29 May 2014, 21:49
މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމަށް ޝަރުތު ހަމަވެ މިނިވަން ކުރި މީހަކު، މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އުމުރަށް ޖަލަށް ލުމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ލ. ގަން މަތިމަރަދޫ، މަންދަގޭ، ހަސަން ޔޫސުފްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތޮލްކޮށް، އޭނާ އުމުރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކުރީ މިއަދުއެވެ. އެ ހުކުމް ކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު މެންދުރު ފަހު 2:30 އެހައިކަށްހާއިރު މަސްތުވާތަކެތި އަޅާފައި އޮތް ސިނގިރެޓް ފޮއްޓެއް އޭނާ އެއްލާލި މައްސަލައަކާ ގުޅިގެންނެވެ.
ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ލ. ގަން، ތުނޑި އޮޅުށްކޮޅު ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން، ފުލުހުން އެތަނަށް ގޮސް މަޑުކޮށްގެން ތިއްބާ، މީނާ ސައިކަލުގައި ސިނާއީ މަގަށް ނިކުންނަން ދުއްވާފައި އަންނަނިކޮށް ފުލުހުން މަޑުކުރަން އެންގުމުން، ނުކިޔަމަންތެރިވެ ސައިކަލު ދޫކޮށްލާފައި މަގުގެ އަނެއްކޮޅަށް ދުއްވައިގަތުމުން، ފުލުހުން މީނާއާއި އަރާހަމަކޮށް، އޭނާ ހައްޔަރުކުރަން އުޅުނުވަގުތު އޭނާގެ ކަނާއަތު މުށުގެ ތެރެއިން ގަސްތަކުގެ ތެރެއަށް ސިނގިރޭޓު ފޮއްޓެއް އެއްލާލި ކަމަށެވެ.
އެ ސިނގިރެޓް ފޮށިތެރެއިން ވެއްޓުނު އެއް ރަބަރު ޕެކެޓުގައި 35.1767 ގްރާމް
ޓެޓުރާހައިޑްރޯކެނަބިނޯލާއި 11.4346 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަހްލީލު ރިޕޯޓުން
އެނގެންއޮންނަ ކަމަށް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.