30 May 2014, 12:21
އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ފަލަސްތީނާއި ފިލިޕީންސް ބައްދަލުކުރާ މެޗުގެ ޓިކެޓް މިއަދު މެންދުރު ފަހު 2:30ގައި ވިއްކާނެ ކަމަށް އެފްއޭއެމްއިން ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ކުޅޭ ފައިނަލް މެޗުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ އެފްއޭއެމުންނެވެ.
ފަލަސްތީނާއި ފިލިޕީންސް މިރޭގެ ފައިނަލް މެޗަށް ނުކުންނައިރު، މިމެޗަކީ އެ ދެޓީމަށް ވެސް ވަރަށް ތާރީހީ އަދި އެހާމެ މުހިންމު މެޗެއް ކަމަށް ދެޓީމުގެ ކޯޗުން ވެސް ވަނީ ބުނެފައެވެ.
މިރޭގެ މެޗުގެ ކުރިން އިއްޔެ ގައުމީ ފުޓްބޯޅަ ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފަލަސްތީންގެ ކޯޗް ޖަމާލް މަހުމޫދު ބުނީ، ފައިނަލުގައި އިދިކޮޅަށް ނުކުންނަ ފިލިޕީންސް ޓީމަކީ މިމުބާރާތުގައި ވާދަކުރި ޓީމްތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމް ކަމަށާއި އެހެން ނަމަވެސް މިރޭގެ ބޮޑު މެޗަށް ނުކުންނާނީ ތަށި ހޯދުމުގެ އުންމީދާއެކު އޭޝިއަން ކަޕަށް ވެސް ދަތުރު ކުރުމުގެ އުންމީދުގައި ކަމަށެވެ.
އަދި ފިލިޕީންސްގެ ކޯޗު ތޯމަސް ޑޫލޭ ބުނީ، މިރޭގެ މެޗަކީ މުބާރާތުގައި އެޓީމް ކުޅޭ އެންމެ ވަރުގަދަ އެއް މެޗް ކަމަށާއި އެމެޗަށް ނުކުންނައިރު ޓީމްގައި ތިިބި މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައި ވީ ނަމަވެސް، މެޗުގައި ނުކުޅެވޭ ވަރުގެ ސީރިއަސް އަނިޔާއެއް ލިބިފައިވާ އެންމެ ކުޅުންތެރިއަކުވެސް ނެތް ކަމަށެވެ.
ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ފައިނަލް މެޗެއްގައި މި ދެ ޓީމް މީގެ ކުރިން ވާދަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ނޭޕާލްގައި 2012 ވަނަ އަހަރު އޮތް ޗެލެންޖް ކަޕްގެ ތިން ވަނަ ހޮވި މެޗުގައި ފަލަސްތީން އަތުން ފިލިޕީންސް މޮޅުވީ 4-3 އިންނެވެ.