އޭއެފްސީ ޗެލެންޖް ކަޕުގެ ތިންވަނަ ހޮވާ މެޗުގައި ރާއްޖެ އަތުން މިރޭ ލިބުނު އަށް ފަހު، ރާއްޖޭގެ ކޯޗު ޑްރާގޯ މަމިޗް އަށް އަފްޣާނިސްތާނުގެ ކޯޗު ޔޫސުފް ކަރްގާރު ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ޕެނަލްޓީ ޖަހައިގެން ބަލިވި ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޣާނިސްތާނުގެ ކޯޗު ބުނީ ރާއްޖޭގެ ކޯޗުގެ އަހްލާގީ މިންގަނޑު ވަރަށް ދަށް ކަމަށެވެ. ފެއާ ޕްލޭ ހޯދުމަށް ރާއްޖޭގެ ކޯޗު ގޮވާއިރު، އަފްޣާނިސްތާނަށް ފެއާ ޕްލޭ ނުދޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރާއްޖޭގެ ކޯޗުގެ އަހުލާގީ މިންގަނޑު ވަރަށް ދަށް. ކޮންމެ ފަހަރަކު ވެސް އެ މީހުން ވާހަކަ ދައްކަނީ ފެއާ ޕްލޭ ނުދޭ ވާހަކަ. އެންމެ ފަހުން އެ މީހުން ވެސް ފެއާ ޕްލޭއެއް ނުދޭ. އެ މީހުން ކަންތައް ކުރަނީ ވަރަށް ގޯސްކޮށް. އެ މީހުން އަހަރެމެންނަށް އިހްތިރާމްކުރަން ޖެހޭ. ކޯޗެއް ނަމަ، އެހެން ކޯޗަކާއެއް ނުބެހޭނެ. ނަމަވެސް ރާއްޖޭގެ ކޯޗު އަހަރެންނާއި ދިމާކޮށް، އުނދަގޫކުރި،" ޔޫސުފް ކަރްގާރު ބުންޏެވެ.

އަފްޣާނު ކޯޗު ބުނީ، މުބާރާތުގައި އެންމެ ބޮޑަށް އެ ޓީމަށް ހުރަހެއް ކުރިމަތިވީ މުހިންމު ދެ ފޯވަޑުން އަނިޔާވުމުން ސްކޮޑުން އުނިކުރުމުން ކަމަށެވެ. އަދި އައްޑޫގައި އަފްޣާނު ޓީމު އެކްސިޑެންޓްވުމުން އޭގެ އަސަރު ޓީމަށް ކުރި ކަމުގައި ކަރްގާރު ބުންޏެވެ.

"މި މުބާރާތަށް އަހަރެމެން ކުރިމަތިލުމުގެ ކުރިން މުހިންމު ދެ ފޯވަޑުން އަނިޔާގައި ހުރުމުގެ ސަބަބުން މުބާރާތަށް ނުކުންނަން ޖެހުނީ އެ ދެ ކުޅުންތެރިން ނުލައި. އެކަމުގެ ސަބަބުން ލަނޑު ޖެހުމުގައި ހުރަސްތަކެއް ކުރިމަތިވި. އެހެން ދިމާނުވި ނަމަ، އަހަރެމެންނަށް ހުރިހާ ގޮތަކުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކުނީސް،" އޭނާ ބުންޏެވެ. "ފުޓްބޯޅައިން ކާމިޔާބު ހޯދަން ކޮންމެ ޓީމަކަށް ފުރުސަތު އޮންނާނެ. އަހަރެމެންނަށް ކުރިމަތިވި އެކްސިޑެންޓުގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވި. ފުޓްބޯޅައަކީ އަހަރެމެންގެ ގައުމީ ކުޅިވަރު. މި މުބާރާތަށް އަހަރެމެން ވަރަށް ބޮޑަށް ތައްޔާރުވިން. އަހަރެމެންނަށް ފައިނަލަށް ދަތުރު ނުކުރެވުނީ ނަސީބު ނެތުމުން،"

ކަރްގާރު ބުނީ، ހުރިހާ ކުޅުންތެރިންވެސް ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުޓްބޯޅައިން އަފްޣާނު ވަރަށް ބޮޑު ކުރިއެރުމެއް ހޯދި ކަމަށެވެ.

"ކޮންމެ ކުޅުންތެރިއެއް ވެސް ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ. އަހަރެމެން ބޯޅަ ގެންގުޅުނީ އެހެން ޓީމުތައް ގެންގުޅޭ ގޮތަކަށް ނޫން. ބޮޑެތި ބޯޅަތައް ލައިގެން ކުޅުމުގެ ބަދަލުގައި އަހަރެމެން ހިފަހައްޓައިގެން ބޯޅަ ގެންގުޅުނިން،" އޭނާ ބުންޏެވެ. "ތިރީސް އަހަރުގެ ހަނގުރާމައަކަށް ފަހު، އަހަރެމެންގެ ފުޓްބޯޅައިގެ ފެންވަރު ވަރަށް ކުރިއަރައިފި. އަހަރެމެންގެ ފެޑަރޭޝަން އަށް އަދި އެންމެ އަށް އަހަރު. އަހަރެމެން ރާއްޖެ އަތުން 9-0 ލަނޑުން ބަލިވި ދުވަސްވަރަކީ އަހަރެމެންގެ ޅަފަތުގެ ދުވަސްވަރު،"

މި މުބާރާތުގައި އަފްޣާނު ކުޅުނު މެޗުތަކަށް ބަލާއިރު، ގްރޫޕް ސްޓޭޖުގައި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. ގްރޫޕް ސްޓޭޖުގެ ދެ މެޗުން އެއްވަރުވެފައިވާ އިރު، ހަމައެކަނި މޮޅުވީ ނުވަ ކުޅުންތެރިންނާއެކު އަފްޣާނާއި ދެކޮޅަށް ކުޅުނު ތުރުކުމެނިސްތާނު އަތުންނެވެ. އެއަށްފަހު، ކުޅުނު ސެމީ ފައިނަލުގައި ފަލަސްތީނު އަތުން ބަލިވެ، މިރޭ ރާއްޖެ އަތުން ވަނީ ބަލިވެފަ އެވެ.

ޗެލެންޖް ކަޕުގެ ފައިނަލުގައި މާދަމާ ރޭ 9:00ގައި ވާދަކުރާނީ ފިލިޕީންސާއި ފަލަސްތީނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ ކުޅޭ ތާރީހީ ފައިނަލުގެ ޗެމްޕިއަނުންނަށް 2015 ވަނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ.