Last Updated:
1 decade 1 year ago

ޕެނަލްޓީ ޖަހައިގެން މުބާރާތުގެ ތިން ވަނަ ރާއްޖެ ހޯދައިފި

    ބުލޮގު ޚުލާސާ
    އޭއެފްސީ ޗެލެންޖު ކަޕްގައި ސެމީ ފައިނަލުން ކެޓި އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖެ ކުޅޭނީ މިރޭ 9:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައި. މިއީ މުބާރާތުގެ ތިންވަނަ ހޮވާ މެޗު.
    01:29

    އޭއެފްސީ ޗެލެންޖް ކަޕުގައި މިރޭ އަފްޣާނިސްތާނު އަތުން މޮޅުވެ، މުބާރާތުގެ ތިންވަނަ މަގާމު ރާއްޖެއިން ހޯދައިފި އެވެ.

    މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ލަނޑެއް ނުޖެހި އެއްވަރުވުމުން ކުޅުނު އިތުރު ވަގުތު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން މުބާރާތުގެ ތިންވަނަ ހޯދީ 8-9 ލަނޑުންނެވެ.

    މެޗުގެ ފުރަތަމަ ހާފާއި ދެވަނަ ހާފުގައި ރަނގަޅަށް ކުޅެ، އަފްޣާނުން ރާއްޖޭގެ ގޯލަށް ނުރައްކާކޮށްފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެ ޖެހުނީ ޑިފެންސް ކޮށްގެން އަފްޣާނުގެ އެޓޭކްތައް ހުއްޓުވާށެވެ. ރާއްޖޭގެ ޑިފެންސް ލައިނުން އަފްޣާނުގެ އެޓޭކްތައް ހުއްޓުވުމަށް ކުރި މަސައްކަތް ކާމިޔާބުކުރި އެވެ.

    މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ އަށް އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގަ އެވެެ. މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ ހުސައިން ނިޔާޒް (ބޮކުރީ) ނަގައިދިން ހުރަސް ބޭކާރުވެގެން ދިޔައީ އަސަދުﷲ އަބްދުﷲ ގެ ފަޔަށް އެ ބޯޅަ ނޭރުމުންނެވެ.

    މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ގޯލަށް ހަމަލާތަކެއް އަފްޣާނުން އުފެއްދި ނަމަވެސް ގޯލު ތެރެއަށް ބޯޅަ ފޮނުވާލެވިފައެއް ނުވެ އެވެ. ހަމައެގޮތަށް ރާއްޖޭގެ ޑިފެންސް ލައިނުގެ ރޭވުންތެރިކަމާއި ގުޅިގެން އަފްޣާނަށް ދެވަނަ ހާފުގައި ވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ.

    މެޗުގެ 80 ވަނަ މިނެޓްގައި ރާއްޖެ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބޯޅަ ހިފައިގެން އަފްޣާން އޭރިޔާ ތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ލިބުނީ ހުސްކޮށް ހުރި ބޮކުރީ އަށެވެ. ނަމަވެސް ބޮކުރީ އަށް އެ ބޯޅަ އަފްޣާނުގެ ގޯލް ތެރެއަށް އަމާޒެއް ނުކުރެވުނެވެ.

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި އަފްޣާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިޔާ ހާމިދު ކަރީމީ އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށް، އަފްޣާނަށް ލީޑު ހޯދައިދިނީ މެޗުގެ 111 ވަނަ މިނެޓްގަ އެވެ. މި ލަނޑު ކަރީމީ ކާމިޔާބުކުރީ އެ ޓީމުގެ ކުޅުންތެރިއެއް ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުންނެވެ.

    މެޗުގައި އަފްޣާނަށް ލީޑު ދެމެހެއްޓުނީ އެންމެ ހަ މިނެޓަށެވެ. މެޗުގައި ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭގެ މޮޅު ލަނޑުން ނަތީޖާ އެއްވަރުވެ، ޕެނަލްޓީ ޝޫޓްއައުޓަށް ދާން ޖެހުނެވެ.

    މެޗުގެ އިތުރު ވަގުތު ހަމަވެ، އެއްވަރުވުމުން ޖެހި ހަތް ޕެނަލްޓީގެ ތެރެއިން އަފްޣާނުގެ ދެ ޕެނަލްޓީ ރާއްޖޭގެ ހުނަރުވެރި އަދި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ދިފާއުކުރި އިރު، ރާއްޖޭގެ ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ސެންޓޭ ފޮނުވާލި ޕެނަލްޓީ އެވެ.

