައަކަށް އެޅުމަށް ކަމަށް ބުނެފައެވެ.މި އިންގިލާބުގެ ވެރިއަކަށް ހުންނެވީ ޖެނެރަލް ޗާން އޮޗާ އެވެ.

މިމަހުގެ 21 ގައި ގެނައި ޢަސްކަރީ އިންގިލާބަށް ފަހު ނެރުނު ބަޔާނެއްގައި ތައި ސިފައިން ބުނެފައި ވަނީ ދިގު މުއްދަތަކަށް ސިފައިން ވެރިކަމުގައި ނުތިބޭނެ ކަމަށާއި އެފަދަ ރޭވުމެއް ވެސް ނެތްކަމުގަ އެވެ. މިއީ ތައިލެންޑްގެ ސިފައިން ޢަސްކަރީ އިންގިލާބެއްގައި އެގައުމުގެ މަދަނީ ސަރުކާރު ވައްޓާލި 12 ވަނަ ފަހަރެވެ. ތައި ސިފައިން އަސްކަރީ އިންގިލާބެއްގައި ވެރިކަމާ ހަވާލުވީ އެގައުމުގެ ދަސްތޫރީ ކޯޓުން ކުރީގެ ބޮޑު ވަޒީރާ ޔަންގްލަކްޝިނަވަޓްރާ ވެރިކަމުން ދުރުކުރުމަށްކުރި ހުކުމަށް ފަހު ވިޔަފާރިއާ ބެހޭ ވަޒީރު ވަގުތީ ގޮތުން ބޮޑުވަޒީރުކަމާ ހަވާލުވެފައިވަނިކޮށެވެ. ޔަންގްލަކް މަގާމުން ދުރުކުރުމަށް ތައި ދަސްތޫރީ ކޯޓުން ހުކުމްކުރީ އޭނާ ބޮޑުވަޒީރު ކަމުގައި ހުންނަވައިގެން މަގާމުގެނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވިކަން ސާބިތުވާތީ ކަމަށް ބުނެފަ އެވެ. މީގެއިތުރުން ތައި ދަސްތޫރީކޯޓުން ވަނީ އެންމެފަހުން އެގައުގައި ބޭއްވި އާންމު އިންތިހާބަކީ ވެސް ބާތިލުއިންތިހާބެއް ކަމަށް ކަނޑައަޅައިފައެވެ.

ޔަންގްލަކްގެ ވެރިކަމުގައި ދާދފަހުން އާންމު އިންތިޚާބެއް ބޭއްވީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކާއި ފިއްތުންތައް ބޮޑުވެ ޔަންގްލަކްއަށް ވެރިކަމުގައި ހުންނަވަން ދަތިވާ ހިސާބަށް ކަންތައްތައް ދިޔުމާއެކު އެކަމަނާގެ ފެއުތައި ޕާޓީ އަށް ރައްޔިތުންގެ ތާއީދުއޮތް މިންވަރު ބެލުމަށްޓަކަ އެވެ. މިދިޔަ މާޗްމަހު ބޭއްވި އެއިންތިޚާބު ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ޔަންގްލަކްގެ ޕާޓީ ކާމިޔާބުކުރުމުން އިދިކޮޅު ފަރާތްތަކުގެ އަގަތައް ބަންދުވެ އެމީހުންވަނީ ލަދުވެތިވެފައެވެ. އަދި މަގާމުގެ ބާރާއި ނުފޫޒު ހިންގި ކަމަށް ބުނެ ތައި ދަސްތޫރީ ކޯޓުން ޔަންގްލަކް ވެރިކަމުން ދުރުކުރީ އޭނާގެ ވެރިކަން ވައްޓާލުމަށް ދެން ކުރާނެ ކަމެއް ނެތުމާއެކު ބަޔަކު ރޭވި ރޭވުމެއްގެ ދަށުން ކަމަށް ފެއުތައި ޕާޓީގެ ބައެއް އިސްފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. (ނޫސްއެޖެންސީތައް)