02 Jan 2011, 07:27
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، ނިމިގެންދިޔަ 2010 ވަނަ އަހަރު، މެންބަރުން ދައްކުވައިދިން ފަދަ ޢަޒުމާއި ހިތްވަރު މިފެށުނު 2011 ވަނަ އަހަރު ވެސް ދައްކުވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.
އިއްޔެ ފެށުނު މީލާދީ އާ އަހަރުގެ މަރުހަބާ ދެންނެވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، ނިމިގެން ދިޔަ އަހަރަކީ، ރައްޔިތުންގެ މަޖިލީހުގެ ތާރީޚްގައި އެންމެ ގިނަ އަދަދެއްގެ ބިލު މަޖިލީހަށް ހުށަހަޅައި، އެންމެ ގިނަ އަދަދެއްގެ ބިލު މަޖިލީހުން ފާސްކުރި އަހަރު ކަމަށެވެ. އަދި 2010 ވަނަ އަހަރު ޖުމްލަ 95 ޖަލްސާއެއް ބާއްވައި ޖުމްލަ 52 ބިލު މަޖިލީހަށް ހުށަހެޅުނު ކަމަށާއި އެ ބިލުތަކުގެ ތެރެއިން 42 ބިލު މަޖިލީހުން ފާސްކޮށްފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން ފާއިތުވެގެން ދިޔަ އަހަރަކީ ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގައި ފާހަގަކުރެވިގެންދިޔަ ތާރީޚީ އަހަރެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މެންބަރުންނާއި ސިޔާސީ ޕާޓީތަކުން ދީފައިވާ އެއްބާރުލުން ފާހަކުރައްވައި ޝާހިދުގެ ބަޔާނުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކާމިޔާބު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން މަޖިލީހުގެ ރިޔާސަތަށް ދެއްވަމުން ގެންދެވި އެއްބާރުލެއްވުމަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ، މަޖިލީޙުގެ މި ދައުރުގެ މަސައްކަތްތައް ނިންމާލި އިރު 2010 ވަނަ އަހަރު ޖުމްލަ 52 ބިލު މަޖިލީހަށް ހުށަހެޅި، އޭގެ ތެރެއިން 42 ބިލު ވަނީ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ 50 މައްސަލަ މަޖިލީހަށް ހުށަހަލައި، އޭގެ ތެރެއިން 42 މައްސަލަ ފާސްކޮށްފައިވާ ކަމަށެވެ. އަދި ފަސް ގަރާރު މަޖިލީހަށް ހުށަހެޅުނުއިރު އޭގެ ތެރެއިން ތިން ގަރާރު ފާސްކޮށްފައިވާ ކަމަށާއި ފަސް ޕެޓިޝަން ހުށަހެޅިއިރު އޭގެ ތެރެއިން އެއް ޕެޓިޝަން ފާސްކޮށް، ހުށަހެޅި ހަމައެކަނި ކުއްލި މައްސަލަ ވެސް މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި މިއަހަރު އިމްތިޔާޒުގެ އެއް މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ އިރު ޖުމްލަ 95 ދުވަސް މަޖިލީހުގެ ޖަލްސާތަކަށް މެންބަރުން ހޭދަ ކުރައްވާފައިވާ ކަމަށާއި މެންބަރުން ޖަލްސާތަކުގައި ހޭދަކުރައްވާފައިވާ ޖުމްލަ ވަގުތަކީ 300 ގަޑިއިރާއި ދެ މިނެޓް ކަމަށް ވެސް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދިނެވެ.