ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ފުލުހުން މިއަދު އެއްވުމެއް ބާއްވައިފި އެވެ.

ފުލުހުންގެ އިސްކަންދަރު ކޮށީގައި ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި އެއްވުމުގައި އޮތީ ފުލުހުންނަށް ނަސޭހަތް ދިނުމާއި އަޒުމްއާ ކުރުމާއި ދުއާއެއް ކުރުމެވެ.

އެ އެއްވުމުގައި ފުލުހުންނަށް ނަސޭހަތް ދެއްވުމަށް ވަޑައިގެންނެވީ އައް ޝައިޚު އާދަމް ޝަމީމް އިބުރާހީމެވެ. ފުލުހުންނަށް ނަސޭހަތް ދެއްވަމުން ޝެއިޚު ޝަމީމު ވިދާޅުވީ ޝަހީދުންނަށް ދެއްވުމަށް ﷲ ވަޢުދުކުރައްވާފައިވާ ކަންތައްތައް ގިނަ ގުނަ ކަމަށެވެ.

"...ﷲ ގެ މަގުގައި ޝަހީދުވެދާމީހުންނަށް ދެއްވުމަށް ވައުދުކުރައްވާފައިވާ ވައުދުތައް ވަރަށް ގިނަ. ވަރަށް ބޮޑު، އެވައުދުތަކުގެ ވާހަކަ އަޅުގަނޑުމެން ތަފުސީލުކޮށް ކިޔަން ވެއްޖެ ނަމަ އެންމެ ދުވަހަކުން ނުނިމޭނެ. ޤުރުއާނާ ސުންނަތުގައި ވަރަށް ބައިވަރު ފަޟީލަތްތައް ޝަހީދުންނާ މެދުގައި ވާރިދުވެފައިވޭ،" ޝައިޚު ވިދާޅުވިއެވެ.

ޝަހީދުންނަށް ލިބޭނޭ ކަން އަންގަވާފައިވާ ގިނަ ގުނަ ނިއުމަތްތަކާ ބެހޭ ގޮތުން ޝެއިޚު ވަރަށް ތަފުސީލުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޝަހީދަކަށް ވެވޭނެ ގޮތާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. ވިދާޅުވީ ޝަހީދަކަށް ވާނީ ހަމަ އެކަނި ﷲ އަށް ޓަކައި ހަނގުރާމަކޮށްގެން ކަމަށެވެ.

މިއަދުގެ އެއްވުމުގައި ކަމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާއި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވިއެވެ.