މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ބައިކޮޅަށް އެންމެ ލަނޑެއް ވެސް ވަނަ ނުދީ އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބު ކޮށް 2015 ވަނަ އަހަރު އޮސްޓްރޭލިޔާގައި ބާއްވާ އޭއެފްސީ އޭޝިޔަން ކަޕްގައި ވާދަކުރުމުގެ ފުރުސަތު ފަލަސްތީން ހޯދައިފި އެވެ.

މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ތާރީޚީ ފައިނަލް މެޗު 1-0 ލަނޑުން ފަލަސްތީން ކާމިޔާބު ކުރީ މި މުބާރާތުގެ 2012 އަހަރު ތިންވަނަ ހޯދި ފިލިޕީންސް ބަލިކުރުމަށް ފަހު އެވެ. އަދި މިއީ ފަލަސްތީން ގެ ފުޓްބޯޅައިގެ ތާރީޚުގައި އެޓީމަށް ބައިނަލްއަގްވާމީ ތައްޓެއްގައި ބީހިލުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މިރޭ 9:00ގައި ފެށި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 58 ވަނަ މިނިޓުގައި ފަލަސްތީނަށް ކާމިޔާބު ކޮށްދިނީ ފޯވާޑް އަޝްރަފް ފަވަޣްރާ އެވެ.

ފަލަސްތީނުން ލަނޑު ޖެހިފަހުން ފިލިޕީންސްގެ ކުޅުން ވަރުގަދަކޮށް ފެނިގެން ދިޔަ ނަމަވެސް މުޅި މެޗަށް ބަލާއިރު ގިނަވަގުތު ބޯޅަ ހިފަހައްޓައި، ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ފަލަސްތީން ޓީމުންނެވެ.

ފަލަސްތީނަށް ސަޕޯޓް ކުރަމުން ދިޔަ އެތަކެއް ސަތޭކަ ދިވެހި ސަޕޯޓަރުން މެދުކެނޑުމެއް ނެތި އެޓީމަށް ދެމުން ގެންދިޔަ ހިތްވަރާއި ތަރުހީބާއެކު އެޓީމުން މުބާރާތުގެ ތަށި އުފުލައިލި އިރު ފަލަސްތީނުގެ އެކި ސަރަހައްދު ތަކުގައި އެގައުމުގެ ރައްޔިތުން ދިޔައީ އުފާފާޅު ކުރަމުންނެވެ. އަދި މެޗު ނިމުމާްއެކު ރައީސް މަހުމޫދު އައްބާސް ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ގުޅުއްވައި ދިވެހި ސަޕޯޓަރުންނަށް ތައުރީފް ކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

މި މަހުގެ 19އިން 30 އަށް އައްޑޫ ސިޓީއާއި މާލެ ސިޓީގައި ކުރިއަށް ގެންދިޔަ އޭއެފްސީ ޗެލެންޖް ކަޕްގެ އެންމެ ފަހުގެ އެޑިޝަން ފަލަސްތީން ކާމިޔާބުކުރުމުން އެޓީމަށް އަންނަ އަހަރުގެ އޭއެފްސީ އޭޝިޔަން ކަޕުން ޖާގަ ލިބިގެން ދާއިރު، އެ މުބާރާތުގައި ފަލަސްތީން ވާދަކުރަން ޖެހޭނީ، ގްރޫޕް ޑީގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަޕާނާއި، އިރާގު އަދި ޖޯޑަންއާއި އެވެ. އަދި އޭޝިއަން ކަޕްގައި ފަލަސްތީން ވާދަކުރާ ފުރަމަ މެޗު ކުޅެން ޖެހޭނީ މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ ޖަޕާނާ ދެކޮޅަށެވެ.

ޗެލެންޖް ކަޕްގެ ޗެމްޕިއަންޓީމަށް ފަލަސްތީން ހޮވުނު އިރު މި މުބާރާތުގެ އިންޑިވިޖުއަލް ހުރިހާ ވަނަތަކެއް ވެސް ލިބުނީ އެޓީމުގެ ކުޅުންތެރިންނަށެވެ. އެގޮތުން އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލް އެވޯޑު ހޯދީ އެޓީމުގެ މުރާދު ސައީދުއެވެ. އަދި މި މުބާރާތުގައި ޖުމުލަ ހަތަރު ލަނޑު ކާމިޔާބުކޮށްގެން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ މިރޭގެ މުހިއްމު ލަނޑުވެސް ފަލަސްތީނަށް ޖަހައިދިން އެޓީމުގެ ފޯވާޑް އަޝްރަފް އަލް ފަވަޣްރާއެވެ.

ޗެލެންޖް ކަޕްގެ ތާރީޚީ މުބާރާތުގެ ދެވަނަ ޓީމަކަށް ފިލިޕީންސް ހޮވުނު އިރު ތިން ވަނަ ޓީމަކަށް ހޮވިފައިވަނީ ރާއްޖެއެވެ. އަދި މި މުބާރާތުގެ ފެއަޕްލޭ ޓީމަކަށް ހޮވުނީ އަފްޣާނިސްތާނެވެ.