31 May 2014, 09:30
އޭއެފްސީ ކަޕުގެ ޗެމްޕިއަންކަން ހޯދި ފަލަސްތީނަށް ރާއްޖޭގެ ސަޕޯޓަރުން ދިން ތަރުހީބަށް އެ ޓީމުގެ ކޯޗު ޖަމާލް މަހްމޫދު ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފި އެވެ.
ފައިނަލުގައި ފިލިޕީންސާއި ދެކޮޅަށް ކުޅެ، 1-0 ލަނޑުން މޮޅުވި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލަސްތީނުގެ ކޯޗު ބުނީ، ރާއްޖެ މަތިން އަބަދުވެސް ހުންނާނެ ކަމަށާއި ކުރިއަށް އޮތްތާ ވެސް ގިނަގިނައިން ރާއްޖެ އަށް ޒިޔާރަތް ކުރުމަށް އުންމީދުކުރާ ކަމަށެވެ.
"އަހަރެމެންނާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދެއްކުމުން ފިލިޕީންސަށް ޝުކުރު އަދާކުރަން. ދެން އަހަރެން ޝުކުރު އަދާކުރަން ބޭނުމީ ރާއްޖެ އަށް. ރާއްޖޭގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން އަބަދުވެސް ރާއްޖެ މަތިން ހަނދާން ހުންނާނެ. ކުރިއަށް އޮތްތާއި ގިނަ ފަހަރަކު މި ގައުމަށް އައުމަށް އަހަރެން އުންމީދުކުރަން،" އޭނާ ބުންޏެވެ. "މި ކާމިޔާބު އަހަރެން ހަދިޔާކުރަން ބޭނުމީ މަރުވެފައިވާ އަހަރެންގެ ބޭބެ އަށާއި މަންމައަށާއި އަންހެނުންނަށާއި ދަރިން އަދި ޖޯޑަންގައި ތިބި އަހަރެންގެ ރައްޓެހިންނަށް. ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްއަށާއި އިސްރާއީލުގެ ޖަލުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް މަރުހަބާ ކިޔަން. ޖޯޑަން އަދި ފަލަސްތީނުގައި ތިބި ސަޕޯޓަރުންނަށް ވެސް މަރުހަބާ ކިޔަން،"
ފަލަސްތީނުގެ ކޯޗު މަހްމޫދު ބުނީ، މީގެ ކުރިން ރަނގަޅު ސްކޮޑެއް ނެތް ކަމުގައި ވިޔަސް، ފަލަސްތީނުގައި މިހާރު އޮތީ ވަރުގަދަ ސްކޮޑެއް ކަމަށެވެ. އަދި ފަލަސްތީނު ޓީމުން ހޯދި ކާމިޔާބާ މެދު އެ ގައުމުގެ ރައްޔިތުންނާއި ކޯޗު މަހްމޫދުގެ އުފަން ގައުމު ކަމަށްވާ ޖޯޑަން އިން ވެސް އުފާކުރާނެ ކަމަށެވެ.
"މި މެޗަކީ ވަރަށް އުނދަގޫ މެޗެއް. މިއީ ތާރީހީ މެޗެއް. މިއީ ތާރީހީ މޮޅެއް. މިއީ އަހަރެމެންނަށް ލިބުނު ބޮޑު ކާމިޔާބެއް. މީގެ ދެ އަހަރު ކުރިން އަހަރެމެންގެ ޓީމުގެ ފަރާތުން މާ ރަނގަޅު ކުޅުމެއް ނުދެއްކޭ. ނަމަވެސް މިހާރު މިއޮތީ ވަރަށް ރަނގަޅު ސްކޮޑެއް. ޖޯޑަންގައި ހުރި ހުރިހާ އެންމެން ވެސް ފަލަސްތީނުން ހޯދި ކާމިޔާބާ މެދު އުފާކުރާނެ،" އޭނާ ބުންޏެވެ. "މި މުބާރާތުގައި އަހަރެމެންނާ އެކު ބައިވެރި ނުވެވުނު ގިނަ ކުޅުންތެރިންތަކެއް އެބަތިބި. އޭޝިއަން ކަޕުގައި އެ ކުޅުންތެރިން ޓީމާއި ގުޅޭނެ ކަމަށް އުންމީދުކުރަން. އެ ކުޅުންތެރިން ޓީމާއި ގުޅުމުން އިތުރަށް ޓީމު ވަރުގަދަވާނެ. އަހަރެމެން އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރާނަން."
ފަލަސްތީނު ކޯޗު އިތުރަށް ބުނީ، ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަށް ވަރަށް މުހިންމު ކާމިޔާބެއް ކަމަށާއި ފަލަސްތީނު ބޭނުންވަނީ ކުޅިވަރު ތަރައްގީކޮށް، ފަލަސްތީނުގައި ސުލްހަ ގާއިމްކުރަން ބޭނުންވާކަން ދުނިޔެއަށް އަންގައިދޭން ކަމަށެވެ.
އެންމެ ފަހު ޗެލެންޖް ކަޕުގެ ފައިނަލް މެޗުން މޮޅުވެ، ޗެމްޕިއަންކަން ހޯދިި ފަލަސްތީނަށް 2015 ވަނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭޝިއާ ކަޕުން ޖާގަ ލިބޭނެ އެވެ. މުބާރާތުގެ ރަނަރަޕްކަން ފިލިޕީންސަށް ލިބުނު އިރު، ތިންވަނަ ހޯދީ ރާއްޖެ އެވެ.