ކީރިތި ގުރުއާން ކިޔެވުމަށް ލޯބި ޖައްސާ ގުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރިއުޅުއްވުމަށްޓަކައި، ބާއްވަމުންއަންނަ ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި މިއަހަރު 800 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ކީރިތި ގުރުއާނާބެހޭ މަރުކަޒުން ބުނެފި އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މިހެން ބުނެފައި ވަނީ މާދަމާ ފަށާ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް އިފްތިތާހު ކުރުމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ޖަލްސާގައެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުނީ، ކީރިތި ގުރުއާން ކިޔެވުމުގެ 29 ވަނަ ގައުމީ މުބާރާތުގައި މާދަމާ ފަށާއިރު، މިއަހަރުގެ މުބާރާތުގައި އަތޮޅުތަކުން 277 ދަރިވަރުންނާއި މާލޭގެ ސްކޫލް އަދި މަދަރުސާތަކާއި ގުރުއާން ކުލާސްތަކުން 549 ދަރިވަރަކާއި އެކު ޖުމްލަ 826 ދަރިވަރުން އެ މުބާރާތުގައި ބައިވެރިވެފައިވާ ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ހަ އަހަރުންދަށް، ހަތް އަހަރުންދަށް، ނުވަ އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 16 އަހަރުންދަށް، 19 އަހަރުންދަށް އަދި 21 އަހަރުންދަށުން ނުބަލާ ކިޔުމުގެ ބައިން 419 ދަރިވަރުން ބައިވެރިވެފައިވާއިރު، ބަލައިގެން ކިޔުމުގެ ގޮފިން 407 ދަރިވަރުން ބައިވެރިވެފައިވެ އެވެ.

މިއަހަރުގެ މުބާރާތުގައި 21 އަހަރުން މަތީގެ އުމުރުފުރައިން އެއްވެސް ދަރިވަރަކު ބައިވެރިވެފައެއް ނުވެ އެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ އިތުރުން، ނުބަލާ ކިޔުމުގެ ބައިގައި ބައިވެރިވި ކުދިންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހާއްސަ ބައިން، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ ދެ ސްކޫލަކުން 20 ދަރިވަރުން ބައިވެރިވެފައިވާ ކަމަށްވެސް އެ މަރުކަޒުން ބުންޏެވެ.

ކީރިތި ގުރުއާނާބެހޭ މަރުކަޒުން ބުނީ، މިއަހަރުގެ މުބާރާތުގައި ބައިވެރިވާ މާލޭ ސްކޫލްތަކުގެ ބައިވެރިން ކިޔެވުން ކުރިއަށްދާނީ މާދަމާ އިން ފެށިގެން އަންނަ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ. އަދި އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ކިޔެވުން ފަށާނީ އަންނަ ހަފްތާގެ ހުކުރު ދުވަހު އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވި ދަރިވަރެއް-- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަހަރުގެ މުބާާރާތުގެ ކިޔެވުން ހެނދުނާއި ހަވީރުގެ އިތުރުން ރޭގަނޑުވެސް ކުރިއަށްގެންދަން ނިންމާފައިވާއިރު، ހެނދުނުގެ ދަންފަޅީގައި ކިޔަވާނީ 35 ދަރިވަރުންނެވެ. ހަވީރާއި ރޭގަނޑު ދަންފަޅީގައި ކޮންމެ ދަންފަޅިއަކު 25 ދަރިވަރުން ކިޔަވާއިރު، ދުވާލަކު 85 ދަރިވަރުން ކިޔަވާނެ ކަމަށް މަރުކަޒުން ބުންޏެވެ.

ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.