30 May 2014, 03:18
އޭއެފްސީ ޗެލެންޖް ކަޕުގެ ތިންވަނަ މަގާމު ރާއްޖެ ހޯދުމުން އުފާކުރާ ކަމަށާއި ޓީމުގެ ކުޅުންތެރިންނާއި މެދު ފަހުރުވެރިވާ ކަމަށް ގައުމީ ކޯޗު ޑްރާގޯ މަމިޗް ބުނެފި އެވެ.
ޕެނަލްޓީ ޖަހައިގެން އަފްޣާން އަތުން މޮޅުވި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު މަމިޗް ބުނީ، ޗެލެންޖް ކަޕުގެ ބްރޮންޒް މެޑެލް ކާމިޔާބު ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެކަން ފުރިހަމަވީ، ރަނގަޅު ސްކޮޑެއް އޮތުމުން ކަމަށެވެ.
"ތިންވަނަ މަގާމު ލިބުނަސް އަހަރެމެން މިހިރީ ވަރަށް ހިތްހަމަ ޖެހިފައި. އެންމެ ފަހު ރަނަރަޕު ތުރުކުމެނިސްތާނަށް މި މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައެއް ނުދެވުނު. މި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކީ ވެސް ވަރަށް ވަރުގަދަ ޓީމުތައް. މިއީ ވަރަށް އުނދަގޫ މުބާރާތެއް،" އޭނާ ބުންޏެވެ. "އަހަރެމެންނަށް އެނގޭ އަމިއްލަ ގައުމުގައި ކުޅޭތީ ސަޕޯޓަރުންގެ އެހީތެރިކަން ލިބޭނެކަން. ނަމަވެސް މިކަހަލަ މުބާރާތަކަށް ނުކުންނައިރު، މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ. މިއީ އަހަރެންނަށް ފައިނަލު ކަހަލަ މެޗެއް. ކުޅުންތެރިންނާއި މެދު އަހަރެން ފަހުރުވެރިވަން. ރާއްޖޭގެ ރައްޔިތުން މިހާރު އުފަލުން ހުރީމަ، އަހަރެން ވެސް އުފާކުރަން،"
މަމިޗް ބުނީ، ބްރޮންޒް މެޑެލް ހޯދުމުގެ މުހިންމުކަން މެޗުގެ ކުރިން ކުޅުންތެރިންނަށް ވިސްނައިދީފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކުރިއަށް އޮތް ތާނގައި ވެސް ރާއްޖޭގެ ކޯޗުކަންކޮށް، ކުޅުންތެރިންނާއެކު މަސައްކަތްކުރަން ބޭނުންވާ ކަމުގައި މަމިޗް ބުންޏެވެ.
"މެޗުގެ ކުރިން އަހަރެން ކުޅުންތެރިން ކައިރީ ބުނިން މިއީ ވަރަށް މުހިންމު މެޗެކޭ. އަހަރެމެން ބްރޮންޒް މެޑެލް ހޯދަން އެބަ ޖެހެއޭ. މިއީ ކުރި މަގަށް ލިބޭނެ ކާމިޔާބެއް،" އޭނާ ބުންޏެވެ. "ކުރިއަށް އޮތްތާ ވެސް ރާއްޖެ އަށް ކޯޗުކޮށްދޭން އަހަރެން ބޭނުން. ރާއްޖޭގެ ކުޅުންތެރިންނާއެކު މަސައްކަތްކުރަން އަހަރެން ބޭނުން. ކޮންމެ ކޯޗެއް ވެސް ބޭނުންވާނީ ރަނގަޅު ނަތީޖާއެއް ހޯދަން. ރާއްޖޭގެ ޒުވާން ގައުމީ ޓީމުތަކަށް ވެސް ބޭނުންވަނީ މޮޅެތި ކުޅުންތެރިން. އެހެންނޫން ނަމަ، އަބަދުވެސް އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ،"
ގައުމީ ކޯޗު އިތުރަށް ބުނީ، އަފްޣާންއާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗުގައި ރާއްޖޭގެ ކުޅުންތެރިން ހިތްވަރުގަދަ ކުޅުމެއް ދައްކައި ހޯދި ކާމިޔާބަށް މަރުހަބާ ކިޔާ ކަމަށެވެ.
"މިއީ ވަރަށް ވާދަވެރި މެޗެއް. ފަސް ދުވަސްތެރޭ އަހަރެމެން އިތުރު ވަގުތުގެ ދެ ހާފު ކުޅުނިން. އަހަރެންގެ ޓީމު ކުޅުންތެރިންނަށް މަރުހަބާ ކިޔަން. އެމީހުންނަށް މި ކަހަލަ ޕްރެޝަރުތަކުން އަރައިގަނެ، ރަނގަޅު ނަތީޖާއެއް ނެރެވޭނެކަން ކުޅުންތެރިން ސާބިތުކޮށްދީފި،" މަމިޗް ބުންޏެވެ.
މުބާރާތުގެ ބްރޮންޒް މެޑެލް ރާއްޖެ ކާމިޔާބުކުރި އިރު، ރިހި މެޑެލް އާއި ރަން މެޑެލް ކާމިޔާބުކުރާ ޓީމުތައް މާދަމާ ކުޅޭ ފައިނަލު މެޗުން ކަށަވަރުވާނެ އެވެ. މި މުބާރާތުގައި މާދަމާ ރޭ 9:00ގައި ވާދަކުރާނީ ފިލިޕީންސާއި ފަލަސްތީނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ ކުޅޭ ތާރީހީ ފައިނަލުގެ ޗެމްޕިއަނުންނަށް 2015 ވަނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ.