ރާއްޖޭގެ އެންމެ ގިނަ ބަޔަކު އެ ކުޅިވަރަކަށް ސަމާލުކަންދޭ އަދި އެންމެ ބަލާހިތުން ބަލާ އަދި ކުޅޭ ހިތުން ކުޅޭ ކުޅިވަރަކީ ފުޓްބޯޅައެވެ. މިކަމާ ދެބަސްވާނެ ދިވެއްސަކު ނުހުންނާނެ ކަން ޔަގީނެވެ. ދައްކަން މިއުޅޭ ވާހަކައަކީ ދިވެހިންގެ އަމިއްލަ ފަސް ގަނޑުގައި މިހާރު ކުރިއަށްދާ އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޮވި މެޗުން ފެނުނު ހައިރާން ކުރުވި މަންޒަރެއްގެ ވާހަކަ އެވެ.

ސާކް ސަރަހައްދުގެ ޗެމްޕިއަން އަފްގާނިސްތާނާ ދެކޮޅަށް އޭއެފްސީ ޗެންލެޖް ކަޕްގެ ތިންވަނަ ހޮވާ މެޗަށް ދިވެހިން ރޭ ނުކުތީ ވަރަށް ފޮނި އުންމީދަކާ އެކުއެވެ. އަދި މެޗުގެ ނަތީޖާ ނުކުތީވެސް ދިވެހިން އެދިއެދި ތިބި ގޮތަށެވެ.

އަފްޣާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ދިވެހިން ރޭ ކުޅުނު ފޯރިގަދަ މެޗުގެ ނަތީޖާ ނެރެން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުންނިމި، އިތުރަށް ކުޅުނު 15 މިނިޓުގެ ދެ ހާފުން ވެސް މެޗުގެ ނަތީޖާއަށް ބަދަލެއް އައިސްފައި ނުވުމުން، އެންމެ ފަހުން ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން ރާއްޖެ އަފްޣާން މައްޗަ ކުރި ހޯދީ 8-7 ލަނޑުންވެ.

އަފްޣާން ކޮޅަށް ރާއްޖެއިން ޖެހި ޕެނަލްޓީ ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނީ ހަ ވަނަ ޕެނަލްޓީ ޖަހަން ދިޔަ ރާއްޖޭގެ މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) ޖެހި ޕެނަލްޓީ އެވެ. އޭރު ޕެނަލްޓީގައި އަފްޣާން އޮތީ 6-5 އިން ކުރީގައެވެ. އަޑޭ ޕެނަލްޓީ ޖަހަން ދިޔަ ވަގުތު ކޮޅު، ހާސްކަންމަތީ ތިބި ދިވެހި ސަޕޯޓަރުން "ގަދަ އަޑުން ހެއްވާލި" މަންޒަރުގެ ވީޑިއޯއާއި ފޮޓޯތައް މިއަދު ސޯޝަލް މީޑިއާތަކުގައި ދަނީ "ފަތުއަޑުކިޔާފައި" ދައުރު ވަމުންނެވެ.

އަޑުބަރޭ ރޭ ޕެނަލްޓީ ޖަހަން ގޮސް ބޯޅަ ރަނގަޅަށް ފެނަލްޓީ ޕޮއިންޓު މަތީ ބާއްވާފައި، ފަހަތަށް ޖެހެލި އެވެ. ރެފްރީގެ ކަށިގަނޑާއެކު ވަރަށް ހަމަޖެހިލައިފައި ހުރެ ބޯޅައާ ދިމާއަށް އަޑޭ ދުއްވައިގަތުމުން (ދެފައިދެފައަށް އޮޅިގެން) އޭނެ އަގަވަތައް ވެއްޓުނީ ބޯޅައިގެ ކުރި މައްޗަށެވެ. އެހެން ނަމަވެސް ހަމަ ވެއްޓުމާއެކު ތެދުވެ ފޮނުވާލި ބޯޅަ ގޯލުގެ ތިން ދަނޑިން އެތެރެ ކޮށްލިއެވެ. އެވަގުތު ދަނޑަށް ވަދެތިބި އެތަކެއް ހާސް ދިވެހި ސަޕޯޓަރުންނާއި ކުޅިބަލާ މީހުން ބާރުބާރަށް ހޭންފެށި އެވެ.

