ރާއްޖެ ކުޑައެއް ކަމަކު އަދި ފުޓްބޯޅައިގައި ދުނިޔޭގެ ރޭންކިންގައި 153 ގައި އޮތެއް ކަމަކު މިއަދު ދުނިޔޭގެ ފުޓްބޯޅަ ޚަބަރުތައް ގެނެސްދޭ ބޮޑެތި މީޑިއާ ތަކުގެ ފަލަ ސުރުޚީގައި ރާއްޖޭގެ ކުޅިވަރު ޚަބަރެއް މިވަނީ ހޫނު ކަމާއެކު ފެތުރެން ފަށައިފައެވެ. އެއީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އޭއެފްސީ ޗެލެންޖް ކަޕްގައި ހޯދި ކާމިޔާބީއާވެސް ގުޅުން ހުރި ޚަބަރެކެވެ. އެއީ އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު ޗެލެންޖް ކަޕްގެތިން ވަނަ ހޮވާ މެޗުގައި ރާއްޖޭ ޓީމުގެ މިޑްފީލްޑަރު އަސްއަދު އަލީ (އަޑޭ) ނުވަތަ (އަޑުބަރޭ) ޖެހި އާދަޔާ ޚިލާފު ޕެނަލްޓީގެ ވާހަކަ އެވެ.

އަފްޣާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ދިވެހިން ރޭ ކުޅުނު ފޯރިގަދަ މެޗުގެ ނަތީޖާ ނެރެން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވުމުން އިތުރަށް ކުޅުނު 15 މިނިޓުގެ ދެ ހާފުގައި 1-1 އިން ދެޓީމު އެއްވަރު ވުމުން އެންމެ ފަހުން ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން ރާއްޖެ އަފްޣާން މައްޗަށް ކުރި ހޯދީ 8-7 ލަނޑުންވެ.

ރާއްޖޭގެ ހަ ވަނަ ޕެނަލްޓީ ޖަހަން އަޑޭ ދިޔައިރު އަފްޣާން އޮތީ 6-5 އިން ކުރީގައެވެ. އަޑޭ ޕެނަލްޓީ ޖަހަން ދިޔަ ވަގުތު ކޮޅު، ހާސްކަންމަތީ ތިބި ދިވެހި ސަޕޯޓަރުން "ގަދަ އަޑުން ހެއްވާލި" މަންޒަރުގެ ވީޑިއޯއާއި ފޮޓޯތައް މިއަދު ސޯޝަލް މީޑިއާތަކުގައި ދަނީ "ފަތުއަޑުކިޔާފައި" ދައުރު ވަމުންނެވެ.

އަޑޭގެ މި އާދަޔާ ޚިލާފު ޕެނަލްޓީ ޔޫޓިއުބުގައި އާންމުވިތާ 19 ގަޑިއިރު ވީރު އެ ވީޑިއޯ ވަނީ ބައި މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފައެވެ. އަދި އެ ޕެނަލްޓީގެ ވާހަކަ ދުނިޔޭގެ ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދޭ ބޮޑެތި ހުރިހާ ނޫހެއްގައި ހެން ވަނީ ތަފާތު ސުރުހީތަކުގައި ޝާއިއުކޮށްފައެވެ.

