30 May 2014, 18:39
އާސެނަލްގެ ކޮންޓުރެކްޓް އާކުރުމަށް ކުލަބުން އެދުނު ކަމުގައި ވިޔަސް، ކުލަބުގެ ކޮންޓުރެކްޓް އަލުން އާކުރުމުުގެ އެއްވެސް ހިޔާލެއް މިހާރަކު ނެތް ކަމަށް ފްރާންސްގެ ޑިފެންޑަރު ބަކާރީ ސަންޔާ ބުނެފި އެވެ.
ފްރާންސް ޑެއިލީ ސްޕޯޓްސް ނޫހަށް، ސަންޔާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވަނީ، މިހާރު ކުރިއަށް މިދާ ހޫނު މޫސުމް ނިމުމުން ކުލަބާއެކު ހަދާފައިވާ ކޮންޓްރެކްޓު ހަމަވާނެ ކަަމަށެވެ. އަދި ކޮންޓްރެކްޓް ހަމަވިޔަސް ކުލަބުގައި އިތުރަށް ހުރުމަށް ކޮންޓުރެކްޓް ނަހަދާނެ ކަމަށް ޗެސް ސަންޔާ އެނޫހަށް ދިން އިންޓަވިއުގައި ބުނެފައި ވެއެވެ.
"ކުލަބް ދޫކޮށްލާނަން މިހާރު މިހުރީ ތައްޔާރަށް. ދެން އިތުރަކަށް ކޮންޓްރެކްޓް ނަހަދާނަން. އަހަރެން އާސެނަލްއަށް ދުވަސް ވަންދެން ކުޅެފިން. އަހަރެންނާއެކު ކުލަބުން ހަދާފައިވާ ކޮންޓްރެކްޓް މި ހޫނު މޫސުމުގެ ނިޔަލަށް ހަމަވާނެ،" އުމުރުން 31 އަހަރުގެ ސަންޔާ ބުންޏެވެ.
ސަންޔާ ބުނީ، އާސެނަލްގައި ހޭދަ ކުރެވުނު ދުވަސް ވަރަކީ ފުޓްބޯޅައިގެ ކެރިއަރުގައި މުޅިންތަފާތު ދުވަސްތަކެއް ކަމަށާއި ތަފާތު ތަޖުރިބާ ތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ކުލަބުން ދިން އިހުތުރާމާއި އެއްބާރުލުމަށް ކުލަބުގެ މެނޭޖްމަންޓަށާއި ކުލަބުގެ ފޭނުންނަށް ޝުކުރު އަދާ ކުރާކަމަށް ވެސް ސަންޔާ ބުންޏެވެ.
"އަހަރެން އަދި ދާނެ ވަކި ކުލަބެއް ވެސް ނުވިސްނަން. އެކަމަކު ވޯލްކަޕްގެ ކުރިން ކޮންމެވެސް އެއްގޮތެއް ނިންމާނަން،" އާސެނަލްއަށް މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި އެފްއޭކަޕް ހޯދައިދިން ޓީމުގައި ހިމެނުނު ސަންޔާ ބުންޏެވެ.
ސަންޔާ ބުނީ، މީޑިއާތަކުގައި އެކި ގޮތް ގޮތައް ވާހަކަ ފެތުރުނު ކަމުގައި ވިޔަސް، ކުލަބުގެ އެއް ވެސް ވެރިޔަކާ ޒާތީ ގޮތުން މައްސަލަ ޖެހިފަިއ ނުވާކަމަށާއިި ކުލަބް ދޫކޮށް ދާން އުޅޭކަން ކުލަބުގެ ވެރިންނަށް މާކުރިންވެސް އެނގިފައިވާނެ ކަމަށެވެ.