ކީރިތި ގުރުއާން ހިތުދަސްކުރުމާއި ގުރުއާނުގެ އިލުމު އުނގަންނައިދިނުމަށްޓަކައި މިއަހަރު އިސްލާމިކް މިނިސްޓްރީން 10 މިލިއަން ރުފިޔާ ޚަރަދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ 29 ވަނަ ގައުމީ މުބާރާތް އިފްތިތާހް ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ދެއްކެވި ވާހަކަފުޅުގައި ކީރިތި ގުރުއާން ހިތުދަސްކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

މިއަހަރުގެ މުބާރާތުގައި ހިތުދަސް ކުރުމުގެ ބައިގައި އެހެން އަހަރުތަކަކަށް ވުރެ ގިނައިން ދަރިވަރުން ބައިވެރިވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް ގުރުއާން އުނގަންނައިދިނުމަށް މިހާ ގިނަ ފައިސާ އެންމެ ގިނައިން ޚަރަދުކުރާނެ އަހަރު ކަމަށް ވެސް އެމަނިކުފާނުނ ވިދާޅުވިއެވެ.

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިއަހަރުގަ އިސްލާމިކް މިނިސްޓްރީން ވަނީ 10 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައާޅާފައި. ކީރިތި ގުރުއާން ހިތުދަސްކުރުމާއި ގުރުއާންގެ އިލްމު އުނގަންނައިދިނުމަށްޓަކައި މިކަމަކީ ގާތްގަނޑަކަށް ދިވެހިރާއްޖޭގެ ހިސްޓަރީގެވެސް މިހާގިނަ ފައިސާ އެއް އަހަރެއްގެ ތެރޭގައި މިކަމަށް ހަރަދެއް ނުކުރަން،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އިންޓަނެޓް މެދުވެރިކޮށް އަތޮޅުތަކުގައި ތިބޭ ދަރިވަރުންނަށް ގުރުއާން އުނގަންނައިދިނުމަށްޓަކައި މަޝްރޫއުއެއް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށްވެސް މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އިއުލާންކުރައްވާފަ އެވެ. އެގޮތުން އެ މަޝްރޫއުގެ ފުރަތަމަ ބުރުގައި މާލޭގަ އާއި ޏ. ފުވައްމުލަކުގައި ޚާއްސަ ދެ ކުލާހެއް ގާއިމްކުރެވޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"މާލޭގެ މުދައްރިސުން ތިބެގެން، ދަރިވަރުން އަތޮޅުތަކުގައި ތިބެގެން އިންޓަނެޓް މެދުވެރިކޮށް ދަރިވަރުންނަށް ގުރުއާން ކިޔެވުމުގެ މަޝްރޫއު ޖޫން މަހުގެ ތެރޭގައި ފަށާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ހިންގާ މަޝްރޫއުތައް ކުރިއަށްގެންދެވެނީ އާއްމުންނާއި ވިޔަފާރިވެރިން، އެމީހުންގެ މުދަލުން މާތް ﷲ ގެ މަގުގައި ހޭދަކުރާތީ ކަމަށާއި ގުރުއާންގެ އިލްމު އުނގަންނައިދިނުމުގެ މަޝްރޫއު އަށް ޚަރަދުކުރަނީ މުދަލަތުގެ ޒަކާތުގެ ފައިސާއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިދިޔަ އަހަރު ވެގެންދިޔައީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް މުދަލަތުން ޒަކާތުން ފައިސާ ލިބުނު އަހަރު. 47 މިލިއަން ރުފިޔާ ޒަކާތުން އިސްލާމިކް މިނިސްޓްރީއަށް ލިބުނު. މީގެ ނަތީޖާއަކީ ޒަކާތް މާތް ﷲ ބެއްސެވުމަށް ކަނޑައަޅުއްވާފައިވާ ހަތް ބަޔަށް ބެހިގެންދާއިރުގައި، މާތް ﷲ ޓަކައި ޚަރަދުކުރުމަށްޓަކައި ކަނޑައަޅުއްވާފައިވާ ބައިގެ ތެރެއިން ކީރިތި ގުރުއާނަށް މި ހަރަދުކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ގުރުއާން އުނގަންނައިދިނުން ފަދަ ކަންކަމަށް ވިޔަފާރިވެރިން އެމީހުންގެ މުދަލުން ހޭދަކުރިވަރަކަށް އެފަދަ ކަންކަންކުރި ކުރިއަރައިގެންދާނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން ލިބޭ މިންވަރުން އެފަދަ ކަންތައްތައް ބޮޑު ޚަރަދެއް ކުރުމަކީ ދަތިކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.