    މެޗުގައި ރާއްޖޭގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ދަގަނޑޭ އާއި އަކްރަމް އަބްދުލް ޣަނީ އާއި ރިލްވާން ވަހީދު އާއި ޝަމްވީލް ގާސިމް (ބޮންޑާ) އާއި އައްސަދު އަލީ (އަޑުބަރޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި މެޗުގެ ބަޠަލު އިމްރާމް މުހައްމަދެވެ.

    މެޗުގައި އަފްޣާނުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އައްބާސިން އަލީކިލް އާއި މުސްތަފާ ޒަޒާއި އާއި ކަރީމީ އާއި ގޯލްކީޕަރު މަންސޫރު ފަގީރިޔާރާއި ޖެލާލުއްދީން ޝަރިތިޔާރު ޒާމިރު ދައޫދީ އަދި ފައިސަލް އެވެ. އަފްޣާނުން ނާކާމިޔާބުވީ ހަދީދީ އަދި ޝަޔެސްތާ ފޮނުވާލި ޕެނަލްޓީ އެވެ.

    އޭޝިޔާ ސަރަހައްދުގައި ދެވަނަ އަށް ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތިންވަނަ ހޯދި ރާއްޖެ ޓީމަށް ބްރޮންޒް މެޑެލް ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން އެވެ.

    ޗެލެންޖް ކަޕުގެ ފައިނަލުގައި މާދަމާ ރޭ 9:00ގައި ވާދަކުރާނީ ފިލިޕީންސާއި ފަލަސްތީނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ ކުޅޭ ތާރީހީ ފައިނަލުގެ ޗެމްޕިއަނުންނަށް 2015 ވަނަ އަހަރު އޮސްޓްރޭލިއާގައި ބާއްވާ އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ.

    00:01

    އޭޝިޔާ ސަރަހައްދުގައި ކުޅެވޭ ދެވަނައަށް އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ރާއްޖެ ހޯދި ފަހުރުވެރި ކާމިޔާބީއަށް ސަން މީޑިއާ ގްރޫޕްގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް ކިޔަން.
    23:58

    ރާއްޖޭ ޓީމަށް ބްރޮންޒް މެޑަލް ހަވާޅުކޮށްދެއްވަނީ، އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން.
    23:58

    މިހާރު ކުރިއަށް ގެންދަނީ އޭއެފްސީ ޗެލެންޖް ކަޕްގެ 3 ވަނަ ޓީމަށް ބްރޮންޒް މެޑްލް ދިނުމުގެ ރައްމިއްޔާތު.
    23:56

    އަފްޣާނަކީ ފީފާ ރޭންކިންގައި ވެސް ރާއްޖެ ހިމެނޭ ސާކް ސަރަހައްދުގެ އެންމެ ކުރީގައި އޮތް ޓީމު.
    23:55

    މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި އަނެއްކާވެސް ލިޔެލެވޭނެ އާ ސަފްޙާއެއް. އޭއެފްސީ ޗެލެންޖް ކަޕްގެ އެންމެ ފަހު މުބާރާތުގެ 3 ވަނަ ޓީމުގެ ގޮތުގައި ރާއްޖެ ޕެނަލްޓީ ޖަހައިގެން މޮޅުވީ، ސާފްގެ އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާން ބަލިކުރުމަށް ފަހު.
    23:54

    ރާއްޖޭ ހުރިހާ ކުޅުންތެރިން ސަޖިދައަަށް ތިރިވެއްޖެ.
    23:54

    ކީޕްރު އިމްރާން ވަނީ ދެ ޕެނަލްޓީ މަތަކޮށްފައި.
    23:54

    ޕެނަލްޓީ ޖަހައިގެން ރާއްޖެ މޮޅުވީ 7-8 ލަނޑުން.
    23:53

    އޮއްޕޮ ޖެހި ޕެނަލްޓީ ގޯލްގެ މަތީ ދާގަނޑަށް. ރާއްޖެއަށް 3 ވަނަ ލިބުނީ.
    23:53

    އޮއްޕޮ މި ޕެނަލްޓީ ވައްދާލައިފި ނަމަ ރާއްޖެއަށް 3 ވަނަ.
    23:52

    ޝަޔެސްތާ ޕެނަލްޓީ އިންމަ ދިފާއުކުރީ.
    23:52

    އަފްޣާން ޕެނަލްޓީ ޝަޔެސްތާ.
    23:51

    ރާއްޖޭން ކީޕަރު އިމްރާން ފޮނުވާލި ޕެނަލްޓީ ވަރަށް ރީތިކޮށް ގޯލްތެރެއަށް.
    23:51

