އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓްގައި [އެލްޑީސީ] ރާއްޖެ އޮންނަތާ 40 އަހަރު ފަހުން ތަރައްގީވަމުން އަންނަ މެދު ފަންތީގެ އާމްދަނީގެ ގައުމަކަށް ރާއްޖެ މިއަދު ބަދަލުވެ، ގްރަޖުއޭޓް ވެއްޖެ އެވެ.


މެދު ފަންތީގެ އާމްދަނީގެ ގައުމަކަށް ރާއްޖެ ގުރެޖްއޭޓް ވުމާވިދިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނަނީ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމަކަށް ބަދަލުވުމަކީ ވިޔަފާރި އާއި ތަރައްގީ އަށް ކުރިން ލިބެމުން އައި އެތަކެއް އެހީތަކާއި އިނާޔަތްތައް ލިބުން ހުއްޓިގެން ދާނެ ކަމެއް ކަމަށާއި އެކަމުން ރާއްޖޭގެ އިގްތިސޯދަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.


ކުރިން ރާއްޖެ އަށް ލިބެމުން ދިޔަ ބޭރުގެ އެހީތައް ބަންދުވުމުން އެންމެ ބޮޑު ބަދަލެއް އަންނާނީ އީޔޫ އާއި ޖަޕާން ފަދަ މާކެޓްތަކާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމާއި ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ[ޑަބްލިޔުޓީއޯ]ގެ ދަށުން އޮންނަ ވިޔަފާރީގެ ގުޅުންތަކާއި އަދި ބައިނަލްއަގުވާމީ ބައްދަލުވުންތަކަށް ދިއުމަށް ލިބެމުން އައި މާލީ އެހީ ކަނޑާލުމުން ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުވުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.


ފޮރިން މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ހައުސިން އެންޑް އެންވަޔަރްމެންޓް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި ކަމަށް އެ ބަޔާނުގައި ބުނަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖެ ތަރައްގީގެ މަގުގައި ހޯދާފައިވާ ކުރިއެރުމަށް ބަލައި މިއީ ރާއްޖެ އަށް ލިބިގެން ދިޔަ ކާމިޔާބަކާއި ފުރުސަތުތަކެއް ކަމަށް ބަލައިގަންނަން ޖެހޭ ކަމަށެވެ.


"މި ގުރެޗްއޭޓް ވުމަކީ ބިރެއް ނޫން. އެއީ ކާމިޔާބީއަކާއި ފުރުސަތެއް ކަމަށް އަޅުގަނޑުމެން އެންމެން ވެސް ބަލައިގަންނަން ޖެހޭ،" އެ ބަޔާނުގައިވެ އެވެ.


އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖޭގެ ނަން އުނިވުމުން ރާއްޖެ އަށް ލިބޭނެ ގެއްލުންތަކަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި "ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް"ގެ ނަމުގައި ގައުމުތަކުގެ އައު ލިސްޓެއް އެކުލަވައި ލުމަށް އދ. އަށް ބާރުއަޅަމުން އަންނަ ކަމަށާއި އެކަން ކާމިޔާބުވެއްޖެ ނަމަ ދާއިމީ ގޮތެއްގައި ރާއްޖެ އަށް އިތުރު އިނާޔަތްތަކާއި އިސްކަން ލިބިގެން ދާނެ ކަމަށް އެ ބަޔާނުގައި ބުނެ އެވެ.


ގުރެޖުއޭޝަންގެ ސަބަބުން ރާއްޖެ އަށް ލިބިދާނެ ގެއްލުންތަކުން ސަލާމަތް ވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ގޮތުގައި އެ ބަޔާނުގައި ފާހަގަ ކޮށްފައި ވަނީ ޑަބްލިޔުޓީއޯ އިން ވިޔަފާރިތަކަށްދޭ ފަންނީ އެހީ އިތުރު ފަސް އަހަރުގެ މުއްދަތައް އިތުރުކުރުމާއި ޔޫރަޕްގެ މާކެޓުން ދިވެހި އުފެއްދުންތަކަށް ލިބެމުން އަންނަ ހާއްސަ އިނާޔަތްތައް އިތުރު ތިން އަހަރު ދުވަހަށް އިތުރު ކުރުމާއި އަދި ޖެނީވާގައި ހުންނަ މިޝަނަށް ދައްކަން ޖެހޭ ކުލި އިތުރު ތިން އަހަރަށް ސަބްސިޑައިޒް ކުރުމެވެ.


އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި 1971 އަހަރުންފެށިގެން އޮތުމަށް ފަހު ރާއްޖެ އެއްދަރަޖަ ކުރިއަށް ޖެހިލިއިރު ވޭތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް ވަނީ ތަފާތު ގައުމުތަކާއި ބައިނަލްއަގުވާމީ އިގްތިސާދީ އިދާރާތަކުން މާލީ އަދި ފަންނީ އެހިތެރިކަން ލިބިފަ އެވެ.