އޭއެފްސީ ޗެލޭންޖު ކަޕްގެ ފައިނަލް މެޗުގައި ގިނައަދަދެއްގެ ދިވެހީން ފަލަސްތީނުގެ ގައުމީ ޓީމަށް ސަޕޯޓު ކޮށްފައިވާތީ އެގައުމުގެ ރައީސް މަހުމޫދު އައްބާސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ގުޅުއްވައި ދިވެހި ސަޕޯޓަރުންނަށް ތައުރީފް ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ރައީސް ޔާމީނަށް ގުޅުއްވީ ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު އެމަނިކުފާނު ރަސްމީ ފުޓުބޯޅަ ދަނޑުގައި އިންނަވަނިކޮށް ކަމަށެވެ.

ފަލަސްތީނުގެ ރައީސްގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފަލަސްތީނުގެ ގައުމީ ޓީމަށް ދެއްވި އެއްބާރުލުމަށް އެގައުމުގެ ރައްޔިތުންގެ ނަމުގައި ޝުކުރުއާދުރެއްވިއެވެ. އަދި މިރޭ އެގައުމަށް ކާމިޔާބީ ލިބުނު އިރު، ދިވެހީން އެ ޓީމަށް ސަޕޯޓު ކުރުމަކީ އެކަމުގެ ސަބަބުން ފަލަސްތީން އިތުރަށް ދުނިޔޭގައި މަޝްހޫރުވެގެންދާނެ ކަމެއް ކަމުގައި މަހުމޫދު އައްބާސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަލަސްތީނުގެ ރައީސް އެމަނިކުފާނަށް ގުޅުއްވީތީ އެކަމާ އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށްޓަކައި ކުރާ ހުރިހާ މަސައްކަތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ތިބީ ފަލަސްތީނާ އެކުގައި ކަމަށް ވެސް ރައީސް ފޯނުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

އޭއެފްސީ ޗެލެންޖުކަޕްގެ ޗެމްޕިއަންކަން ފަލަސްތީނުން ހޯދީ ފިލިޕީންސާ ދެކޮޅަށް މިރޭ ކުޅުނު މެޗް 0-1 އިން ކާމިޔާބުކޮށްގެނެވެ. މި މެޗުގައި ފަލަސްތީނަށް ގޯލް ކާމިޔާބުކޮށްދިނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ފޯވާޑު އަޝްރަފެވެ.