    ފައިސަލް ފޮނުވާލި ޕެނަލްޓީ އިމްރާން އަތުގައި ޖެހިފައި ގޯލްގެ އެތެރެއަށް.
    23:50

    އަފްޣާނުން ޕެނަލްޓީ ޖަހަނީ، ފައިސަލް.
    23:49

    އަޑޭ ވެއްޓިފައި ތެދުވެ ފޮނުވާލީ ގޯލްގެ މަތީ ދާގަނޑަށް.
    23:49

    ރާއްޖޭން ޕެނަލްޓީ ފޮނުވާލަނީ އަޑޭ.
    23:49

    ޒާމިރު ދާއޫދީ ފޮނުވާލި ޕެނަލްޓީ ވެސް ގޯލްތެރެއަށް.
    23:48

    އަފްޣާނުން ޒާމިރު ދާއޫދީ.
    23:48

    ހޮކޭ ފޮނުވާލި ޕެނަލްޓީ ވެސް ގޯލްގެތެރެއަށް.
    23:48

    ރާއްޖެއިން ހޮކޭ.
    23:47

    ޖަލާލުންދީން ފޮނުވާލި ޕެނަލްޓީ ގޯލްގެ އެތެރެއަށް.
    23:47

    އަފްޣާނުން ދެޖަލާލުއްދީން.
    23:46

    ބޮންޑާ ފޮނުވާލި ޕެނަލްޓީ ވަރަށް ރީތިކޮށް ގޯލްގެ މެދުން މަތީ ދާގަނޑަށް.
    23:46

    ރާއްޖޭން ބޮންޑާ.
    23:45

    ފަގިރްޔާރު ޖެހި ޕެނަލްޓީ ގޯލްގެ ތިރީ ކަނަށް.
    23:45

    އަފްޣާން ޕެނަލްޓީ ކީޕަރު މަންސުރު ފަގިރްޔާރް.
    23:45

    ރިލޭ ފޮނުވާލި ޕެނަލްޓީ ގޯލްގެ ތެރެއަށް.
    23:44

    ރާއްޖެއިން ރިލޭ.
    23:44

    ކަރީމީ ފޮނުވާލި ޕެނަލްޓީ ގޯލް ތެރެއަށް.
    23:44

    އަފްޣާނުން ހާމިދު ކަރީމީ.
    23:43

    ސެންޓޭ ޖެހި ޕެނަލްޓީ ބޭރަށް.
    23:43

    ރާއްޖެ ޕެނަލްޓީ ސެންޓޭ.
    23:43

    ހަދީދީ ފޮނުވާލި ޕެނަލްޓީ އިމްރާން ދިފާއުކޮށްފި.
    23:42

    އަފްޣާނުން ހަދީދީ މުސްތަފާ.
    23:42

    އަކޫ ފޮނުވާލި ޕެނަލްޓީ ގޯލްގެ ކަނާތްފަރާތު މަތީ ކަނަަށް.
    23:42

    ރާއްޖޭ ދެވަނަ ޕެނަލްޓީ އަކޫ ފޮނުވާލަނީ.
    23:41

    މުސްތަފާ ޒަޒާއީ ފޮނުވާލި ޕެނަލްޓީ ވެސް ގޯލްގެ ތެރެއަށް.
    23:40

    ރާއްޖޭ ޕެނަލްޓީ ފޮނުވާލީ ދަގަނޑޭ، ވަރަށް ރީތިކޮށް ތިރިން ގޯލް ތެރެއަށް
    23:40

    އައްބާސިން ފޮނުވާލި ޕެނަލްޓީ ގޯލްގެ މަތީ ދާގަނޑަށް. އެތެރެ.
    23:39

    ފުރަތަމަ ޕެނަލްޓީ އަފްޣާނުން. ފޮނުވާލަނީ އައްބާސިން.
    23:39

    ޕެނަލްޓީ ޖަހަން ތައްޔާރު ވަނީ.
    23:34

    އިތުރު ވަގުތުގެ 30 މިނިޓްގެ ކުޅުމާއެކު މެޗުގެ 120 މިނިޓްގެ ކުޅުން ނިމުނު އިރުވެސް ނަތީޖާ އެއްވަރުވުމުން ދެން ޖެހޭނީ ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން.
    23:32

