30 May 2014, 15:54
މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ކ. ހުރާ ކައުންސިލް އިދާރާ ފަޅާލާއި ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ މެންދަމު 3:15 އެހައިކަންހާއިރު "މާސްކު" އަޅައިގެން ތިބި ބަޔަކު ވަދެ ހުރާ ކައުންސިލް އިދާރާއިން ވައްކަން ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހުރާ ކައުންސިލްގެ ރައީސް އީސާ އަހްމަދު"ސަން" އަށް ވިދާޅުވީ، މޫނު ނިވާކޮށްގެން ތިބި ބަޔަކު ކައުންސިލް އިދާރާ އަށް ވަދެފައި ވަނީ އެތަނުގެ ސެކިއުރިޓީ ގާޑުގެ ގައިގައި ކަރަންޓު ޖެއްސުމަށްފަހު، އޭނާ ބަނދެލުމަށް ފަހު ކަމަށެވެ.
"މޫނު ނިވާކޮށްގެން ތިބި ހަ ވަރަކަށް މީހުން ގޮސް އޭނާގެ ގައިގައި ކަރަންޓު ޖެއްސުމަށްފަހު އަނގަމަތީ ޓޭޕް އަޅައި ދެއަތުގައި ކޭބަލް އެޅުވުމަށްފަހު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމަށް އެއްލާލާފައި އޮތީ،" އީސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ހާދިސާގައި ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި އޭގައި ހުރި ހުރިހާ ފައިސާތަކެއް ގެންދިއުމުގެ އިތުރުން އެ އިދާރަގެ ހުރިހާ ކޮޓަރި ތަކެއްވެސް ހަލާކު ކޮށްލާފައިވާ ކަމަށެވެ.
ހުރާ ކައުންސިލް އިދާރާ ފަޅާލައިގެން ވަގަށް ގެންދިޔަ ފައިސާތަކުގެ ތެރޭގައި މުވައްޒަފުންނަށް މިމަހުގެ މުސާރަ ދިނުމަށް ބޭންކުން ނަގާފައިވާ ފައިސާގެ އިތުރުން ކަރަންޓު ބިލަށް ދައްކަންޖެހޭ ފައިސާވެސް ހިމެނޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.