އަޑުބަރޭގެ އާދަޔާ ޚިލާފު ޕެނަލްޓީގެ ވާހަކަ ގެނެސްދީފައިވާ އޮންލައިން ނޫސްތަކުގެ ތެރޭއި އިނގިރޭސި ވިލާތުގެ ބޮޑެތި ނޫސްތައް ކަމަށްވާ ދަ ގާޑިއަން،ޓެލެގްރާފް،ޑެއިލީމެއިލް،ކޯޓްއޮފްސައިޑްފަދަ ނޫސްތަކާއި، ފުޓްބޯޅައިގެ ޚަބަރުތަކަށް ޚާއްސައީއެސްޕީއެން، އޭއެފްސީ،ބްލީޗާރިޕޯޓްފަދަ ނޫސްތައް ހިމެނެއެވެ. އަދި ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ޖަހާ މޮޅެތި ގޯލްތައް ޝާއިއުކުރާ101.ގްރޭޓް.ގޯލްސް.ކޮމްގައި "މިހާތަނަށް ޖެހި އެންމެ ހެއްވާ އަދި މަޖާ ޕެނަލްޓީ"ގެ ގޮތުގައި ފާހަގަކޮށްފައި ވާ އިރު ގޯލް. ކޮމް ގެ ފަލަ ސުރުޚީ އަށް ވެސް އަޑޭ ޖެހި ޕެނަލްޓީގެ ވީޑިއޯއާ އެކު ޚަބަރު ވަނީ ޝާއިއުކޮށްފައެވެ.


"ސަން"އަށް ދިން އިންޓަވިއުއެއްގައި ވިކްޓަރީ ކުރީގެ ކޯޗް ގޮފާ ބުނީ، އޭނާގެ ގައުމު، ސްލޮވާކިޔާގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ބޮޑެތި ހުރިހާ ނޫހެއްގައި އަޑުބަރޭގެ ޕެނަލްޓީގެ ވާހަކަ ގެނެސްދީފައިވާ ކަމަށެވެ.

އަޑުބަރޭގެ ޕެނަލްޓީއާ ބެހޭގޮތުން މީޑިއާގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުން ދާއިރު ބައެއް ނޫސްތަކުގައި ބުނެފައިވަނީ، އެ ޕެނަލްޓީއަކީ މިހާތަނަށް ފެނުނު އެންމެ "ގޯސް" ޕެނަލްޓީ ކަމަށެވެ. އަދި އެ ޕެނަލްޓީ އަކީ ރަނގަޅު ޕެނަލްޓީއެއް ނޫންކަމަށް ބުނެ ބައެއް ނޫސް ތަކުން ފާޑުކިޔާފައިވާއިރު، އަނެއްބައި ނޫސްތަކުން ބުނެފައިވަނީ އެއީ އާދަޔާ ޚިލާފު ހައިރާންކުރުވަނިވި ޕެނަލްޓީއެއް ކަމަށެވެ. އަދި ޕެނަލްޓީ ރަނގަޅުތޯ ނުރަނގަޅުތޯ ނިންމުމުގެ އިހްތިޔާރު އޮންނާނީ ރެފްރީއަށް ކަމަށް ބުނާ ނޫސްތަކުގައި ފީފާގެ ޕެނަލްޓީ ޖެހުމުގެ ގަވާއިދަށް ރިއާޔަތްކޮށް އެކަން ސާބިތު ކޮށްދޭންވެސް މަސައްކަތް ކުރެއެވެ.

ކޮންމެއަކަސް، އަޑޭގެ އެ ޕެނަލްޓީ ހިމަނައިގެން ރާއްޖެ ވަނީ، 7-8ގެ ނަތީޖާއިން ސާކް ސަރަހައްދުގެ ޗެމްޕިއަން އަފްޣާންގެ މައްޗަށް ކުރި ހޯދައިފައެވެ. އަދި ނަތީޖާ ވަނީ އޭއެފްސީން ވެސް ގަބޫލު ކޮށް، ރާއްޖެއަށް ބްރޯންޒް މެޑަލްވެސް ދީފައެވެ.

އަޑޭގެ ޕެނަލްޓީގެ ވާހަކަ މިހާރުވެސް ބޭރު ދުނިޔޭގެ އެތަކެއް 100 ނޫހެއްގެ ފުޓްބޯޅަ ސުރުހީތަކުން ޖާގަ ހޯދަމުންދާއިރު، އެ ވީޑިއޯ ބަލާފައި "ހިނި ގަނޑު ފަޅައިގެން ނުދާ" މީހަކު ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.