    މި ނަތީޖާގައި އޮވެ ނިމިއްޖެ ނަމަ ޖެހޭނީ ޕެނަލްޓީ ޖަހަން. އިތުރު ވަގުތުގެ 1 މިނިޓް ދީފި.
    23:31

    އަފްޣާން އޭރިޔާތެރެއިން އަޑޭ ނަގައިދިން ހުރަސް ސެންޓޭ ފޮނުވާލީ އަރިޔަކަށް ހުރެ ފުންމައިގެން އަރައި ކީޕަރަށް ކުޑަވެސް ފުރުސަތެއް ނުދީ ގޯލްގެ މެދަށް.
    23:30

    ރާއްޖެ ލަނޑު ޖަހައިފި. ސެންޓޭ ޖަހާލި ފެންވަރުގެ ގޯލެއް.
    23:29

    އަކޫ އަފްޣާން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮންޑާ ވަރަށް ރީތިކޮށް އޯވަހެޑެއް ޖަހައި ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާޢު ކުރީ.
    23:28

    ރާއްޖެއަށް ނަތީޖާ ހަމަހަމަކުރަން އެންމެ 4 މިނިޓް ބާކީ.
    23:27

    ރާއްޖެއަށް ލިބުނު ހިލޭ ޖެހުމެއް، ރިލޭ އަފްޣާން ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިދިނީ. އަޑޭ ބޯޅަ ފޮނުވާލުމުގެ ކުރިން ކީޕަރު ފަގިރްޔާރު ދިފާއުކުރީ.
    23:26

    ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް އަފްޣާން ކުޅުްނތެރިޔަކު ހުރަސްކޮށްލި ބޯޅަ ގޯލް އޭރިޔާ ތެރޭގައި ހުރި ހާމިދު ކަރީމީ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ.
    23:25

    އަފްޣާން ލަނޑު ޖަހައިފި.
    23:24

    މިހާރު އަފްޣާންގެ ހުރިހާ ކުޅުންތެރިން ހެން ކުރިއަށް ޖެހިގެން ރާއްޖޭ ހާފްތެރޭގައި ގިނަވަގުތު ބޯޅަ މި ގެންގުޅެނީ.
    23:23

    ޝަޔެސްތާ ފޮނުވާލި ހިލޭ ޖެހުން ރިލޭ ބޮލުން ޖަހައި ދިފާއުކުރީ.
    23:22

    ރާއްޖޭ ޕެނަލްޓީ އޭރިޔާގެ ބޭރުން 20 ވަރަކަށް ފޫޓު ދުރުން އަފްޣާނަށް ހިލޭ ޖެހުމެއް.
    23:21

    ރާއްޖޭ ގޯލް އޭރިޔާ ތެރެއިން ބެލާލް އަރޭޒޫ ފޮނުވާލި ބޯޅަ ކީޕަރު އިމްރާނަށް.
    23:18

    އަފްޣާން ޓީމުން ބަދަލެއް. ސަންޖާރުގެ ބަދަލުގައި ހާމިދު ކަރީމީ.
    23:17

    އިތުރު ވަގުތުގެ ދެވަނަ ހާފްގެ ކުޅުން ފެށިއްޖެ.
    23:16

    15 މިިޓްގެ ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.
    23:15

    އަފްޣާން އޭރިޔާ ތެރެއަށް ނާއްޓޭ ހުރަސްކޮށްލި ބޯޅަ ޖަހަން އެރި ދަގަނޑޭއަށް ލިބޭ ވަރެއް ނުވި.
    23:13

    15 މިނިޓްގެ ފުރަތަމަ ހާފްގެ ކުޅުން ނިމި، އިތުރު 2 މިނިޓް ދީފި.
    23:10

    އަފްޣާން ކުޅުންތެރިން ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެޓީމުގެ ސަންޖާރު ބޮލުން ޖަހައި ފޮނުވާލި ނަމަވެސް ގޯލަށް އަމާޒެއް ނުވި.
    23:05

