ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ވި ފައިދާ އިން ހިއްސާއަކަށް 15 ރުފިޔާ ބަހަން އެ ކުންފުނީގެ އާންމު ހިއްސާދާރުން ނިންމައިފި އެވެ. މިއީ ބެންކުގެ ހަޔާތުގައި ރެކޯޑް މިންވަރެކެވެ.

ނަސްނަދުރަ ޕެލަސް ހޮޓެލްގައި ރޭ ބޭއްވި ސަރުކާރާއި ރައްޔިތުން ހިއްސާވާ އެ ބޭންކުގެ 31 ވަނަ އަހަރީ އާއްމު ޖަލްސާގައި، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވާގޮތަށް ހިއްސާއަކަށް 15 ރުފިޔާ ބަހަން ފާސްކުރީ އެ ޖަލްސާ އަށް އެކަން ހުށަހެޅުމުން ހިއްސާދާރުން ތާއީދު ކުރެއްވުމުންނެވެ.

ގައުމީ ބޭންކުން ހިއްސާދާރުންނަށް ބަހަން ނިންމާފައި ވަނީ ފައިދާ އިން 80.7 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލްއިން 2012 ވަނަ އަހަރުގެ ފައިދާ އިން ހިއްސާގެ އެއްވެސް މިންވަރެއް ބަހާފައެއް ނުވެ އެވެ. އެއަހަރު ނިންމާފައި ވަނީ އިންޓެންޑިން ޑިވިޑެންޓް ބެހުމަށެވެ.

ބީއެމްއެލް އަށް ވަނީ މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 662 މިލިއަން ރުފިޔާ ލިބިފަ އެވެ.

ބީއެމްްއެލް އިން ހިއްސާދާރުންނަށް މީގެ ކުރިން އެންމެ ގިނައިން ބަހާފައި ވަނީ 2009 ވަނަ އަހަރު އެވެ. އެއީ ހިއްސާއަކަށް ނުވަ ރުފިޔާ އެވެ.

ހިއްސާދާރުންގެ ފަރާތުން ފިނި ތަރުހީބެއް ލިބުނު އެ ޖަލްސާގައި އާދައިގެ މަތިން 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި އަދި 2013 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި މިދިޔަ އަހަރުގެ ބެލެންޝީޓް ފާސްކޮށްފައި ވެއެވެ.

ކުރިއަށް އޮތް އަހަރު އެ ކުންފުނި އޯޑިޓް ކުރާނެ ފާމެއް ވެސް ވަނީ ރޭގެ ޖަލްސާގައި ފާސްކޮށްފައެވެ. އެގޮތުން އެކްސްޓާނަލް އޯޑިޓް ފާމެއްގެ ގޮތުގައި ހަމަޖެއްސީ އާންސްޓް އެންޑް ޔަންގް އެވެ. އެއީ 56180 ޑޮލަރަށެވެ.

ސަރުކާރުން ކަނޑައަޅާ ބޯޑު މެމްބަރުންގެ ގޮތުގައި އިންތިހާބު ވީ މިދިޔަ އަހަރު ވެސް އެ މަގާމު ފުރުއްވަމުން ގެންދެވި ފަރާތްތަކެވެ. އެއީ އެންޑްރޫ ޖޯން ހީލީ އާއި މުހައްމަދު ޝަރީފް އާއި މުުރުތަޟާ މުހައްމަދު ދީދީ އާއި މުހައްމަދު ލުވޭޒްގެ އިތުރުން އަބްދުލް ހާރިޝް އާއި މުހައްމަދު އުމަރެވެ. އާންމު ހިއްސާދާރުންގެ ތެރެއިން ހޮއްވެވި ތިން ބޭފުޅުންނަކީ އިބްރާހިމް މުހައްމަދުގެ އިތުރުން މުހައްމަދު ޢަބްދުއްސައްތާރާއި އިސްމާއިލް މުހުތަބާ އެވެ.