ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ކަންތަށްތަށް ކުރަމުން ދާ ގޮތާ މެދު ގިނަ ހިއްސާދާރުންގެ ޝަކުވާ އެ ކުންފުނީގެ މެނޭޖްމަންޓަށް އަމާޒުވެއްޖެ އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި ރޭ ބޭއްވި ގައުމީ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލް އިން ވަނީ އާންމު ހިއްސާދާރުންނަށް އެ ހިއްސާދާރުންގެ ހިޔާލުތަކާއި ޝުއޫރުތަށް މެނޭޖްމަންޓަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ހުޅުވާލި ފުރުސަތުގައި ގިނަ ހިއްސާދާރުންތަކެއް ވަނީ އެ ކުންފުނިން ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތަށް ދަށްކަން ފާހަގަކޮށްފައެވެ.

ބީއެމްއެލްގެ ބައެއް ހިއްސާދަރުން ހުށައެޅި ޝަކުވާތަކުގެ ތެރޭގައި އެ ކުންފުނިން ކަސްޓަމަރުންނަށް ދޭ "ކަސްޓަމާ ސާވިސް" ދައްކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބޭންކުގެ ހިދުމަތް ހޯދަން ގިނަ ކަސްޓަމަރުންތަކެއް "ބިޒީ ޝެޑިއުލް އެއްގައި" އުޅެމުން ގޮސް ކުދިކުދި ހިދުމަތްތަށް ހޯދަންވެސް ގިނައިރު ކިއޫގައި ޖެހިގެން ތިބޭކަން ފާހަގަ ކޮށްފައި ވެއެވެ. އަދި ކައުންޓަރު ތަކުގައި ތިބޭ ކަސްޓަމާ ސާވިސްގެ މުވައްޒަފުންގެ އެކިއެކި މައްސަލަތަށް ފާހަގަކޮށްފައި ވާ އިރު ބޭންކުގެ ކިއޫގައި ތިބޭ ކަސްޓަމަރުންނަށް "ފާހާނާގެ ހިދުމަތެއް" ލިބޭނެގޮތެއް ނެތްކަން ވެސް އާންމު ހިއްސާދާރުން ވަނީ ފާހަގަކޮށްފައެވެ.

ހިއްސާދާރުންގެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން ބީއެމްއެލްގެ ޗެއާޕާސަން މުރުތަޟާ މުހައްމަދު ދީދީ ވިދާޅުވީ، ބޭންކްގެ މަގްސަދަކީ އަބަދުވެސް ކަސްޓަމަރުންނަށް ފަސޭހަ ހިދުމަތެއް ފޯރުކޮށް ދިނުން ކަމަށާއި ކަސްޓަމަރުންނަށް ކިއޫގައި ނުޖެހި ހިދުމަތްތަށް ލިބޭނެގޮތެއް ހެދުން ކަމަށެވެ. އަދި "15 ވަރަކަށް މިނަޓް" ވެސް މަޑުކުރަން ޖެހުމަކީ ގިނައިރު ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ފާހާނާގެ މައްސަލައަށް ވެސް ހައްލެއް ގެނައުމަށް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތް ކުރައްވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ހިއްސާދާރުން ބޭނުންވާ އެކިކަހަލަ ކަންތަށްތަކުގައި ބޭންކުގެ ބޯޑު މެންބަރުންނާ ބައްދަލުކުރަން ބޭނުން ވުމުން އެކަން ނުވާކަން ފާހަގަކުރައްވައި ބައެއް ހިއްސާދާރުން ވަނީ ޝަކުވާކޮށްފައެވެ.