    އަފްޣާންގެ ހަދީދީ މުސްތަފާ ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
    23:03

    ރާއްޖޭ ޓީމުން ބަދަލެއް. ބޮކުރީގެ ބަދަލުގައި އަހްމަދު ނާޝިދު.
    22:59

    އިތުރު 15 މިނިޓުގެ ފުރަތަމަ ހާފްގެ ކުޅުން ފަށައިފި.
    22:52

    ނަތީޖާ ނެރެން 15 މިނިޓްގެ ދެހާފް ކުޅެން ދެޓީމު ތައްޔާރުވަނީ.
    22:51

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ދެ މިނިޓްގެ ކުޅުންވެސް ނިމިއްޖެ.
    22:49

    އިތުރު ވަގުތުގެ 2 މިނިޓް.
    22:48

    މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގެ ކުޅުން ކުރިއަށް ދަނީ.
    22:48

    ސެންޓޭ ވަރަށް ރީތިކޮށް ދަގަނޑޭއަށް ދިން ޕާހެއް. އަފްޣާން އޭރިޔާ ތެރެއަށް ވަދެ ދަގަނޑޭ ފޮނިވާލި ބޯޅަ ގޯލްގެ ބޭރުން އަރިމަތީ ދާގަނޑަށް.
    22:45

    މުސްތަފާ ޒަޒާއީ ކުޅެން އެރީ މުހައްމަދު ޔޫސުފުގެ ބަދަލުގައި، މުޖްތަބާ ފާއިޒުގެ ބަދަލުގައި ޒާމިރު ދާއޫދީ.
    22:44

    އަފްޣާން ޓީމުން ދެ ބަދަލު ގެންނަނީ.
    22:44

    ސެންޓޭ އެކަނި އަފްޣާން އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރީ.
    22:42

    އަފްޣާން އޭރިޔާތެރެއަށް ބޯޅަ ހިފައިގެން ވަދެ ބޮކުރީ، ބޯޅަ ހުރަސް ނަގައިދިނީ. އެހެން ނަމަވެސް ބޯލަ ލިބުނީ ކީޕަރު ފަގިރްޔާރަށް.
    22:41

    އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން ސެންޓޭ ފޮނުވާލި ބާރު ހަމަލާ އެޓީމު ކުޅުންތެރިއެއް ގައިގަ ޖެހިފައި ކޯނަރަކަށް ބޭރު.
    22:41

    ރާއްޖެއަށް ކޯނަރެއް.
    22:40

    ދަގަނޑޭ ވަރަށް ރީތިކޮށް ބޯޅަ ހިފައިގެން އަފްޣާން ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ލިބުނީ ބޮކުރީއަށް. ބޮކުރީއަށް އެބޯޅަ ގޯލަށް އަމާޒެއް ނުކުރެވުނު. ރާއްޖެއަށް ނަތީޖާ ބަދަލުކޮށްލަން ލިބުނު ރަނުގެ ފުރުސަތެއް.
    22:37

    ޝަޔެސްތާ ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ހުރަސްކުރެވޭތޯ އުޅުނު އެކަމަކު އަޑޭ ކައިރިވުމުން ހުރަސް ނެގޭގޮތެއް ނުވި. ބޯޅަ ދިޔައީ ބޭރަށް.
    22:36

    ޝަޔެސްތާ ނެގި ކޯނަރު ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއިން އަމީރުއްދީން ވަރަށް ރީތިކޮށް ބޮލުން ޖަހައި ފޮނުވާލި. އެހެން ނަމަވެސް ގޯލަށް އަމާޒެއް ނުވި.
    22:35

    ބެލާލް އަރޭޒޫ ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ކޯނަރަކަށް.
    22:33

    އަފްޣާން ޕެނަލްޓީ އޭރިޔާ ތެރެއިން ބޮކުރީ ސެންޓޭއަށް ދިން ބޯޅަ ސެންޓޭ ދަގޭއަށް. ދަގޭ ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ.
    22:33

    އާމިރުއްދީން ރާއްޖޭ ގޯލް އޭރިޔާތެރެއިން ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ފައިންޖަހައި ދިފާޢުކުރީ. މޮޅު ސޭވެއް.
    22:32

    އަފްޣާން ޕެނަލްޓީ އޭރިޠާގެ އަރިމަތިން ބޮކުރީ ހުރަސް ނަގައިދިން ނަމަވެސް ބޯޅަ ލިބުނީ އަފްޣާން ކުޅުންތެރިއަކަށް.
    22:30

