31 May 2014, 09:07
އޭއެފްސީ ޗެލެންޖް ކަޕުގެ ފައިނަލުގައި ފަލަސްތީނު އަތުން ބަލިވި ކަމުގައި ވިޔަސް، މުބާރާތުގައި ފިލިޕީންސް ޓީމުން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމުގައި އެ ޓީމުގެ ކޯޗު ތޯމަސް ޑޫލޭ ބުނެފި އެވެ.
މި މުބާރާތުގައި ކުޅުނު ފައިނަލުގައި ފަލަސްތީނު އަތުން 1-0 ލަނޑުން ބަލިވުމަށް ފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިލިޕީންސްގެ ކޯޗު ބުނީ، މުބާރާތުގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ފަހުރުވެރިވާ ކަމަށެވެ. ނަމަވެސް ހިތާމައަކީ ޗެލެންޖް ކަޕް ކާމިޔާބުނުކުރެވުން ކަމުގައި ކޯޗު ޑޫލޭ ބުންޏެވެ.
"މިއީ ވަރަށް އުނދަގޫ މެޗެއް. އަހަރެމެން ވަރަށް މަސައްކަތްކުރިން. މި މުބާރާތުގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު އަހަރެން ފަހުރުވެރިވަން. ކުޅުންތެރިން މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކި. ނަމަވެސް އަހަރެެމެން އުންމީދުކުރި އެންމެ ފަހު ނަތީޖާ ނުނެރެވުނު،" އޭނާ ބުންޏެވެ. "ފަލަސްތީނުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އެ ޓީމުން ހޯދި ކާމިޔާބަށް މަރުހަބާ ކިިޔަން. އަހަރެމެންނަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު. ނަމަވެސް ނަސީބު ހުރި ގޮތުން އެ ފުރުސަތުތައް ކާމިޔާބުނުވީ. އަހަރެމެން މުބާރާތަށް ނުކުތީ ޗެލެންޖް ކަޕް ކާމިޔާބުކުރަން. ނަމަވެސް ހިތާމައަކީ އަހަރެމެންނަށް އެކަން ނުކުރެވުމުން،"
ޑޫލޭ ބުނީ، ފިލިޕީންސް މަސައްކަތްކުރީ ފަލަސްތީނުގެ ވަރުގަދަ ޑިފެންސް ލައިން ރޫޅާލަން ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް އެ ޓީމުގެ ޑިފެންސް ލައިނާއި މެދުތެރެ ވެސް ވަރުގަދަ ކަމަށް ޑޫލޭ ފާހަގަކުރި އެވެ.
"ފަލަސްތީނު ކުރިން ކުޅުނު މެޗުތައް އަހަރެން ބެލިން. އެ މެޗުތަކުގައި ވެސް އަހަރެންނަށް ފެނިގެންދިޔައީ އެމީހުންގެ ޑިފެންސް ފޫ އަޅުވާލަން އުނދަގޫވި ތަން. އެގޮތުން އަހަރެމެން ވިސްނީ ތިން ފޯވަޑުން ބޭނުންކޮށްގެން ޑިފެންސަށް ނުރައްކާކޮށް، އެމީހުން ކައިރިން ވަދެ ގަންނަން. ނަމަވެސް އަހަރެމެންނަށް އެކަން ކާމިޔާބެއް ނުވި. މެޗު ތެރެއިން ވެސް އަހަރެމެންނަށް ބޯޅަ ގެންގުޅެން އުނދަގޫވި. ހާއްސަކޮށް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ސަބަބުން. އަހަރެމެން ދެވަނަ ހާފަށް ނުކުތީ ބަދަލުތަކެއް ގެނެސްގެން،" އޭނާ ބުންޏެވެ.
މެޗުގައި ރެފްރީގެ ނިންމުންތަކާއި ފިލިޕީންސްގެ ފަރާތުން ހިތްހަމަނުޖެހުން ފާޅުކުރި ތަން ފެނިގެންފިޔަ އެވެ. މިކަމާ ގުޅޭގޮތުން ޑޫލޭ ބުނީ، މެޗުގައި ލައިންސްމަނުގެ ނިންމުންތައް ރަނގަޅު ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
"ރެފްރީއަކަށް ނުވަތަ ލައިންސްމަނަކަށް ވާކަށް އަހަރެން ބޭނުމެއް ނޫން. އެއީ ވަރަށް އުނދަގޫ ކަމެއް ކަން އަހަރެންނަށް އެނގޭ. ލައިންސުމަނު އަހަރެމެންނާ އިދިކޮޅަށް ނިންމައި، އަހަރެމެންނާ އެއްކޮޅަށް ނިންމައިފި ނަމަ، އެއީ މައްސަލައެއް. ފަހުން ލައިންސްމަނުގެ ހިޔާލު ބަދަލުވެގެން ދިޔަ. އެހެންކަމުން އަހަރެމެންނަށް ސުވާލު އުފެދޭނެ. މި މެޗުގައި ލައިންސްމަނުގެ ނިންމުންތައް ރަނގަޅު ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން،" ފިލިޕީންސްގެ ކޯޗު ބުންޏެވެ.
އެންމެ ފަހު ޗެލެންޖް ކަޕުގެ ފައިނަލް މެޗުން މޮޅުވެ، ޗެމްޕިއަންކަން ހޯދިި ފަލަސްތީނަށް 2015 ވަނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭޝިއާ ކަޕުން ޖާގަ ލިބޭނެ އެވެ. މުބާރާތުގެ ރަނަރަޕްކަން ފިލިޕީންސަށް ލިބުނު އިރު، ތިންވަނަ ހޯދީ ރާއްޖެ އެވެ.