ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއްބާރުލުން ނުދޭ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ބައެއް މީޑިއާތަކުގައި ވިދާޅުވެފައި ވާތީ އެ ކުންފުނިން އެކަން ދޮގުކޮށްފި އެވެ.

އެމްޕީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޮޑިޓާ ޖެނެރަލް އެ ކުންފުންޏާ ބެހޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދީފައި ވަނީ އެއްވެސް ބެއްލެވުމެއް ނެތި ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް ކަމަށެވެ.

"އާންމު ރައްޔިތުންގެ ހިތްތަކުގައި މި ކުންފުންޏާއި އަދި މި ކުންފުނީގެ ބޯޑު މެމްބަރުންނާ މެދު ދެކެމުން އައިސްފައިވާ ވިސްނުމަށް ނުރަނގަޅު އަސަރު ކުރާ ގޮތަށް ވާހަކަދައްކާފައި ވުމަކީ މި ކުންފުނިން ނުހަނު ކަންބޮޑުވާ ކަމެކެވެ،" އެމްޕީއެލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެކުންފުނީގެ ފަރާތުން 2011 ވަނަ އަހަރާއި 2012 އަދި 2013 ވަނަ އަހަރު ވެސް ތަފާތު އެކި ކުންފުނިތަކާ އެކު ޑޮލަރުގެ މުއާމަލާތްތަށް ކޮށްފައިވާނެ ކަމަށެވެ. އަދި އެކަމަކީ އަލަށް ކުރެވުނު މުއާމަލާތެއް ނޫންކަމަށާއި އެކަމަކީ ވަކި ފަރުދަކަށް މަންފާއެއް ނުވަތަ ނަފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރާކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ކުންފުނީގެ ބޯޑު މެމްބަރުންގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވާކަމަށާއި، ނަމަވެސް އެ ކުންފުނީގެ ބޯޑު މެމްބަރުންނާ ބައްދަލުކުރުމަށް އެއްވެސް އިރެއްގައި އޮޑިޓް އޮފީހުން އެދިފައި ނުވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.