    ރިލޭ އަފްޣާން ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ބޮކުރީއަށް ދިން ބޯޅަ ބޮކުރީ އޯވަހެޑެއް ޖަހާ ފޮނުވާލީ. ބޯޅަ ވަރަށް މަތިން ގޮސް ކީޕަރު އަތަށް.
    22:29

    ދަގަނޑޭ އަފްޣާން ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަންނަން މަސައްކަތްކުރި. އެހެން ނަމަވެސް އަފްޣާން ޑިފެންޑަރުން ދަގޭ ބްލޮކް ކުރީ.
    22:28

    އަފްޣާންގެ އާމިރުއްދީން ރާއްޖޭ ޕެނަލްޓީ އޭރިޔާތެރެއިން ފޮނުވާލި ބޯޅަ ރާއްޖޭ ކުޅުންތެރިއެއް ގައިގަ ޖެހިފައި ބޭރު.
    22:26

    ރާއްޖޭ ޓީމަށް ލިބުނު ކޯނަރު އަފްޣާން ކުޅުންތެރިން އަނެއްކާވެސް ކޯނަރަކަށް ބޭރުކޮށްލީ.
    22:25

    ރާއްޖޭ ޓީމުން ބަދަލެއް. އަސަދުﷲގެ ބަދަލުގައި ސެންޓޭ ކުޅެން ނެރެފި.
    22:25

    ރާއްޖޭ ޓީމުން ބަދަލެއް. އަސަދުﷲގެ ބަދަލުގައި ސެންޓޭ ކުޅެން ނެރެފި.
    22:24

    އަފްޣާން ކުުންތެރިން ރާއްޖޭ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ރާއްޖޭ ޑިފެންސް ކުޅުންތެރިންގެ ގައިގަ ޖެހިފައި ބޭރަށް ނުކުތް ބޯޅަ އަފްގާން ކުޅުންތެރިޔަކު ފޮނުވާލި. އެހެން ނަމަވެސް މަތިން ބޭރަށް.
    22:21

    ބޮކުރީ ފަރުވާ ލިބިގަތުމަށް ދަނޑުން ފައިބައިފި.
    22:20

    ބޮކުރީގެ ފަޔަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެގެން ވެއްޓިފައި އޮތީ.
    22:17

    ބޮކުރީ ވަރަށް ރީތިކޮށް އަފްޣާން އޭރިޔާ ތެރެއަށް ބޯޅަ ހުރަސް ކޮށްލީ، އެކަމަކު އަސަދުﷲ އަށް ބޯޅައަކަށް ނޭރުނު.
    22:12

    އަފްޣާން ކުޅުންތެރިން އަނެއްކާވެސް ރާއްޖޭ ގޯލަށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކޮށްފި. ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ޝަޔެސްތާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.
    22:11

    އަފްޣާންގެ އަމީރުއްދީން ރާއްޖޭ ޕެނަލްޓީއޭރިޔާ ތެރޭގައި ހުރެ ގޯލަށް ފޮނުވާލި ބޯޅަ، ގޯލް ދަނޑިމަތިން ބޭރަށް.
    22:09

    ބޮންޑާ ވަރަށް ރީތިކޮށް ދަގަނޑޭއަށް ދިން ޕާހެއް، އަފްޣާން ހާފްމެދު ތެރެއިން ބޯޅަ ހޯދައިގެން އެޓީމުގެ ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ، ފޮނުވާލީ. އެކަމަކު ރީތިކޮށް ފަޔަށް އަރާގޮތެއް ނުވި.
    22:06

    ދިވެހި ސަޕޯޓަރުން ގައުމީ ޓީމަށް ސަޕޯޓު ދިނުމުގައި މިރޭ ވެސް ވަރުބަލި ކަމެއް ނެތް. ނަމަވެސް މިރޭ ދަނޑަށް ވަތް ދިވެހި ސަޕޯޓަރުންގެ މަދު.
    22:05

    ދެވަނަ ހާފް ފަށައިފި.
    21:48

    ފުރަތަމަ ހާފު ނިމިއްޖެ.
    21:46

    ބޮކުރީ ވަރަށް ރީތިކޮށް އަފްޣާން ގޯލްތެރެއަށް ހުރަސްކޮށްލި ބޯޅައެއް. އަސަދުﷲގެ ފައިގައި ބޯޅަ ލައްވާލާގޮތެއް ނުވި.
    21:45

