ބީއެމްއެލްގެ ބްރާންޗް ނެތް 50 ރަށަކަށް މި އަހަރު ނިމުމުގެ ކުރިން ކާޑު ބޭނުންކޮށްގެން ފައިސާ ނެގޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ނިމިގެން ދިޔަ ބީއެމްއެލްގެ 31 ވަނަ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުން ހާކޮށްފައިވާ ގޮތުގައި 2017 ނިމޭ އިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އަސާސީ ބޭންކިން ހިދުމަތް ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް އެ ބޭންކުން ދަނީ ކުރަމުންނެވެ.

ބޭންކުން ބުނީ، އަލަށް ތައްޔާރުކޮށްފައިވާ ޕްލޭންގެ ދަށުން މި އަހަރުގެ ތެރޭގައި ބީއެމްއެލްގެ ބްރާންޗް ނެތް 50 ރަށަކުން ކަސްޓަމަރުންނަށް ފައިސާ ނެގޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށެވެ. އަދި އެ ހިދުމަތް ދިނުމަށް ޓަކައި ރަށްރަށުގެ އެކި ފިހާރަ ފަދަ ތަންތަނުގައި ބޭންކުގެ ކާޑު މެޝިން ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ގައުމީ ބޭންކުން ބުންޏެވެ.

ރައްޔިތުންނަށް އަސާސީ ބޭންކިންގެ ހިދުމަތް ފޯރުކޮށް ދިނުމަށް ގައުމީ ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތަކުގެ ތެރޭގައި، އެކައުންޓުން ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ އިތުރުން އެކައުންޓްތަކަށް ފައިސާ ފޮނުވުމާއި އެކި ފަރާތަތަކަށް ފައިސާ ދެއްކުމުގެ ހިދުމަތް ހިމެނެ އެވެ.

ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް 50 ރަށަށް ހިދުމަތް ފޯރުކޮށް ދެވޭނެ ކަމަށް އިޝާރަތް ކުރައްވަމުން ބޭންކުގެ ސީއީއޯ އަދި އެމްޑީ މރ. އެންޑްރޫ ހީލީ ވިދާޅުވީ، ބޭންކުގެ އެ ނިންމުމުގެ ސަބަބުން ބޭންކިން ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފުޅާ ކުރުމަށާއި ވަކިން ހާއްސަކޮށް އެންމެ އެކަހެރިކޮށް ހުރި ރަށްތަކަށް ވެސް ބޭންކިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތު ދޭހަވާ ކަމަށެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުގެ ސީއީއޯ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ އެ މަސައްކަތް ފުރިހަމަ ކުރުމަށް ދުވަސްކޮޅެއް ނަގާނެކަމަށެވެ.