ފަރުމަސްވެރިކަމަށް ނުކުތް ޑިންގީއެއް ބަނޑުން ޖަހާލި ހާސިދާގައި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހަތަރު މީހުންނާއެކު ފަރު މަސްވެރިކަމަށް ނުކުމެ އުޅުނު މި ޑިންގީ ބަންޑުން ޖަހާލައިފައި ވަނީ މިއަދު ހަވީރު ޕެރަޑައިސް އައިލެންޑް ރިސޯޓްގެ އިރުދެކުނަށް ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު ޑިންގީގައި ހަތަރު މީހުން ތިބި ކަމަށާއި އޭގެ ތެރެއިން ތިން މީހަކު ފަތާފައި ގޮސް ޕެރަޑައިސް އައިލެންޑް ރިސޯޓަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ލައިގެން ހުރީ ގަދަ ނޫކުލައިގެ ޓީޝާޓަކާއި، ހުދުކުލައިގެ ސޯޓެއް ކަމަށްވެ އެވެ. އެންމެ ފަހުން އެ މީހާ ކަނޑުތެރެއިން ފެނުނު އިރު އޮތީ ހުދުކުލައިގެ ހަމެއްގައި ހިފައިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރަމުންދާއިރު، މެރިން ޕޮލިހާއި، ޕެރަޑައިސް އައިލެންޑް ރިސޯޓުގެ އިތުރުން ފޯ ސީޒަން ކުޑަ ކުރާ ރިސޯޓްގެ އެހީތެރިކަން ލިބެމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުތަކުން އެ މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ބަލަވައިދެއްވައި އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަކީ ވަރަށްބޮޑު އެދުމެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.