ފުވައްމުލަކު މީހުންނަކީ ރަސްކަމުގެ ޒަމާނުއްސުރެ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މުހިންމު ބަޔެކެވެ. ސިޔާސީ އެތައް ބަޔަކު ފުވައްމުލަކުން އުފަންވެފައިވެ އެވެ. އަދި އެކި ދުވަސްވަރު، ފުވައްމުލަކުގެ އެތައް ބަޔަކު ވެރިކަމުގެ ބާރުގެ ތެރޭގައި އުޅެފައިވެ އެވެ. މިއީ އަނެއްކާ ވެސް އެފަދަ ދުވަސްކޮޅެކެވެ.

ދައުލަތުގެ ބާރުތައް ބެހިފައިވާ ގޮތުން އެންމެ ބާރުގަދަ އެއް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާނެ އެވެ. ކަރުދާހުގައި ލިޔެވިފައި އަދި ލިޔެވިފައި ނެތް އެތައް ބާރެއް މަޖިލީހުގެ ރައީސަށް ލިބިގެންވެ އެވެ. ރައްޔިތުން އިންތިހާބުކޮށްފައިވާ އެމީހުން ތަމްސީލު ކުރާނެ ހުރިހާ މެންބަރުންގެ ލީޑަރަކީ މަޖިލިހުގެ ރައީސެވެ. މިއަދު އެ މަގާމުގައި ހުންނެވީ ފުވައްމުލަކުގެ ބޭފުޅެކެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންވި ފުވައްފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މީގެ 14 އަހަރު ކުރިން ފެށިގެން މަޖިލީހުގެ މެންބަރެކެވެ.

ގައުމުގެ އެންމެ މުހިންމު ވަޒީފާ އަދާ ކުރައްވާ ބޭފުޅަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެމަނިކުފާނަށް ލަފާ އަރުއްވާނެ އެތައް ބޭފުޅުންނެއް ވެސް ތިބޭނެ އެވެ. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ ކަންފަތްޕުޅާ އެންމެ ގާތުގައި އަބަދުވެސް ހުންނަވާނީ އެމަނިކުފާނުގެ ނައިބުކަން ޔަގީނެވެ.

ޑރ. މުހައްމަދު ޖަމީލު އަހުމަދަކީ ފުވައްމުލަކުގެ ފަހުރެކެވެ. ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ގައުމު ހަމައަކަށް އެޅުވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމްގެ ކޮނޑުފުޅުގައި ބޮޑު ޒިންމާއެއް އެޅިފައިވެ އެވެ. އެކަމުގެ ބުރަ އެމަނިކުފާނު އުފުއްލަވާނީ ޑރ. ޖަމީލާ އެކު އެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ޒުވާނުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގަތުމަށް ފަހު އެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންގެ ކުރިއެރުންތައް ހޯދައިދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާ އިރު އެ އަމާޒަށް ވާސިލު ވުމަށް ޒުވާނުންނާ ބެހޭ ވަޒީރަކަށް ވެސް އައްޔަން ކުރައްވާނީ އެ މަނިކުފާނު ފުރިހަމައަށް އިތުބާރު ކުރައްވާ ބޭފުޅެކެވެ. ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވަޒީރު، މުހައްމަދު މަލީހް ޖަމާލަކީ ވެސް ފުވައްމުލަކަށް އުފަން ބޭފުޅެކެވެ. މަލީހަކީ ރައީސް ޔާމީން އަރިހުގައި އެންމެ ގާތުން ރިޔާސީ ކެމްޕެއިންތަކުގައި މަސައްކަތްކުރެއްވި އެއްބޭފުޅެވެ.

އޭގެ އިތުރުން ދީނީ އެކި ކަންކަމާ ގުޅޭ ގޮތުން ރައީސަށް ލަފާ އެރުވުމަށްޓައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހީމް ވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ އެޑްވައިޒަރަށް ހަމަޖައްސައިފަ އެވެ. މަގާމުގެ ގޮތުން ބަލާއިރު މިއީ ކޮންމެ ވެސް ވަރެއްގެ ބުރަދަނެއް ހުރި މަގާމެކެވެ.