31 May 2014, 00:22
އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި އދ. އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އެމެރިކާގެ ނިއުޔޯކްގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު އަޙުމަދު ސަރީރެވެ. އދ. ގެ ފަރާތުން ސޮއިކުރެއްވީ އަންޑާ ސެކްރެޓަރީ ޖެނެރަލް ފޯ ޕީސްކީޕިން އޮޕަރޭޝަންސެވެ.
އދ. ގެ ޕީސްކީޕިންގ އޮޕަރޭޝަންސް ތަކުގައި ދިވެހިރާއްޖެއިން ބައިވެރިވުމާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި އދ. އާއި ދެމެދު ވެވުނު މި އެއްބަސްވުމުގައި އދ. ގެ މިޝަންތަކުގައި ދިވެހި ރާއްޖޭގެ ފަރާތުން މިލިޓަރީ އޮބްޒާވަރުންނާއި، އިންފެންޓްރީ ޕްލެޓޫނެއް ބައިވެރި ކުރެވިދާނެ ކަމަށް މި އެއްބަސްވުމުގައި ހިމެނިފައިވާއިރު، އދ. ގެ ޕީސްކީޕިންގ އޮޕަރޭޝަންސް ތަކުގައި ދިވެހި ރާއްޖެއިން ޢަމަލީ ގޮތުން ބައިވެރިވާނީ ދިވެހި ސަރުކާރުން އެ ފަދައިން ކަނޑައެޅުމުންނެވެ.