ދިވެހިންގެ ތެރޭގައި އަޑުބަރޭ އޭ ބުނެފިއްޔާ އެއީ ކާކުކަން ރާއްޖޭގެ ފުޓްބޯޅައަށް ލޯބިކުރާ އެންމެނަށް ވެސް އެނގޭނެ އެވެ. އަޑުބަރޭ އަފްގާން ކޮޅަށް ޖެހި ޕެނަލްޓީގެ ވާހަކަ ދިވެހިން ތަކުރާރު ކޮށް ރޭގެ މެޗަށްފަހު ދަނީ ދައްކަމުންނެވެ. އަދި ސޯޝަލް މީޑިއާގައި އެޕެނަލްޓީގެ ފޮޓޯތަކާއި ވީޑިއޯތަށް އާމުވެފައި ވާއިރު، ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުހީއަށް ވެސް މިއަދު އެ ވާހަކަތައް ވަނީ އާންމުވެފައެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގެ މަޝްހޫރު ކުޅުންތެރިން ޖަހާ މޮޅެތި ގޯލްތަކުގެ ހަބަރުތަކާއި ފުޓްބޯޅައިގެ ހަބަރުތައް ވެސް ގެނެސްދޭ ނޫހެއް ކަމަށްވާ101.ގްރޭޓް.ގޯލްސް.ކޮމްގެ ވެބްސައިޓުގައި ވެސް އަޑު ބަރޭ ޖެހި ޕެނަލްޓީގެ ވީޑިއޯ އާއި ފޮޓޯއެއް ވަނީ ހިމަނައިފައެވެ.



އަޑުބަރޭ ރޭ ޖެހިޕެނަލްޓީއާ ބެހޭގޮތުން ވިކްޓަރީގެ ކުރީގެ ކޯޗް ސްލޮވާކިޔާގެ ވަލްޑަމީރު ގޮފާ، އޭނަގެ އަމިއްލަ ގައުމުގައި ހުރެ މިއަދު "ސަން"އަށް ބުނީ، އަފްޣާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗް އޭނާ ބެލީ އިންޓަނެޓުން ކަމަށާއި މެޗުން އަޑު ބަރޭ ޖެހި ޕެނަލްޓީއާއެކު ބޮޑު ހައިރާންކަމެއް ލިބުނު ކަަމަށެވެ. އަދި މިއަދުވެސް ޔޫޓިއުބުން އެޕެނަލްޓީ ތަކުރާރުކޮށް ބެލުނު ކަމަށާއި އެއީ ހަމަ ރަނގަޅު ޕެނަލްޓީއެއް ކަމަށެވެ. އަދި ފުޓްބޯޅައިގައި ތަފާތު ކުޅުންތެރިން އުޅޭއިރު، ތަފާތު އުކުޅުތައް ދައްކާނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ވެސް ގޮފާ ބުންޏެވެ.

ރޭގެ މެޗްގެ ކޮމެންޓްރީ ދެމުން ދިޔަ ވަގުތު މާޒިޔާގެ ކޯޗް އިސްމާއިލް މަހުފޫޒް އިންމަ ވެސް ބުނެފައި ވަނީ، އަޑު ބަރޭ ޕެނަލްޓީ ޖަހަން ގޮސް ވެއްޓުނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށާއި އެއީ މީގެ ކުރިން ޕްރެކްޓިސް މެޗްތަކުގައި ވެސް އަޑޭ ބޭނުން ކުރާ އުކުޅެއް ކަމަށެވެ. އަދި އެކަން މާޒިޔާގެ ކުޅުންތެރިންނަށް އިނގޭނެ ކަމަށާއި މިފަދަ ޕްރެޝަރު ބޮޑު މެޗެއްގައި އަޑޭގެ އެ އުކުޅު ފެނުމުން ވަރަށް ހައިރާންވި ކަމަށް ކޯޗް އިންމަ ރޭ ޓީވީގައި ބުންޏެވެ.