28 Mar 2010, 16:09
19:00
ފެން އުފެއްދުމާއި ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމާ ބެހޭގޮތުން ބައިވޯޓަރ އިންޓަރނޭޝަނަލް ލިމިޓެޑާއި، ސަދަން ޔުޓިލިޓީޒް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ބައިވޯޓަރ ކުންފުންޏަކީ، ސާފު ފެން އުފެއްދުމުގަޔާއި، ނަރުދަމާ އެޅުމުގައި ވަރަށް ކުރިއަރާފައިވާ ބައިނަލްއަޤްވާމީ މަޝްހޫރު ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މި އެއްބަސްވުމުގައި ސަދަން ޔުޓިލިޓީޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން އަޙްމަދު ޒަރީރެވެ. އަދި ބައިވޯޓަރ އިންޓަނޭޝަނަލް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން އެޑްރިއަން ވައިޓެވެ.
މި ރަސްމިއްޔާތު އޮތީ މިހާރު މާލޭ ބަނދަރުގައި އޮތް ކްރޫޒްލައިނެއް ކަމަށްވާ "ދަ ވާލްޑް" ގައި މިއަދު މެންދުރުފަހެވެ. އެ ކްރޫޒްލައިންގައި ބައިވޯޓަރ އިންޓަނޭޝަނަލް ލިމިޓެޑުގެ އޮފީހެއް ޤާއިމުކޮށްފައިވާ ކަމަށާއި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި އެއްބަސްވުމުގެ ދަށުން، އައްޑުއަތޮޅު ގަމާއި، ފޭދޫއާއި، މަރަދޫއާއި، ހަންކެޑެއާއި، ހިތަދޫއާއި، ހުޅުދޫއާއި، މީދޫއާއި އަދި ފުވައްމުލަކަށް ބޯފެން ފޯރުވައިދިނުމާއި، ދެކުނު ޕްރޮވިންސްގައި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް ބައިވޯޓަރސްއިން ހުށަހެޅުމެއް ހުށަހަޅައިފައިވެ އެވެ. އަދި، ޑީސެލިނޭޝަން ޕްލާންޓެއް ޤާއިމުކުރުމަށްފަހު، 20 އަހަރު ވަންދެން ބައިވޯޓަރސްއިން ސައުތު ޕްރޮވިންސަށް ސާފު ބޯފެން ފޯރުވައިދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ސަރުކާރުން މި އެއްބަސްވުމުގައި ސޮއިކޮށްފައި މިވަނީ އައްޑޫ އާއި ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ބޭރުގެ ބައިވޯޓަރ ކުންފުންޏާ ހަވާލުކުރުމަށް ސަދަން ޔުޓިލިޓީސް ކުންފުނިން ނިންމާފައި ވަނީ އީއައިއޭ ރިޕޯޓް ވެސް ނުހަދައި، ޤާނޫނާ ހިލާފަށް ކަމަށް ބުނެ އެ ކަންތައްތައް ބަލައިދިނުމަށް އަމިއްލަ ބައެއް ފަރާތަކުން އެންވަޔަރަންމަންޓް މިނިސްޓްރީއަށް ހުށަހަޅައިފައި ވަނިކޮށެވެ.
ބައިވޯޓާ ގްރޫޕާއެކު ސޮއިކުރެވުމާއެކު އެ ކަމުގެ އަމަލީ މަސައްކަތްތައް ފެށާނެ ކަމަށް ދުވަހު ނޫހަކަށް ދެއްވާފައިވާ އިންޓަވިއެއްގައި ޔުޓިލިޓީޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
އައްޑޫ އާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ރަސްމީކޮށް މާލޭ ސުވަރޭޖް އެންޑް ވޯޓަރ ކޮންޕެނީއަށް ލައިލަންސް ހަވާލުކޮށްފައިވާއިރު އެ ލައިސަންސް މިހާތަނަށް ބާތިލްކޮށްފައިނުވާ ކަމަށް އެންވައިރަންމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ބަޔަކަށް ރަސްމީކޮށް ދީފައިވާ ލައިސަންސެއް ބާތިލްނުކޮށް އެހެން ފަރާތްތަކާ އެމަސައްކަތް ހަވާލުނުކުރާނެ ކަމަށްވެސް އެމިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ. އަދި އައްޑޫއާއި ފުވައްމުލަކުގައި ފެނާއި ނަރުދަމާ ޤާއިމްކުރުމަށް އެމްޑަބްލިއުއެސްއީން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ފައިސާ ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެންވައިރަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.