މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ޔޫއެސް ޕެސިފިކް ކޮމާންޑް ގުޅިގެން ދެކުނު އޭޝިޔާ ސަރަޙައްދުގެ ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ބައްދަލުވުމެއް ދިވެހިރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ، ސައުތު އޭޝިއާ ރީޖަނަލް އެންވަޔަރަންމެންޓަލް ސެކިއުރިޓީ ފޯރަމްގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން، ހަތަރު ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ކަމަށެވެ.

އެ ބައްދަލުވުން ކުރިއަށް ދާއިރު، ސަރަޙައްދީ ގައުމުތަކުގެ ރައްޔިތުންނަށް ސާފު އަދި ރައްކާތެރި ފެން ލިބިދިނުމާއި، ރައްކާތެރިކަމާ އެކު ކުނި ނައްތާލެވޭނެ ނިޒާމް ހަރުދަނާ ކުރުމާއި، ހަކަތަ އުފެއްދުމާއި އަދި ތިމާވެއްޓާ ގުޅުންހުރި ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނީ މާހިރުން، މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި އެ ދާއިރާތަކާ ގުޅޭގޮތުން ބައްދަލުވުމުގެ ބައިވެރިން މެދުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ދެކުނު އޭޝިޔާ ސަރަޙައްދުގެ ތިމާވެށި ރައްކާތެރި ކުރުމާއިބެހޭ އެ ބައްދަލުވުމުގެ ބައިވެރިން ތަޖުރިބާ ދަތުރެއްގައި މާލެ އަތޮޅު ތުލުސްދޫއަށް ޒިޔާރަތްކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.