30 May 2014, 14:41
ކިޔެވް (މޭ 30): ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަކީ މަގުފޭރޭ ބައެއް ކަމަށާއި އެ މީހުން ޔުކްރޭންގެ ރައްޔިތުންނާއި ސިފައިންނާ ދެކޮޅަށް ހިންގަމުންގެންދާ ޖަރީމާތަކަށް ހައްގު އަދަބު ދެއްވާނެ ކަމަށް ޔުކްރޭންގެ ރައީސްކަމަށް އިންތިޚާބު ކުރެވިފައިވާ ބިތްރޯބޯޝިންކޯ ވިދާޅުވެއްޖެ އެވެ.
ބޯޝިންކޯ ވިދާޅުވީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތައް އެގައުމުން ވަކިވެގަތުމުގެ ފުރްސަތު ނުދެއްވާނެ ކަމަށާއި ހަނގުރާމަވެރިންގެ އަތްދަށުން އެސަރަހައްދުތައް ސަލާމަތް ކުރައްވާނެ ކަމުގަ އެވެ. ބޯޝިންކޯ މިމޭރުމުން ވަހަކަ ދައްކަވަފައި މި ވަނީ ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަރާތްތަކުން ދިން ހަމަލާތަކެއްގައި ޔުކްރޭން ސިފައިންގެ ޢަސްކަރީ ހެލިކޮޕްޓަރެއް ވައްޓާލުމުގެ ސަބަބުން އެގައުމުގެ ސިފައިންގެ 14 މީހުން މަރުވުމާގުޅިގެންނެވެ.
ޔުކްރޭންގެ ސިފައިން ވަނީ މި ހެލިކޮޕްޓަރު ވައްޓާލިކަން ކަށަވަރުކޮށްދީފަ އެވެ. ޔުކްރޭންގެ ސިފައިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީއެ ހެލިކޮޕްޓަރު ވައްޓާލާފައި ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައިވާ ސްލޮވިޔަންސިކްގެ ކައިރިން ދަތުރުކުރަމުން ދަނިކޮށް ބޮޑުބަޑިން ދިން ޙަމަލާތަކެއްގައި ކަމަށާއި މި ހާދިސާގައި މަރުވި ޔުކްރޭން ސިފައިންގެ 14 މީހުންގެ ތެރޭގައި ސިފައިންގެ އިސްޖެނެރަލަކުވެސް ހިމެނޭކަމުގަ އެވެ. ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިން އެ ހެލިކޮޕްޓަރު ވައްޓާލާފައި މިވަނީ ޔުކްރޭން ސިފައިންގެ ހަމަލާތަކެއްގައި އިދިކޮޅު ހަނގުރާމަވެރިންގެ 50 އަށްވުރެ ގިނަ މީހުން މީގެ ދެދުވަސްކުރިން މަރާލާފައިވަނިކޮށެވެ.
ޔުކްރޭންގެ ސަރުކާރުން ވަނީ އެގައުމުގެ އިދިކޮޅު ހަނގުރާމަވެރިންނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތު ރަޝިޔާގެ މައްޗަށްކޮށްފަ އެވެ. (ނޫސްއެޖެންސީތައް)