    ތިރުރު ވަގުތު 3 މިނިޓް.
    21:44

    ދަގަނޑޭ ފޮނުވާޅި ހިލޭ ޖެހުން އަފްޣާން ކީޕަރު މަންސުރު ފަގިރްޔާރްގެ އަތަށް. އެބޯޅަ ޖަހަން އަޑޭވެސް އެރި.
    21:43

    އަފްޣާން ޕެނަލްޓީ އޭރިޔާ ބޭރުން ހާފުގެ މެދުތެރެއިން ރާއްޖެއަށް ހިލޭ ޖެހުމެއް.
    21:39

    މެޗުގެ 40 މިނިޓްގެ ކުޅުން ނިމުނީ. އަދިވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ.
    21:39

    އަފްޣާނަށް ކޯނަރެއް.
    21:38

    އަފްޣާން އޭރިޔާތެރެއިން އަސަދުﷲ ބޯޅަ ހިފަގެން ވަދެ، ބޮކުރީއަށް ދެވޭތޯ މަސައްކަތް ކުރި. އެހެން ނަމަވެސް ބޮކުރީއަށް ލިބޭވަރެއް ނުވި.
    21:31

    ރާއްޖެ ޓީމުން ބަދަލެއް. ބަކާގެ ބަދަލުގައި ކުޅެން ނެރުނީ، ޝަމްވީލް ގާސިމް (ބޮންޑާ)
    21:29

    ބޮކުރީ ވަރަށް ރީތިކޮށް އަފްޣާން ޕެނަލްޓީ އޭރިޔާތެރެއަށް ނަގައިދިން ހުރަސް، އޭރިޔާތެރޭގައި ހުރި ދަގަނޑޭގެ އަތުގައި ޖެހުނީ. މިއީ ލަނޑު ޖަހަން ލިބުނު ރީތި ބޯޅައެއް.
    21:27

    އަފްޣާން އޭރިޔާތެރެއަށް ބޮކުުރީ ނަގައިދިން ރީތި ހުރަހެއް. އެކަމަކު ބޯޅައަށް އަރައި ހުރި އަސަދުﷲ އަށް ބޯޅަ ލިބޭވަރެއް ނުވި.
    21:25

    ބޮކުރީ އަފްޣާން އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކީޕަރު މަންސުރުގެ އަތަށް.
    21:23

    އަސަދުﷲ އަފްޣާން އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެވޭތޯ މަސައްކަތްކުރި. އަފްޣާން ކުޅުންތެރިއެއްގެ ގައިގައި އަޅައިގެންފައި ވެއްޓުނީ.
    21:22

    އަފްޣާންގެ ޝަޔެސްތާ ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލެވޭތޯ ބެލި، އެކަމަކު ރާއްޖޭ ކުޅުންތެރިން ކޯނަރަކަށް ބޭރުކޮށްލީ.
    21:20

    އަފްޣާނަށް ކޯނަރެއް.
    21:19

    އަފްޣާން އޭރިޔާ ތެރެއަށް ބޮކުރީ ނަގައިދިން ހުރަސް އެޓީމު ކުޅުންތެރިން ދިފާއު ކުރީ.
    21:18

    މި މުބާރާތުގައި ރާއްޖެ ކުޅުނު އެހެން މެޗުތަކާ އަޅާ ބަލާއިރު މިރޭ ސަޕޯޓަރުން ތަންކޮޅެއް މަދު.
    21:13

    ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ބެލާލް ނަގައިދިން ހުރަސް ގޯލް އަރިމަތިން ބޭރަށް.
    21:12

    ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ސަންޖާރު ފޮނުވާލި ހަމަލާ ގޯލަށް އަމާޒެއް ނުވި.
    21:12

    ރާއްޖެއަށޤ އަފްޣާން ހާފް ތެރެއިން ހިލޭ ޖެހުމެއް.
    21:11

    އަފްޣާން ކުޅުންތެރިން ރާއްޖޭ އޭރިޔާ ތެރެއިން ފޮނުވާލަން އުޅުނު ބޯޅަ ރާއްޖޭ ކުޅުންތެރިން ކޯނަރަކަށް ބޭރު.
    21:08

