02 Jan 2011, 10:44
ދައުލަތުގެ އިސްވެރިންނަށް ލިބޭ މުސާރަތަކާއި އިނާޔަތްތައް އިތުރުކުރުމީ "ޒިންމާދާރު" ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރައްވާފައިވާ ކަމެއް ނޫން ކަމަށް ބުނެ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަދި ޑިމޮކްރެސީ ހައުސް އިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
އެމްޑީއެން އަދި ޑިމޮކްރެސީ ހައުސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނަނީ، "ދިވެހި ދައުލަތުގެ ދަރަނިވެރިކަން ބޮޑުވެ، އާއްމު ރައްޔިތުންގެ މުސާރަތައް ކެނޑި، ވަޒީފާގެއްލުމުގެ ބިރު ހީވެ އަދި ދަޢުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ކުރާ ޚަރަދު ކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ދަޢުލަތުގެ އިސްވެރިންނަށް ދެވޭ މުސާރަ އާއި އިނާޔަތްތައް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވި ނިންމެވުމަށް މި ޖަމިއްޔާތަކުން ދެކޮޅު ހަދާ،" ކަމަށެވެ.
އަދި ނިންމެވުމަކީ "ޒިންމާދާރު" ނިންމެވުމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާތަކުން ދެކޮޅު ހަދަނީ ހަމައެކަނި މަޖިލިސް މެމްބަރުންނަށް ކަނޑައަޅާފައިވާ އިތުރު އިނާޔަތްތަކާ މެދު ނޫން ކަމަށާއި "ވަޒީރުންނަށާއި ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް" ދޭން ކަނޑައެޅި އިތުރު މުސާރަ އާއި ޢިނާޔަތްތަކަށް ވެސް ތާއީދު ނުކުރާ ކަމަށް އެ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ވަނީ މަޖިލިސް މެމްބަރުންގެ އިމްތިޔާޒްގެ ބިލަކީ ދައުލަތުގެ ޚަރަދުތައް އިތުރަށް ބޮޑުވާނެ ބިލެއް ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
"ހުޅުވިފައިވާ ދިމިޤްރާތީ މުޖުތަމަޢުތަކުގައި މަޖްލިސް މެމްބަރުންނަށް ޖިނާއީ ކަންކަމުގައި ނުލިބޭ ފަދަ، އަދި ދިވެހި ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އަށް ވެސް ނުލިބޭ ފަދަ، އިމްތިޔާޒުތަކެއް ވެސް ރާއްޖޭގެ މަޖިލިސް މެމްބަރުންނަށް ލިބޭފަދަ ގޮތަކަށެވެ. ހަމަމިއާ އެކު، ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން ރައްޔިތުންގެ މަޖްލީހަށް ހެދުމުގެ ބާރު ލިބިދޭ، މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކެނޑޭނެ މިންގަނޑުތައް ރައްޔިތުންގެ މަޖްލީހުން ފާސްކުރައްވާފައި ނުވާކަން ވެސް މި ޖަމިއްޔާތަކުން ފާހަގަކުރަމެވެ." އެބަޔާނުގައިވެ އެވެ.
އެމްޑީއެން އާއި ޑިމޮކްރެސީ ހައުންސް އިން ވެސް އިތުރަށް ބުނަނީ، "މަޖިލީހުގެ މެމްބަރުން އެބޭފުޅުންގެ ދާއިރާގެ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިވަޑައިގަންނަވާތީ އެބޭފުޅުންގެ މުސާރަ އާއި ޢިނާޔަތްތައް އިތުރުކުރަން ޖެހިވަޑައިންނަވާ ކަމީ މި ޖަމިއްޔާތަކަށް އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ސަބަބެއް ނޫން" ކަމަށެވެ.
"އެއްވެސް ހާލެއްގައި މަޖިލިސް މެމްބަރުންގެ އާމްދަނީއަކީ ރައްޔިތުންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަމެއް ނުވަތަ އެހީތެރިކަމެއް ނޫނެވެ." އެބަޔާނުގައި ވެއެވެ.
އަދި ދައުލަތުގެ މުސާރައިގެ އޮނިގަނޑާއި މަޖިލިސް މެމްބަރުންގެ އިމްތިޔާޒްގެ ބިލު އިސްލާހުކޮށްދެއްވުމަށް އެ ޖަމިއްޔިތަކުން ވަނީ ގޮވާލައިފަ އެވެ.