އޭއެފްސީ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މާދަމާ ރޭ ފިލިޕީންސްއާއި ފަލަސްތީން ވެސް ނުކުންނަނީ އެއް އަޒުމެއްގައި މުބާރާތުގެ ތަށި ހޯދައިގެން، އަންނަ އަހަރު އޮސްޓޭލިއާގައި ބާއްވާ އޭޝިއަން ކަޕަށް ދަތުރު ކުރަން ކަމަށް އެ ދެޓީމްގެ ކޯޗުން ބުނެފި އެވެ.

ފައިނަލް މެޗުގެ ކުރިން މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފަލަސްތީންގެ ކޯޗް ޖަމާލް މަހުމޫދު ބުނީ، ފައިނަލުގައި އިދިކޮޅަށް ނުކުންނަ ފިލިޕީންސް ޓީމަކީ މިމުބާރާތުގައި ވާދަކުރި ޓީމްތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ޓީމް ކަމަށާއި އެހެން ނަމަވެސް މާދަމާ ރޭގެ ބޮޑު މެޗަށް ނުކުންނާނީ ތަށި ހޯދުމުގެ އުންމީދާއެކު އޭޝިއަން ކަޕަށް ވެސް ދަތުރު ކުރުމުގެ އުންމީދުގައި ކަމަށެވެ. އަދި މެޗަށް ނުކުންނައިރު ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ސީރިއަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ކޯޗް މަހުމޫދު ބުންޏެވެ.

"މާތް ﷲގެ އިރާދަފުޅާއެކު އަހަރުމެން މާދަމާރޭގެ ބޮޑު މެޗަށް ނުކުންނާނީ ވަރަށް ފޮނި އުންމީދާއެކު މެޗް ކާމިޔާބު ކުރަން. ޓީމުގެ ހުރިހާ ކުޅުންތެރިންގެ އަމާޒަކަށް ވެފައި ވަނީ ވެސް ތަށި ހޯދައިގެން އޭޝިއަން ކަޕަށް ދަތުރު ކުރުން. މެޗަށް ނުކުންނައިރު ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް" ފަލަސްތީންގެ ކޯޗް ޖަމާލް މަހުމޫދު ބުންޏެވެ.

ފައިނަލުގައި ފަލަސްތީނާ ދެކޮޅަށް ނުކުންނަ ފިލިޕީންސްގެ ކޯޗު ތޯމަސް ޑޫލޭ ބުނީ، މާދަމާ ރޭގެ މެޗަކީ މުބާރާތުގައި އެޓީމް ކުޅޭ އެންމެ ވަރުގަދަ އެއް މެޗް ކަމަށާއި އެމެޗަށް ނުކުންނައިރު ޓީމްގައި ތިިބި މުހިންމު ބައެއް ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވީ ނަމަވެސް، މެޗުގައި ނުކުޅެވޭ ވަރުގެ ސީރިއަސް އަނިޔާއެއް ލިބިފައިވާ އެންމެ ކުޅުންތެރިއަކުވެސް ނެތް ކަމަށެވެ. އަދި ޓީމުގައި ތިބި 23 ކުޅުންތެރިންނަކީ ވެސް މުހިންމު، މޮޅެތި ކުޅުންތެރިން ކަމަށާއި ސީރިއަށް އަނިޔާއެއް ލިބި އެކުޅުންތެރިއަކަށް މެޗްގައި ނުކުޅެވޭނަމަ ބަދަލުގައި ނުކުންނާނެ ކުޅުންތެރިއަކީ ވެސް މެޗުގައި މުހިންމު ކުޅުންތެރިއެއް ކަމަށް ކޯޗް ޑޫލޭ ބުންނެވެ.

"އަހަރުމެން ފައިނަލަށް ދަތުރު ކުރީ ވަރުގަދަ މެޗަކަށްފަހު. އެއީ ރާއްޖެ މެޗް. އެމެޗުގައި އަހަރުމެން ޓީމުގެ ބައެއް ކުޅުންތެރިންނަށް އެކިވަރުގެ އަނިޔާވި. އެކަމަކުވެސް އެމެޗް އެހާ މުހިންމު ވީމަ އަނިޔާގައި ހުރި މިޑްފީލްޑަރު ސްޓެފަން ޝްރޮކް ވެސް ކުޅެން ނެރެން ޖެހުނު. މާދަމާ ރޭގެ މެޗުގައި ވެސް އޭނަ ފެންނާނެ ކަމަށް އުންމީދު ކުރަން." ކޯޗް ޑޫލޭ ބުންޏެވެ.

މާދަމާ ރޭގެ ފައިނަލް މެޗް ފަށާނީ 9:00ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.