    އަފްޣާންގެ މަޝްރިގީ ރާއްޖޭ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ އިމްރާން އަތުގައި ޖެހިފައި ބޭރަށް.
    21:04

    އަސަދުﷲއަށް ފައުލް ކުރުމުން އަފްޣާން ޕެނެލްޓީއޭރިޔާ ބޭރުން ރާއްޖެއަށް ޖެހުމެއް.
    21:04

    އަސަދުﷲއަށް ފައުލް ކުރުމުން އަފްޣާން ޕެނެލްޓީއޭރިޔާ ބޭރުން ރާއްޖެއަށް ޖެހުމެއް.
    21:02

    ރިލްވާނަށް އަނިޔާވެގެން ދަނޑުމަތީގައި އޭނާއަށް ފަރުވާދެނީ. އަފްޣާނުން ވަނީ ދެންމެ ރާއްޖެ ކޯލަށް ހަމަލާ އުފައްދަން މަސައްކަތްކޮށްފައި. ނަމަވެސް ރާއްޖޭގެ ޑިފެންސް ވަރުގަދަވުމުން، އެ މީހުގެ ހަލަތާތަކަށް ރާއްޖެއިން ވަނީ ހުރަސް އަޅާފައި.
    21:00

    ރާއްޖެއިން އަފްޣާން ކޮޅަށް ހަމަލާ އުފައްދަން މަސައްކަތް ކުރަނީ. އަޝްފާގާއި ބޮކުރީ ވަނީ އަފްޣާން ކޮޅަށް ހަމަލާ އުފައްދަން މަސައްކަތްކޮށްފައި.
    21:00

    މެޗު ފަށައިފި.
    20:53

    މިރޭގެ ޝަރަފުވެރި މެހެމާނަކީ އުއްތަމަފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން. އެމަނިކުފާނު ދެ ޓީމުގެ ކުޅުންތެެރިންނާ ސަލާމް ކުރައްވައިފި. މިހާރު ކުރިއަށްދަނީ އަފްޣާނިސްތާންގެ ގައުމީ ސަލާމް.
    20:52

    ދެ ޓީމުގެ ކުޅުންތެރިން ދަނޑަށް އަރައިފި.
    20:38

    ކަރާޗީގައި 2005 ވަނަ އަހަރު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 9-1 ލަނޑުން. އެ މެޗުގައި އިބްރާހީމް ފަޒީލު (އޮއްޕޮ) އާއި އަހުމަދު ތޯރިގު (ޓޮމް) މިއިން ކޮންމެ ކުޅުންތެރިއަކު ތިން ލަނޑު ކާމިޔާބު ކުރި އިރު ދަގަނޑޭ ވަނީ އެ މެޗުގައި ދެ ލަނޑު ޖަހައިފައި. އަނެއް ލަނޑު ޖަހައިދިނީ ޢަލީ ޢުމަރު.

    ބަންގާޅުގައި 2009 ވަނަ އަހަރު ބައްދަލުކުރި މެޗުން ރާއްޖެ މޮޅުވީ 3-1 ލަނޑުން. އެ މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޓޮމް އާއި ދަގަނޑޭ. އެ މެޗުގައި ދަގަނޑޭގެ ވަނީ ދެ ލަނޑު ޖަހާފައި. އަފްޣާނުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބަރަކްޒާއީ.

    ނޭޕާލުގައި 2010 ވަނަ އަހަރު ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެން.

    20:34

    އަފްޣާނާ ދެކޮޅަށް ރާއްޖެ ކުޅެފައި ވަނީ ތިން ފަހަރު. އެއީ 2005 ވަނަ އަހަރު ފާކިސްތާނުގެ ކަރާޗީގައި ބޭއްވި ސާފު ގޯލްޑް ކަޕާއި 2009 ވަނަ އަހަރު ބަންގާޅުގައި ބޭއްވި ސާފު ޗެމްޕިއަންޝިޕުގައި. މިދިޔަ އަހަރު ނޭޕާލުގައި ބޭއްވި ސާފު ޗެމްޕިއަންޝިޕުގައި ވެސް އަފްޣާނިސްތާނާ ދެކޮޅަށް ރާއްޖެ ނުކުތް. އެ ތިން މުބާރާތުގައި ވެސް ރާއްޖެ އާއި އަފްޣާން ބައްދަލުކުރީ ގްރޫޕް ސްޓޭޖުގައި.