ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހުމަދަށް ރޭ ދަންވަރުގެ ވަގުތެއްގައި މީހަކު ހަމަލާދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ ދަންވަރުގެ ވަގުތެއްގައި އިލްހާމް އަމީނީ މަގު "މައި ޝޮޕް" ފިހާރަ ކުރިމަތިން ސައިކަލްގައި ވަޑައިގަންނަވަނިކޮށް ރޭ ދަންވަރު 3:30 އެހައިކަންހާ އިރު، ގަލެއް ކަހަލައެއްޗަކުން ޖަހައި ހަމަލާ ދީފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވާ ކަމަށެވެ. އަދި ގަލެއްކަހަލަ އެތި އަމާޒުވެފައި ވަނީ އޭނާގެ އަރިކައްޓަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ހަމަލާއަށްފަހު އައިޖީއެމްއެޗުގައި ފަރުވާދިނުމަށްފަހު ގިނައިރުތަކެއް ނުވެ ދޫކޮށްލާފައިވާ ކަމަށާއި އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިލްހާމަށް ރޭ ދިން ހަލާ ހަރުކަށި އިބާރާތުން ކުއްވެރިކޮށް ޖުމްހޫރީ ޕަޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ނައިބު ލީޑަރު އިލްހާމަކީ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޖެހިލުންކުޑަކަމާ އެކު ޒިންމާ އަދާކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެ މައްސަލަ ކަމާބެހޭ އެންމެހާ ފަރާތްތަކުން ބަލައި ތަހުގީގު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލައިފައެވެ.

ޖުމްހޫރީ ޕާޓީގެ ނޫސްބަޔާނުގައި، މަޖިލީހުގެ މެންބަރުންނާއި އަދި ދިވެހި ރައްޔިތުންނަށް އަމާންކަމާއި ހަމަޖެހުމާއި އަދި މިނިވަންކަމާ އެކު އުޅުމުގެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރަށް ވަނީ އިލްތިމާސްކޮށްފައެވެ.