30 May 2014, 11:39
ރައްޔިތުންގެ މަޖިލީހުގެ އިހަންވަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ ކަލޯ)ގެ ސައިކަލްގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައުލޫމާތު އަދިވެސް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މުހައްމާގެ ސައިކަލްގައި ރޯކޮށްލި މީހުން ހޯދުމަށް ފުލުހުން ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ.
http://www.youtube.com/watch?v=6DSQyIBiFcQ
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތުން ވެސް އެ ވީޑިއޯ އިން ފެންނަ ދެ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން ބުނީ އެމީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރާ ފަރާތަކީ ކޮންބައެއްކަން ސިއްރު ކުރެވޭނެ ކަމަށާއި އެމީހަކަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.
މުހައްމާގެ ސައިކަލްގައި ރޯކޮށްލުމުން އެ ސައިކަލް ކައިރީ ޕާކްކޮށްފައި ހުރި އެހެން ސައިކަލްތަކަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.