30 May 2014, 13:30
ނިއުދިއްލީ (މޭ 30): އިންޑިޔާ އަށް ޒިޔާރަތް ކުރެއްވުމުގެ ދައުވަތު، އެގައުމުގެ އައު ބޮޑުވަޒީރު ނަރަންދުރަ މޯދީ، ޗައިނާގެ ރައީސް ޝީޖިންޕިން އަށް ދެއްވައިފި އެވެ.
އިންޑިޔާގެ ޚާރިޖީ ވުޒާރާ ބުނާ ގޮތުން އިންޑިޔާ އަށް ޒިޔާރަތް ކުރެއްވުމުގެ ދައުވަތު ޗައިނާގެ ރައީސް އަށް އަރުވާފައި ވަނީ މޯދީއާއި ޗައިނާގެ ބޮޑުވަޒީރު ލީ ކިޗިޔާންގެ އިއްޔެ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކެއްގަ އެވެ. މޯދީއާ ފޯނުން ގުޅުއްވީ ޗައިނާގެ ބޮޑުވަޒީރުލީ ކިޗިޔާން ކަމަށާއި އޭނާ ގުޅުއްވީ ބޮޑުވަޒީރު ކަމަށް އިސްވެވަޑައިގެންނެވުމާ ގުޅިގެން މޯދީ އަށް މަރްޙަބާ ދެންނެވުމަށް ކަމަށް ވެސް އިންޑިޔާގެ ޚާރިޖީ ވުޒާރާ އިން ބުނެ އެވެ. މޯދީގެ މި ދައްވަތު ގަބޫލުކުރައްވައިގެން މި އަހަރު ތެރޭގައި އިންޑިޔާ އަށް ޒިޔާރަތްކުރައްވާނެ ކަމަށް ބެލެވޭ ކަމަށް އިންޑިޔާގެ ޚާރިޖިއްޔާގެ ޑިޕްލޮމޭޓަކު ވިދާޅުވި އެވެ.
ޗައިނާގެ ރައީސް އަށް އިންޑިޔާ އަށް ވަޑައިގަތުމުގެ ދައުވަތު އެރުވުމުގެ ބޭނުމަކީ އެ ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް މަގުފަހިކުރުމާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކާބެހޭ ގޮތުން ދެގައުމުގެ އިސްވެރިން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވުން ކަމަށް އިންޑިޔާގެ ޑިޕްލޮމޭޓް ވިދާޅުވި އެވެ. ޗައިނާއާއި އިންޑިޔާއަކީ އޭޝިޔާގެ އެންމެ ބޮޑު ޢަސްކަރީ ދެބާރެވެ. އަދި މި ދެ ގައުމަކީ ޒަމާނުއްސުރެ ވެސް ވަރަށް ވާދަވެރި ދެގައުމެވެ.
ދެ ގައުމުގެ ވާދަވެރިކަން މިފަހަކަށް އައިސް އިތުރަށް ބޮޑުވެފައި ވަނީ އިންޑިޔާގެ އަވަށްޓެރި ގައުމުތަކުގައި ޗައިނާ ކުރަމުންގެންދާ އެތައް ބިލިޔަން ޑޮލަރެއްގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ޗައިނާގެ އިގްތިސާދީ ބާރާއި ނުފޫޒު އެގައުމުތަކުގައި ބޮޑުވެ އެގައުމުތައް ޗައިނާ އަށް ބަރޯސާކުރާމިންވަރު އިތުރުވަމުންދާތީ އެވެ. ނަމަވެސް އިންޑިޔާއަކީ އިގްތިސާދީ ގޮތުންނާއި މާލީ ގޮތުންނާއި އުފެއްދުންތެރި ކަމުގެ ގޮތުން ޗައިނާއަށް ވުރެ މާފަހަތުގައިވާ ގައުމަކަށްވެފައި އިންޑިޔާގެ ބޭރު ފައިސާގެ ރިޒާވް ދަށްކަމުން ޗައިނާކުރަމުންގެންދާ ފަދަ ބިލިޔަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓްތައް މިސަރަހައްދުގެ ގައުމުތަކުގައި ކުރުމުގެ މާލީ ގާބިލްކަން އިންޑިޔާއަށް ލިބިފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)